ޓިއުނީޝިޔާގެ އައްސޭރިޔާ ދިމާއަށް 10 ދުވަހުގެ ތެރޭގައި 200 އަށްވުރެ ގިނަ ރެފިއުޖީން ކަނޑުވެގެން މަރުވެއްޖެ

ޓިއުނީޝިޔާގެ ކޯސްޓްގާޑުގެ ބަޔަކު މަރުވެގެން ލައްގާފައިވާ މީހެއްގެ ހަށިގަނޑު ނަގަނީ

ޓިއުނީޝިޔާ (ތޫނިސް) ގެ ނޭޝަނަލް ގާޑް އޮފިޝަލަކު މައުލޫމާތުދެއްވި ގޮތުގައި، ޓިއުނީޝިޔާގެ ކޯސްޓްގާޑުން އިއްޔެ ވަނީ އެގައުމުގެ އައްސޭރިއާ ދިމާއަށް ބޭރުން ކަނޑުވެ މަރުވި 41 މީހެއްގެ ހަށިގަނޑު ނަގާފައެވެ. މިއާއެކު އެގައުމުގެ ކަނޑުގެ ސަރަހައްދުގައި ރެފިއުޖީންގެ ބޯޓުތައް ބަންޑުންޖަހާލުމުގެ ސަބަބުން ފާއިތުވި 10 ދުވަހު ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ 210 އަށް އަރާފައެވެ.

ނޭޝަނަލް ގާޑްގެ އޮފިޝަލެއް ކަމުގައިވާ ޙުސާމުއްދީން ޖަބާބްލީ ވިދާޅުވި ގޮތުގައި ކަނޑުން ނެގި މީހުންގެ ހަށިތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެހެންކަމުން އެއީ މަރުވިތާ އެތައް ދުވަހެއް ވެފައިވާ ބައެއްގެ ހަށިތަކެކެވެ.

މީގެ ކުރިން ދުވަހަކުސް ޓިއުނީޝިޔާއާ ދިމާއަށް ކަނޑުމަތީގައި މިހާ ކުރު މުއްދަތެއްގައި މިހާ ގިނަ ބަޔަކު މަރުވެފައި ނުވެއެވެ.

މި ފަހަކަށް އައިސް ޓިއުނީޝިޔާ މަގުން އިޓަލީއަށް ދަތުރުކުރުމަށް މަސައްކަތްކުރާ މެދުތެރޭ ސަބް ސަހާރަން އެފްރިކާއާއި، ސޫދާނާއި، ސީރިޔާ (ސޫރިޔާ) ގެ ރެފިއުޖީންގެ އަދަދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ދަތުރު ކުރަން އުޅެނިކޮށް މަރުވާމީހުންގެ އަދަދު އިތުރުވުމުގެ މައްސަލައާ ކުރިމަތިލާން ޓިއުނީޝިޔާއަށް ޖެހިފައި ވާއިރު، އިޓަލީއަށް ދަތުރު ފެށުމަށް އެންމެ ގިނަ މީހުން ބޭނުންކުރާ ބަނދަރުމަތީ ރަށް ޞަފާޤިސްގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ދަނީ އެފަދަ މީހުންގެ ހަށިތަކުން ފުރެމުންނެވެ.

"އަންގާރަ ދުވަހު އަހަރުމެންނާ ހަމައަށް 200 މީހެއްގެ ހަށިގަނޑު އައިސްފައިވޭ. މިއީ ހޮސްޕިޓަލުގެ ޖާގައަށް  ބަލާއިރު މާ ބޮޑު އަދަދެއް. އެކަމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް ބޮޑު." ޞަފާޤިސްގެ ޝަރުޢީ ދާއިރާގެ އޮފިޝަލެއް ކަމުގައިވާ ފައުޒީ މަސްމޫދީ ވިދާޅުވިއެވެ. އެރަށުގައި ހޮންނަ މޯޗަރީއަކީ އެރަށުގައި ވަށައިގެން އުޅޭ އެއް މިލިއަން މީހުންނަށް ހުރި ހަމައެކަނި މޯޗަރީއެވެ.

ޓިއުނީޝިޔާ އައްސޭރިއާ އިޓަލީއާ ދެމެދު ހުންނަނީ އެންމެ 150 ކިލޯމީޓަރެވެ. އެހެންކަމުން، އެ ގައުމު ވެފައި ވަނީ އިޓަލީއަށް ހިޖުރަކުރަން ބޭނުންވާ ރެފިއުޖީން ދަތުރުފަށާ ތަނަކަށެވެ.

މަސްމޫދީ ވިދާޅުވިގޮތުގައި މޯޗަރީއަށް ބާރުކުޑަކޮށް ޖާގަ ހެދުމަށް ކޮންމެ ދުވަހަކުހެން ޖަނާޒާތައް ބާއްވައެވެ. އެގޮތުން މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ވެސް 30 މީހެއްގެ ހަށިގަނޑު ވަޅުލާފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.