އަނާ - 10

(31 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑުގެ ގޭގެ ދޮރު މައްޗަށް އަންނަންޖެހޭ ވަރަށް އެ މީހުންނަށް ދަތިކުރުން.."

"ކަލާ ކުޑަދުވަސްކޮޅެއް ވަންދެން ހޮސްޕިޓަލްގައި އޮންނަވަން ޖެހިލައްވާނެ. ޘަނާއުﷲ ބުންޏެވެ.

"ކީއްވެތޯ؟" އަނާ ސިއްސައިގެން ދިޔައެވެ.

"އަޅުގަނޑު ކަލާގެ ކޭހާއިގެން ކުރިއަށްދާން މިހާރު މިހިރީ ޤަބޫލުވެގެން. ވީމާ މިހާރު އަޅުގަނޑު ނަންގަންނަ ގޮތަކަށް ކަލާ އަމަލު ކުރައްވަންވާނެ. ކަލާ އެދިލައްވާގޮތަށް އަޅުގަނޑު ކަންތައްތައް ކޮށްދޭނަން. މާނައިން ފުރިފައިވާ ގޮތަކަށް ޘަނާއުﷲ ބުންޏެވެ.

"ކަލާގެ ފީ އަކީ..."

"ޝަރީއަތް ނިމުނީމާ..."

އަނާ އޭނާގެ އަތުގައި އޮތް ރަނުގެ ދެތަނޑި ގަނޑު ބާލާފައި މޭޒުމަތީގައި ބޭއްވިއެވެ.

ދެން އޭނާ ތެދުވެއްޖެއެވެ.

ޘަނާ އޭނާއާ ދިމާއަށް ބަލަންއިނެވެ.

އަނާ ބުނެލިއެވެ.

"އަޅުގަނޑު ހުންނަނީ ޙާމިދު ޢަލީގެ ގޭގައި. އެއީ އޭ ބްލޮކްގެ 56 ނަންބަރުގެ ގެ" އެހެން ބުނެފައި އަނާ ވަރަށް ބާރަށް ހިނގާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ.

ޘަނާ މޭޒުމަތީގައި އޮތް ދެތަނޑިގަނޑާ ދިމާއަށް ބަލަން އިނެވެ.

ކުޑައިރުކޮޅަކަށް ފަހު އޭނާގެ ތުންފަތަށް ވެރިވެގެން ދިޔައީ ޢަޖައިބުވާފަދަ އަސަރެއް އެކުލެވިފައިވާ ހިނިތުންވުމެކެވެ.

އޭނާ ވަރަށް އިޙްތިރާމާއެކު އެ ދެ ތަނޑިގަނޑު ނަގާފައި އޭނާގެ ތުންފަތުގައި ޖައްސާލިއެވެ

އަނާ ހޮސްޕިޓަލަށް އެޑްމިޓް ކުރެވުނުތާ މިއަދު މިއީ ތިންވަނަ ދުވަހެވެ. އޭނާ އޮތީ ސަހާރަން ޕޫރުގެ ހިލޭ ބޭސްކޮށްދޭ ހޮސްޕިޓަލެއްގައެވެ. އޭނާގެ ބައްޔެއް ކަމަށްވަނީ ފިކުރު ބޮޑުވުމުގެ ބައްޔެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވަނީ ހާޓްއެޓޭކް އެއް ޖެހިގެންނެވެ. މިހުރިހާ ވާހަކައެއްވަނީ އޭނާއާ ބެހޭގޮތުން ތައްޔާރުކުރެވުނު ރިޕޯރޓްގައި ބަޔާންކުރެވިފައެވެ. އޭނާވަނީ ހިތްފަޅައިގެން ދާވަރުވެފައި ކަމަށް ވީނަމަވެސް އަދި އޭނާއަށް ޓަކައި ދުނިޔެ އަނދިރިވެފައި ވީނަމަވެސް، އޭނާއާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯރޓްގައިވާ މި ދެ ބަލި އޭނާއަކަށް ޖެހިފައެއްނުވެއެވެ. ހޮސްޕިޓަލުގެ ސްޓާފުންވެސް އަނާއާމެދު ކަންތައް ބަލަހައްޓަމުންދަނީ އިމަރޖެންސީ ޕޭޝަންޓަކާމެދު ކަންތައް ބަހައްޓާ ގޮތަކަށެވެ. އަނާއަށް ބޭސްކުރަމުންދަނީ ޑޮކްޓަރ ޡަފަރެވެ. ހޮސްޕިޓަލްގައި އޭނާއަށް ކިޔާ އުޅެނީ ޕްރޮފެސަރ ޡަފަރެވެ.

އުމުރުން 55 އަހަރުވީ ޕްރޮފެސަރ ޡަފަރު އޭނާގެ އެހީތެރި އެހެން ޑޮކްޓަރުން ތަކެއް ގޮވައިގެން އައިސް ދެވަނަ ފަހަރަށްވެސް އަނާ ބަލައިފިއެވެ. އެމީހުންގެ މޫނުމަތިން ފެންނަ ގޮތުގައި މިޕޭޝަންޓާމެދު އެމީހުން އަދިވެސް ވަނީ ވަރަށް ކަންބޮޑުވެފައެވެ. އޭނާ އަދިވެސް ނުރައްކަލަކުން ނާރައެވެ. އެހެންކަމުން އޭނާއާ މެދު ޚާއްޞަގޮތެއް ބެހެއްޓުމަށް ސްޓާފުންނަށް ޕްރޮފެސަރ އެންގިއެވެ. އަނާ ބާއްވާފައި އޮތީ ވޯރޑެއްގައި ކަމަށްވިއަސް އެއީ ވަރަށް ކުޑަކުޑަ ވޯރޑެކެވެ. އޭނާގެ އިތުރުން އެ ވޯރޑްގައި ވަނީ އެންމެ ތިން އެނދެވެ.

ސްޓާފުން އަވަސް އަވަހަށް ދުވެދުވެފައި އުޅޭތަނާއި ޑޮކްޓަރުންތައް އިރުއިރުކޮޅާ އައިސް އޭނާ ޗެކްކުރަމުންދާތަން ފެނުމުން ޙަޤީޤަތުގައި އޭނާވަނީ ނުރައްކައުތެރިވާ ހިސާބަށް ބަލިވެފައި ކަމަށް އަނާއަށް ހީކުރެވެން ފަށައިފިއެވެ. އޭނާ ބަލިވެ ފައިވާ ކަމަށް އޭނާ އަމިއްލައަށް ހީކުރެވެން މި ފެއްޓީ ނަފްސާނީ ގޮތުގެ އޭނާއަށް އެކަން ހިތަށް ވައްދައިދީގެންނެވެ. އަނެއްކޮޅުން ޙަޤީޤަތުގައި އޭނާ އެ ވަޤުތުވަނީ ވަރަށް ބޮޑަށް ވަރުދެރަވެފައެވެ. ދެމުންދަނީ ކޮންކަހަލަ ބޭހެއްކަމެއް އޭނާއަކަށްވެސް ނޭނގެއެވެ.

"އަނެއްކާ މި މީހުން އަހަރެންގެ ފުރާނަދުއްވާލަން އުޅެނީ ބާވައެވެ."

އަނާ ހިތަށް ޢަޖައިބުވާފަދަ ތަފާތު ޚިޔާލުތައް ވަންނަމުންދިޔައެވެ. ނަމަވެސް އެއާއެކު އޭނާގެ ހިތަށް ތަޞައްވަރުވެގެންދަނީ ޘަނާއުﷲގެ މޫނެވެ.

"އަޅުގަނޑު ނަންގަންނަ ގޮތަކަށް ކަލާ ޢަމަލު ކުރައްވަންވާނެއޭ އަދި ކަލާ އެދިލައްވާ ގޮތަށް އަޅުގަނޑު ކަންތައް ކޮށްދޭނަމޭ" އޭނާ ބުނެފައިވާކަމެވެ.

އަނާ ގޮވައިގެން ހޮސްޕިޓަލަށް އެޑްމިޓްކުރަން އޭނާ އައިގޮތަށް މިއަދާ ހަމައަށް އޭނާ އެއްގޮތަކަށްވެސް ހޮސްޕިޓަލަކަށް ނާދެއެވެ. ޙާމިދު ޢަލީއާއި ޒައިތޫން އާންޓީ ކޮންމެ ދުވަހަކުވެސް ދެ އިރު ހޮސްޕިޓަލަށް އާދެއެވެ. އަނާ ކުއްލިއަކަށް މިހާ ބޮޑަށް ބަލިވީ ކީއްވެގެންކަމެއް އަދި އޭނާގެ ބައްޔަކީ ކޮބައިކަމެއް އެ ދެ ފަކީރުންނަކަށް ނޭނގެއެވެ. ޚުދު އަނާއަށްވެސް އޭނާއަށް ވެގެން މިއުޅެނީ ކޮން ބައްޔެއްކަމެއް ނޭނގެއެވެ. މިވަގުތު ޙާމިދު ޢަލީއާއި ޒައިތޫން އާންޓީއާ އޭނާ ގާތުގައި ތިއްބެވެ. ދެ މީހުންވެސް ނުލާހިކު ބިރުގެންފައިވާ ގޮތެއްގައި އަނާއާ ދިމާއަށް ބަލަމުންދަނީއެވެ.

"ދަރިފުޅު ކާން ޑޮކްޓަރުން ބުނެފައިވަނީ ކޮންއެއްޗެއްތަ؟"

"އެ މީހުން އަހަރެނަށް އެއްވެސް އެއްޗެއް ކާކަށް ނުދޭ" އަނާ މަޑުމަޑުން ބުންޏެވެ.

"އެމީހުން އެއްޗެއް ދިނަސް އެދޭ އެއްޗަކަށް ކާއެއްޗެކޭ ނުކިޔޭނެ" އަނާ ފޫހިފާޑަކަށް ބުންޏެވެ.

"އަޅެ، ދަރިފުޅު ތިޔަހާ ބޮޑަށް ހިތާމަ ކުރުމުގެ ބޭނުމަކީ ކޮބައިތަ؟ އެ  މީހުން އެންމެން ނަރަކައަށް ހިގައިދާނެ. އެ މީހުންނަށްޓަކައި ދަރިފުޅު މަރުވާންވީ ކީއްކުރަން."

އަނާ އެއްވެސް އެއްޗެއް ނުބުނީމާ ޙާމިދު ޢަލީ ބުންޏެވެ.

"އާފަލެއް ދެންތަ ދަރިފުޅާ!"

"ޑޮކްޓަރުންވަނީ ބޭރުން ގެންނަ އެއްވެސް އެއްޗެއް ކެއުން މުޅީން މަނާކޮށްފައި"

"އެ މީހުން ދަރިފުޅަށް ކާންދެނީ ކޮންއެއްޗެއް؟"

"ނޭނގެ އާންޓީ ފާޑުފާޑުގެ އެއްޗެތިދޭ!"

"ރަނގަޅުވާނެ ކަހަލަ އެއްޗެތި ދެނީ ކަމަށްވެދާނެ." ފުންނޭވާއެއް ލާފައި އާންޓީ ޒައިތޫން ބުންޏެވެ.

ކުޑައިރުކޮޅަކު އަނާ ގާތުގައި ތިބުމަށްފަހު އާންޓީ އެ ދެމަފިރިން ހިނގައްޖެއެވެ. ބަލި މީހާކައިރީގައި ގިނައިރު ތިބުމުގެ ހުއްދަވެސް ނޯންނާތީއެވެ. އަނާއަށް ދެމުންގެންދަނީ ހަމައެކަނި ތަފާތު މޭވާ ޖޫހެވެ. އެއްވެސް ކަހަލަ އޮއްޓަރު ހުރިއެއްޗެއް އޭނާއަކަށް ނުދެއެވެ. ސްޓާފުން އަބަދާއި އަބަދު އޭނާގެ ކަންތައްތައް ނުހަނު  ފަރުވާތެރިކަމާއިއެކު ބަލަހައްޓަމުން ގެންދެއެވެ. އޭނާ ބާތުރޫމަށް ނުވަތަ ވޯރޑްގެ ދޮރުމަތީގައި އޮންނަ ހާމަތަނަށް ނުކުންނަން ބޭނުންވިއަސް ނަރުހުން އޭނާ ގެންދަނީ ވީލްޗެއަރެގައެވެ. އަދި އޭނާ އެއިން ތަނެއްގައި އިންނަހާ އިރަކު ނަރުސް ކައިރީގައި ހުރެއެވެ.

މިހާރު ރޭގަނޑު 10 ޖަހަނީއެވެ. މިވަގުތުވެސް ވޯރޑްގައި އޮވެއޮވެ ފޫހިވެގެން ބޭރަށް ނުކުމެލަން ބޭނުންވެގެން އަނާ ބުނުމުން މެޝިނެއް ހިނގައިގަތްހެން ނަރުސް ޙަރަކާތްތެރި ވަމުންދިޔައެވެ. މިހާރު އޭނާ އިނީ ބޭރުގައި ހުރި މާ ގަސްތަކެއްގެ ކައިރީގައެވެ. ވީލްޗެއަރ އެއްގައެވެ. ނަރުސް އޭނާ ކައިރީގައި ހުއްޓެވެ. ހީވަނީ އޭނާގެ އަމުރަކަށް ބަލަބަލާ ހުރީހެންނެވެ.

"ނާރސް... އަޅެބުނެބަލަ...." އަނާ ވަރަށް ދެރަވެލާފައި ނަރުހާ މުޚާޠަބުކުރިއެވެ. ޙަޤީޤަތުގައި އަނާ ވަނީ ވަރަށް ދެރަވެފައެވެ.

"ޔޭސް މެޑަމް" ނާރސް ޖަވާބުދިނެވެ.

"އަހަރެންނަށް ވެގެން މިއުޅެނީ ކީއްތަ؟"

"ކަލާއާމެދު މިހާބޮޑު ސަމާލުކަން ދޭންޖެހިފައިވާ ސަބަބަކީ ކަލާ ހޮސްޕިޓަށް ގެނެވިފައިވަނީ ހޭނެތިފައިވާ ޙާލަތެއްގައިކަމަށްވާތީ. އެއާއެކު ކަލާއަށްވަނީ ތަންކޮޅެއް ލުއިގޮތަކަށް ހާރޓްއެޓޭކް އެއްވެސް ޖެހިފައި. މިހާރު މާތްކަލާނގެ ރަޙްމަތްފުޅުން، ޕްރޮފެސަރ ޡަފަރު ޞާޙަބް ކުރެއްވި މަސައްކަތުން ކަލާގެ ޙާލަތު އަންނަނީ ރަނގަޅުވަމުން. އެ ކަމަށްޓަކައި ކަލާނގެ ކިބައަށް ޝުކުރުކުރަން...."

އަނާ ބުނާނެ އެއްޗެއް ނޭނގުނެވެ. އަނާ ހިމޭންވެއްޖެއެވެ. ހިމޭންވާންޖެހުނީ ކީއްވެތޯއެވެ. އޭނާއަށް އެއްވެސް ކަމެއް ނުވާތީއެވެ. އޭނާ ހޮސްޕިޓަލަށް އައީ ވަކީލު ޘަނާއުﷲއާ އެކުގައި ހަމައެންމެ ހެޔޮ ޙާލުގައި ހުރެގެންކަން އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަދި އޭނާ ގެންގޮސް ބޭންދީ، ޕްރޮފެސަރ ޡަފަރުގެ ޕްރައިވެޓް ރޫމްގައިކަންވެސް އޭނާ ހަނދާން ހުއްޓެވެ. އެ ތާނގައި އޭނާއަށް އިންޖެކްޝަނެއް ދިނެވެ. ދެން އޭނާއަށް ހޭލެވުނު އިރު އޭނާ އޮތީ އެނދެއްގައެވެ. އަދި ޑޮކްޓަރުންގެ ޓީމެއް އޭނާ ވަށާލައިގެން ޓެސްޓްތައް ކުރަމުންދަނީއެވެ. ޑޮކްޓަރުގެ ތެރޭގައި ޕްރޮފެސަރ ޡަފަރުވެސް ހުއްޓެވެ. މިހާރު ނާރސް އޭނާ ގާތުގައި ބުނަމުންއެދަނީ އޭނާ ހޮސްޕިޓަލަށް ގެނެވުނީ ހޭނެތިފައި އޮއްވާކަމުގައެވެ. އެކަން އެހެންވާނީ ކިހިނެތް ހެއްޔެވެ. އަނެއްކާ މިއީ ކޮންފަދަ ސެޓަޕެއް ތައްޔާރު ކުރަނީ ބާވައެވެ. ވަކީލުގެ ރޭވުމެއް ބާވައެވެ. އޭނާ ކޭސް ކާމިޔާބު ކުރުމަށްޓަކައި ކޮންކޮން ބައެއް ގަންނަނީ ބާވައެވެ. އަނާ ހިތަށް އަރަމުން ދިޔައެވެ. އަނެއްކޮޅުން އޭނާ އަމިއްލައަށްވެސް އޭނާގެ ހަށިގަނޑުގެ ވަރުދެރަކަމާއި ކޮޅަށް ތެދުވެ ހުރެވޭހާ ބާރު ދެފައިގައިނެތްކަން އިޙްސާސް ކުރެވެމުން ދެއެވެ. އަދި އޭނާއަށް އިޙްސާސް ކުރެވެމުން ދާގޮތުގައި އޭނާއަށް ހީކުރެވުނީ މި ހޮސްޕިޓަލުގެ މީހުން މަޑުމަޑުން އޭނާގެ ފުރާނަ ހަށިގަނޑުން ނެރެމުން ގެންދަނީ ކަމަށެވެ.

ކޮންމެއަކަސް ނާރސް އޭނާއަށް އެ ކިޔައިދިން ވާހަކަތަކަކީ ތެދެއްކަމަށް އަނާއަށް ޤަބޫލުކުރެވިއްޖެއެވެ. އެކަން އެހެންއެވީ ގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ނަމަވެސް އޭނާއަށް ޤަބޫލު ކުރެވުނު ގޮތުގައި ޙަޤީޤަތުގައި އޭނާ ބައްޔެވެ. އޭނާއަށް ހާރޓްއެޓޭކެއް ޖެހުނެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.