މިއަދުގެ މައިންބަފައިން، ކީރިތި ރަސޫލާ ދަރިންނާ މުޢާމަލާތުކުރެއްވި ގޮތަށް އަމަލުކުރަން ޖެހޭ: އައްޝައިޚް މުޙައްމަދު މޫސާ

މިއަދުގެ މައިންބަފައިން، ކީރިތި ރަސޫލާ ދަރިންނާ މުޢާމަލާތުކުރެއްވި ގޮތް ދަސްކޮށް އެގޮތަށް ދަރިންނާމެދު އަމަލުކުރަން ޖެހޭކަމަށް އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވެއްޖެއެވެ.

އައްޝައިޚް މުޙައްމަދު މޫސާ މިހެން ވިދާޅުވީ ޅ. ނައިފަރުގައި ބޭއްވި އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

“ލޮބުވެތި ނަބިއްޔާ ކުޑަކުދިންނާއެކު” މި މައުޟޫޢަށް ނައިފަރުގައި ތަޤްރީރުކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި އައްޝައިޚް މުޙައްމަދު މޫސާއެވެ.

މި ފޯރަމްގައި ތަޤްރީރު ކުރައްވަމުން އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވީ މިއަދު މި މުޖުތަމަޢުއިން ގެއްލިފައިވަނީ ރަސޫލާ އޭރުގެ ކުޑަކުދިންނަށް ދެއްވާފައިވާ ރިވެތި އަޚްލާޤާއި ސުލޫކާއި އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތްކަމަށެވެ. މިއީ މިފަދަ ދުވަހެއް ދިމާވެދާނެތީ އެކަމަކަށް ރަސޫލާ އަމުރުކުރެއްވިކަންތައްކަމަށާއި މިއަދު މި މުޖުތަމަޢުއިން ފެންނަ ނޭދެވޭ ކަންކަމަކީ އަޅުގަނޑުމެން، ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަންތައްތަކަށް އިޙްމާލްވުމުން ދިމާވެފައިވާ ހިތާމަވެރި ކަންކަންކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދުގެ މައިންބަފައިން ރަސޫލާ ކުޑަކުދިންނާއި މުޢާމަލާތުކުރެއްވި ގޮތް ދިރާސާކޮށް އެގޮތްތައް ދަސްކޮށް އެގޮތަށް ޢަމަލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އަލްއުސްތާޛް މުޙައްމަދު އަނީލްވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވި އެކިއެކި ޙާދިސާތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އެގޮތުން ރަސޫލާ ﷺގެ ޒަމާނުގައި ކުޑަކުދިން އެކަލޭގެފާނުދެކެ އިންތިހާއަށް ލޯބިވާކަމަށާއި އެއީ އެކަލޭގެފާނު ކުޑަކުދިންނާ މުޚާތަބްކުރެއްވި ރިވެތި އުސޫލުތަކާއި ބެހެއްޓެވި އޯގާތެރިކަމުންކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިންނާ ރިވެތިގޮތުގައި މުޢާމަލާތުކުރެއްވުމަށް ރަސޫލާ އަންގަވާފައިވާކަމަށް ވިދާޅުވިއެވެ.

ރަސޫލާގެ ހަދީޘްތަކަށް ބައްލަވާލައްވަމުން ސްޓޭޓް މިނިސްޓަރ އަނީލް ވިދާޅުވީ ބޮޑެތިމީހުންނަށް އިޙްތިރާމް އަދާނުކުރާ އަދި ކުޑަކުދިންނަށް އޯގާތެރިނުވާ މީހަކީ މުސްލިމުންގެތެރެއިންވާ މީހެއް ނޫންކަމަށެވެ.

މި ފޯރަމްގައި ދެ ބޭފުޅުންވެސް ވަނީ ރަސޫލާގެ ޙަޔާތްޕުޅުން މުހިންމު މިސާލުތައް ނަންގަވައި، ކުޑަކުދިންނާ މުޚާތަބްކުރެއްވި ގޮތާއި، ކުޑަކުދިން ތަރުބިއްޔަތުކުރެއްވުމަށް ރަސޫލާ ދެއްވާފައިވާ އިރުޝާދުތަކާއި ބޮޑެތިމީހުން ކުޑަކުދިންނަށް އޯގާތެރިވާންވީގޮތާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅާއި މިކަންކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އަތޮޅުތެރޭގައި ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ޅ. ނައިފަރުގެ އިޙްޔާ ފޯރަމަށްފަހު ދެން އެންމެ އަވަހަށް އޮންނާނީ 31 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާ އިހްޔާ ފޯރަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.