އާދަމްގެފާނު ވާހަކަ - 5

(26 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" އަދި ، ( އެއުރެންކުރި ހުރިހައިކަމެއް ) ދެނެވޮޑިގެންވާ ޙާލުގައި ، ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ އެއުރެންނަށް ކިޔައި ދެއްވާހުށީމެވެ. އަދި ، ( މިކަމުގައި ) ތިމަން ރަސްކަލާނގެ ދުރުވެ ވޮޑިގެނެއް ނުވަމެވެ. "

އިންސާނުންނަކީ ، ކުށްކުރުމުގައި އަދި ނޭދެވޭ ކަންތައްތައް ކުރުމުގައި ދެމިތިބޭ ބަޔެކެވެ. އަދި އެކަންކަން އެގޮތަށް ކުރުމުން ، އިންސާނުން އެބައިމީހުންގެ އަމިއްލަ ނަފުސަށް އަނިޔާ ދިނުމުގައި ދެމިތިބެއެވެ. އެހެންނަމަވެސް ، އިންސާނުން އެބައިމީހުންގެ އަމިއްލަ ނަފުސަށްދޭ އަނިޔާއިން ، ކީރިތި ﷲ އަށް ލިބިވޮޑިގެންވާނެ އެއްވެސް ގެއްލުމެއް ، އުނިކަމެއް ނުވެއެވެ. ﷲ ގެ ރަޙުމަތްފުޅު ، އިންސާނާގެ މައްޗަށް ނުވާނަމަ ، އެބައިމީހުންވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. އެހެންކަމުން ، އިންސާނުން ﷲ އަށް ބޭނުންވެއެވެ. ކީރިތި ޤުރުއާނުގެ އަލްއަޢުރާފު  ސޫރަތުގެ 24 އަދި 25 ވަނަ އާޔަތުގައި ، ﷲ ވަޙީކުރައްވާފައި ވެއެވެ.

އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ޢަދާވާތްތެރިންކަމުގައިވާ ޙާލު ، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި ، ޤަރާރުވެ ތިބެނިވި ތަނަކާއި ، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއް ވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭހުށީ ، އެތާނގައެވެ. އަދި ، މަރުވާހުށީވެސް އެތާނގައެވެ. އަދި ( ޤިޔާމަތްދުވަހުން ދިރުއްވައި ) ނެރުއްވާހުށީވެސް އެތަނުގައެވެ.

ސަލާމްލެއްވި އާދަމުގެފާނުގެ ދެކަނބަލުން ، ސުވަރުގެއިން ނުކުމެވަޑައިގެން ، ބިމަށް ފައިބައިވަޑައިގެން ، ދިރިއުޅުއްވަން ފެއްޓެވިއެވެ. އެއީ ، ފަހަރެއްގައިވެސް އެއީ އެބޭފުޅުންގެ ދަރަޖަ ދަށްވެގެންދިޔަ ޙާލަތެއްނޫނެވެ. އެއީ އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ފަޚުރަކާއި ޝަރަފެކެވެ.

ﷲ ވަޙީކުރެއްވި ހިނދެވެ. " ތިޔަބައިމީހުން އެންމެން ( ބިމަށް ) ފައިބާށެވެ ! " ﷲ ގެ މިބަސްފުޅު ، އަމާޒުވަނީ ހަމައެކަނި އާދަމުގެފާނާއި ޙައްވާގެފާނަށް އެކަންޏެއްނޫނެވެ. މިބަސްފުޅު އަމާޒުވަނީ ، ސަލާމްލެއްވި އާދަމުގެފާނާއި އެކަލޭގެފާނުންގެ އަނބިކަނބަލުން ޙައްވާގެފާނާ އަދި އެދެބޭފުޅުންގެ ދަރިފަސްކޮޅަށެވެ. މުޅި އިންސާނިއްޔަތަށެވެ. އަޅުގަނޑުމެން ، އާދަމުގެފާނުގެ ދަރިފަސްކޮޅު ނުވަތަ އިންސާނުންނަކީ ، މިބިމަށް ޚާއްޞަވެ ބިމަށް ނިސްބަތްވާ ބައެއްނޫނެވެ. އިންސާނުންނަނީ ، މިބިންމައްޗަށް ހިނދުކޮޅަކަށް ފޮނުއްވުނު ބަޔެކެވެ. ވަގުތީ ގޮތުންނެވެ. އަޅުގަނޑުމެންނަކީ އާޚިރަތަށް ނިސްބަތްވާ ބަޔެކެވެ. އަދި އެއަށްފަހު ، އާދަމުގެ ދަރިންގެ އަޞްލު މަންޒިލްގައި ، ދާއިމަށް ދެމިތިބޭ ބަޔެކެވެ. ސުވަރުގެއިން ނުވަތަ ނަރަކައިގާ އަޅުގަނޑުމެންނަށް ޙައްޤުވާ ތަނެއްގައެވެ.

ގޮތް އިޚުތިޔާރުކުރުމުގެ މިނިވަންކަން

ސަލާމްލެއްވި އާދަމުގެފާނުގެ ދެކަނބަލުން ކުރެއްވި މިތަޖުރިބާޔަކީ ، މުހިންމު ފިލާވަޅެކެވެ. އަދި އެއީ ، އިބިލީހުގެ ވަސްވާހަށް ހެއްލިވަޑައިގެން ނަމަވެސް ، އެދެބޭފުޅުންގެ އަމިއްލަ އިޚުތިޔާރުގައި ކުރެއްވި ކަމެކެވެ. އާދަމްގެފާނުގެ ދެކަނބަލުން ބިމުގައި އުޅުއްވަން ޖެހިވަޑައިގަންނަވާނަމަ ، ޝައިތާނާގެ ރޭވުންތެރިކަމާއި ، ނުބައި ނުލަފާކަން ، އެނގިވަޑައިގަންނަވަން ޖެހެއެވެ. އަދި ކުށެއްކުރެއްވިއްޖެނަމަ ، ދެންވާނެގޮތްވެސް އެނގިވަޑައިގަންނަވަން ޖެހެއެވެ. އަދި ﷲ ގެ ނިމުމެއްނެތް ރަޙުމަތާއި ނިޢުމަތުގެ މަތިވެރިކަންވެސް އެނގިވަޑައިގަންނަވަން ޖެހެއެވެ. އާދަމުގެފާނުގެ ދެކަނބަލުން ، އެގަހުން ފަރީއްކުޅުއްވާނެކަން އެއީ ﷲ ދެނެވޮޑިގެންވީ ކަމެކެވެ. އެދެކަނބަލުންގެ ޟަޢީފުކަން ޝާއިތާނާއަށް ވަންހަނާވެގެންނުވާނެކަންވެސް ، ﷲ ދެނެވޮޑިގެން ވެއެވެ.

މީގެ އިތުރަށް އިންސާނާ ދެނެގަންނަންޖެހޭ އެހެންކަމެއްވެސް އޮވެއެވެ. އެއީ އެއްވެސްކަމެއް ވުމުގެ ކުރިން ، އެކަމެއްވާނެކަން ، ކުރިން ﷲ އަށް އެނގިވޮޑިގެންވާކަމެވެ. އެކަލާނގެ އެހުރިހައިކަމެއް ދެނެވޮޑިގެން ވެއެވެ. އެހެންނަމަވެސް އެކަމެއްވާން ، އެކަލާނގެ މަޖުބޫރެއް ނުކުރައްވައެވެ. އާދަމް ޢަލައިހިއްސަލާމަށް އިޚުތިޔާރުތަކެއް ލިބިވަޑައިގެން ވިއެވެ. އެގަހުން ފަރީއްކުޅުއްވުމާއި ފަރީއްނުކުޅެއްވުމުގައެވެ. އަދި އެގަހުން ފަރީއްކުޅުއްވުމާގުޅިގެން ، އެކަލޭގެފާނަށް އަދަބު ލިބިވަޑައިގެންނެވިއެވެ. އިންސާނުންނަށް އިޚުތިޔާރުތަކެއް ލިބިގެންވެއެވެ. ﷲ އަށް ކިޔަމަންވުމާއި ނުވުމުގައެވެ. ﷲ އަށް ކިޔަމަންތެރިވާ އަޅުންނަށް ، ސަވާބުދެއްވައެވެ. އަދި އެކަލާނގެޔަށް އުރެދޭ އިންސާނުންނަށް ، ޢަޒާބު ދެއްވައި އިންޒާރުކުރައްވާފައި ވެއެވެ.

އާދަމުގެފާނާއި ޙައްވާގެފާނު ފޮނުއްވުނީ ކޮންތާކަށް ؟

އާދަމުގެފާނާއި ޙައްވާގެފާނު ، ފޮނުއްވުނީ ކޮންތާކަށްކަމާކެދު ، އެތައްރިޕޯރޓެއް އައިސްފައި ވެއެވެ. ކީރިތި ޤުރުއާނާއި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އެކަމާބެހޭގޮތުން އެއްވެސް ބަސްފުޅެއް އައިސްފައެއް ނުވެއެވެ. އާދަމުގެފާނުގެ ދެކަނބަލުން ދުނިޔެމައްޗަށް ފޮނުއްވުނީ ކޮންތަނަކަށްކަން ، ސާފުވުމާއި ނުވުމަކީ އެހައި މުހިންމުކަމެއް ނޫނެވެ. އެދެކަނބަލުން ފޮނުއްވުނީ ދުނިޔެމައްޗަށްކަން އެބަ އެނގެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.