ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރ ހިތްވަރުދެއްވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ.

2023 މާރިޗް 26 ވަނަ ދުވަހު، ރަންތާޖު ޤުރުއާން މުބާރާތުގެ 20 ބައިވެރިންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މި ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އެ ބައިވެރިން މުބާރާތަށް ކުރައްވަމުންދާ މަސައްކަތް ބައްލަވައި، ބައިވެރިންނަށް ހިތްވަރުދެއްވައި ޝުކުރު އަދާކުރެއްވުން ކަމުގައެވެ.

ވަރަށް ގިނަ ބައިވެރިންގެ ތެރެއިން ގަދަ 20 ބައިވެރިންގެތެރޭގައި ހިމެނުމަކީ ވަރަށްބޮޑު ކާމިޔާބީއެއްކަމަށާއި މުބާރާތުން ވަކިވާން ޖެހުނަސް ހިތްވަރު އެލުވާނުލައި ކުރިއަށް ދިޔުމަށް މުބާރާތުގެ ބައިވެރިންނަށް މިނިސްޓަރ ވަނީ ނަސޭހަތްދެއްވާފައެވެ. މުބާރާތެއްގައި 1 ވަނައަށް ހޮވޭނީ ކޮންމެވެސް އެއް ބައިވެރިއެއްކަމަށާއި އެހެންނަމަވެސް މި މުބާރާތުގެ ގަދަ 20ގައި ހިމެނުމަކީވެސް ވަނައެއްކަމަށް ދެކެން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިބާރާތުގެ ކޮންމެ ބައިވެރިއަކުވެސް ރަނގަޅުވަނައެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭކަމަށާއި ވަނަ ހޯދުމަށްޓަކައި އެކުއްޖަކަށް ކުރެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމަށް މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އަދި މުބާރާތް ނިމުނަސް، ނުވަތަ މުބާރާތުން ވަކިވާންޖެހުނަސް ކޮންމެ ބައިވެރިއަކަށްވެސް މިނިސްޓްރީގެ ފުރުސަތު ހުޅުވިފައިހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކީރިތިޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ޤުރުއާން ކިޔަވައިދޭ ފަރާތްތައް ބޭނުންވާކަން ފާހަގަކުރައްވަމުން ރަށުގައި ތިއްބަވައިގެންވެސް މި ފުރުސަތުގެބޭނުން ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ މި ބައިވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދިޔާއެއްގެ ގޮތުގައި ”ފިޤްހުއްސުންނާ” ފޮތް ކޮންމެ ބައިވެރިއަކަށް ހަދިޔާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި ރާއްޖެޓީވީގެ އިސްބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ރާއްޖެޓީވީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.