އާދަމްގެފާނު ވާހަކަ - 4

(25 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކޮންމެ ނަފުސެއްމެ ދުނިޔެއަށް އުފަންވެގެން އަންނަނީ ، ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެއްވެސް ކުށެއްނެތި އަމިއްލަ ޒާތުގައި އެންމެ ފުރިހަމަ ، ޠާހިރުކަންމަތީގައެވެ. ކީރިތި ޤުރުއާނުގެ ޠާހާ ސޫރަތުގެ 121 އަދި 122 ވަނަސޫރަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުައްވައި އަންގަވައިފައި ވެއެވެ.

" ފަހެ ، އެދެކަނބަލުން އެގަހުން ފަރީއްކުޅުއްވިއެވެ. ދެން އެދެކަނބަލުންގެ ޢައުރަ ، އެދެކަނބަލުންނަށް ފައުޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން ، ޢައުރަ ނިވައިކުރައްވަން ފެއްޓެވިއެވެ. އަދި ، އާދަމުގެފާނު ، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެޔަށް އުރެދިވަޑައިގަތެވެ. ފަހެ ، އެކަލޭގެފާނުގެ މަޤްޞަދު ޙާޞިލްނުވެ މަގުގެއްލުނެވެ. ދެން ، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ، އެކަލޭގެފާނު ޚިޔާރު ކުރެއްވިއެވެ. ފަހެ ، އެކަލޭގެފާނުގެ މައްޗަށް ތައުބާ ލައްވައި ތެދުމަގު ދެއްކެވިއެވެ. "

އިންސާނުންނަކީ ، ކުށްކުރުމަށްފަހު ، އެކުށް ހަނދާންނައްތައިލުމުގެ ދިގު ތާރީޚެއް އޮތް ބަޔެކެވެ. އެހެންކަމަށްވިޔަސް ، ސަލާމްލެއްވި އާދަމުގެފާނު އެކަލޭގެފާނަށް ކުރެއްވުނު ކުށަށް އަރައިގަނެވުނީ ކީއްވެ ހެއްޔެވެ ؟ ޙަޤީޤަތަކީ ، ޝައިތާނާގެ ވަސްވާހާއި ނުބައިކަން ، އާދަމް ޢަލައިހިއްސަލާމަށް ތަޖުރިބާ ކުރެއްވިފައެއް އަދި އެނގިވަޑައިގެންފައެއް ނުވެއެވެ. ﷲ އަށް ކިޔަމަންވުމަށް ޝައިތާނާ އިންކާރުކުރި ހިނދު ، ޝައިތާނާގެ ނުކިޔަމަންތެރިކަމާއި ނުބައި ނުލަފާކަން ، އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ޝައިތާނާއަކީ ، އެކަލޭގެފާނުގެ ދުޝްމަނެއްކަން އާދަމް ޢަލައިހިއްސަލާމަށް އެނގިވަޑައި ގަންނަވައެވެ. އެހެންނަމަވެސް ، ސައިތާނާގެ ވަސްވާހާއި ހެއްލުންތެރިކަމުން ރައްކައުތެރިވެވަޑައިގަންނާވާނެ ގޮތެއް އެނގިވަޑައެއް ނުގަންނަވައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވައިފައިވާކަމަށް ޞަޙީޙު މުސްލިމުގައި ބަޔާންކުރެވިފައި ވެއެވެ.

" އެއްޗެއް އެނގުމަކީ ، އެއެއްޗެއް ފެނުމާ އެއްވަރު ކަމެއްނޫނެވެ. "

އަދި ، ކީރިތި ޤުރުއާނުގެ އަލް އަޢުރާފު ސޫރަތުގެ 22 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތތަޢާލާ ވަޙީކުރައްވައިފައި ވެއެވެ.

" މަކަރުވެރިކަމުން ، އެކަލޭގެ ( އެބަހީ ޝައިތާނާ ) އެދެކަނބަލުން ހަލާޚުގެ ތެރެޔަށް ވައްޓައިލިއެވެ. ދެންފަހެ ، އެދެކަނބަލުން ، އެގަހުން ރަހަ ބެއްލެވި ހިނދު ، އެދެކަނބަލުންގެ ޢައުރަ އެދެކަނބަލުންނަށް ފައުޅުވެއްޖެއެވެ. އަދި އެދެކަނބަލުން ، ސުވަރުގޭގެ ( ގަހުގެ ) ފަތްތަކުން ، ( ޢައުރަ ) ނިވައިކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި ، އެދެކަނބަލުންގެ ވެރި ރަސްކަލާނގެ ، އެދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ، ތިމަން ރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ ؟ އަދި ، ހަމަކަށަވަރުން ، ޝައިތާނާއީ ، ތިޔަ ދެކަނބަލުންނަށް ބަޔާންވެގެންހުރި ޢަދާވާތްތެރިއެއްކަމަށް ވަޙީ ނުކުރައްވަން ހެއްޔެވެ ؟ "

އެއީ ، އާދަމުގެފާނަށް ކުރިމަތިވެވަޑައިގެންނެވި އިމްތިޙާނެކެވެ. ﷲ ، އެކަލޭގެފާނު ކުރެއްވެވި އިމްތިޙާނެކެވެ. އެއީ އެކަލޭގެފާނަށް ކަންކަން ދަސްކުރައްވައި ތަޖްރިބާ ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތެކެވެ. މިކަމާގުޅިގެން ، ﷲ ގެ ރަސޫލެއްގެ ގޮތުގައި އަދި ދުނިޔެ އާބާދުކުރުމަށް އެކަލޭގެފާނު އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ޒިންމާއާއި މަސްއޫލިއްޔަތަށް އަހުލުވެރިވެ ، ދުނިޔޭޣެ ކަންކަން ދަސްފުޅު ކުރެއްވުމަށް ޓަކައެވެ. ޝައިތާނާއަކީ ، އިންސާނުންގެ ޢަދުއްވެއްކަމާއި އިޚުލާޞްތެރިކަމެއް އަމްދުން ނެތް ނުބައިނުލަފާ ނަފުސެއްކަން އެނގިވަޑައިގަތެވެ. އާދަމް ޢަލައިހިއްސަލާމުގެ ދެކަނބަލުން ، ސުވަރުގެއިން ނެރެލެއްވީ ، ޝައިތާނުގެ ވަސްވާހަށް ހެއްލިވަޑައިގަތުމާގުޅިގެންކަން ، މުޅިއިންސާނިއްޔަތަށް އެނގެއެވެ. ސުވަރުގެ ލިބުންއޮތީ ، ޝައިތާނާގެ ވަސްވާހަށް ނުހެއްލި ، ޝައިތާނީ ޢަމަލުތަކުން ދުރުހެލިވެ ، ﷲ ގެ ތެދުމަދު އިޚްތިޔާރުކުރުމުންނެވެ. ކީރިތި ޤުރުއާނުގެ ޠާހާ ސޫރަތުގެ 123 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.

" އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަ ދެކަނބަލުން އެކުގައި ، ސުވަރުގެއިން ( ބިމަށް ) ފައިބައިވަޑައިގަންނަވާށެވެ ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތްތެރިންކަމުގައިވާ ޙާލުގައެވެ. ފަހެ ، ތިމަންރަސްކަލާނގެ ޙަޟުރަތުން ، ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ ، ދެން ތތިމަންރަސްކަލާނގެ ތެދުމަގަށް ތަބާވެއްޖެމީހާ ( ދަންނާށެވެ ! ) ފަހެ ، އެމީހަކު މަގުފުރެދިގެންނެއް ނުދާނެތެވެ. އަދި ، އަބާއްޖަވެރިއެއްވެސް ނުމެވާނޭ މެއެވެ. "

އާދަމް ޢަލައިހިއްސަލާމަށް ﷲ ގެ ޙަޟުރަތުން ބަސްވަޙީ ލިބިވަޑައިގަތެވެ. ﷲ ގެ ޙަޟުރަތުން ، ޢަފޫ ލިބިވަޑައިގަންނަވާނެ ދުޢާއެކެވެ. އެދުޢާއަކީ ، އަޅުގަނޑުމެންގެ ކުށްތައް ޢަފޫކުރައްވައި ، ﷲ ގެ ޙަޟުރަތުން ތައުބާ ލިބިގެންދާނެ މަތިވެރި ، ރީތި ދުޢާއެކެވެ. ކީރިތި ޤުރުއާނުގެ އަލްއަޢުރާފު ސޫރަތުގެ 23 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ.

(ނުނިމޭ)

 

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.