އާދަމްގެފާނު ވާހަކަ - 1

އިންސާނުންގެ އަޞްލުކަމުގައިވާ ، ސަލާމްލެއްވި އާދަމުގެފާނު ، ދުނިޔެއަށް އުފަންކުރެއްވުމުގެ ޢަޖައިބު ކުރުވަނިވި މުޢުޖިޒާތް ، ވަރަށް ރިވެތި އަދި ފުރިހަމަ ގޮތެއްގައި ، އިސްލާމްދީނުގައި ތަފްޞީލުކޮށްދީފައި އެބައޮތެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ތާރީޚީ އާދަކާދައާއި ސަގާފަތު ، މިކަމުގައި ދާދިއެއްގޮތެވެ. އެހެނަސް ، ކީރިތި ޤުރުއާނުގައި ، އާދަމުގެފާނުގެ ވާހަކަ ގެނެސްދެއްވާފައިވާގޮތް ، އެހެން ފޮތްތަކާ ތަފާތުކަން ފާހަގަކޮށްލަން ޖެހެއެވެ.

މޫސާގެފާނަށް ބާވައިލެއްވި ތަވްރާތުގައި ﷲ ، އާދަމް ޢަލައިހިއްސަލާމް އުފައްދަވައިފައިވާކަމަށް ބަޔާންވެގެންވަނީ ، ބިމުގެ ހިރަފުހުން ކަމުގައެވެ. ފޮތުގެ އަހުލުވެރިން ބަޔާންކުރާގޮތުގައި ، ތަވްރާތުގައި ބަޔާންވެގެންވަނީ ޙުކުމްތަކެކެވެ. އޭގެއިތުރަށް ޔަހޫދީން ގެންގުޅޭ އެހެންފޮތެއް އޮވެއެވެ. އެއީ ތަމޫދެވެ. ތަމޫދުގައި ބަޔާންކުރެވިފައި އޮންނަކަމަށްވަނީ ، ޢަމަލުކުރަންޖެހޭ ގޮތްތަކެކެވެ. ތަމޫދުގައި ބަޔާޏްކުރެވިފައި އޮންނަ ގޮތުގައި ސަލާމްލެއްވި އާދަމުގެފާނު އުފައްދަވައިފައިވަނީ ، މަޑް ނުވަތަ ކިސަޑުންނެވެ. ހުރިހައި ފޮތެއްވެސް ﷲ ބާވައިލައްވާފައިވަނީ ، ޙައްޤާއި ބާތިލުވަކިކޮށްދެއްވައި ، އިންސާނުން އުޅެންވީ ތެދުމަގު ދެއްކެވުމަށްޓަކައެވެ.

ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ، މަލާއިކަތް ބޭކަލުންނާ މުޚާތަބުކުރައްވައި ﷲ ވަޙިކުރައްވާފައި ވެއެވެ.

" ހަމަކަށަވަރުން ، ބިމުގައި ޚަލީފާޔަކުލައްވާހުށީމޭ ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ، މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރައްވާށެވެ ! އެބޭކަލުން ، (އެހިނދު ، ﷲ އަށް ) ދެންނެވޫއެވެ. އަޅަމެން ، އިބަރަސްކަލާނގެޔަށް ޙަމްދާއެކު ތަސްބީޙަ ކިޔައި ، އިބަރަސްކަލާނގެޔަށް ތަޤްދީސް ކޮށްކޮށްތިއްބައި ، އެބިމުގައި ފަސާދަ އުފައްދައި ، ލޭއޮހޮރުވާނޭބަޔަކު ، އިބަރަސްކަލާނގެ އެބިމުގައި ލައްވަނީތޯއެވެ ؟ އެކަލާނގެ ( މަލާއިކަތް ބޭކަލުންނަށް ) ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންކަން ، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. "

ސަލާމްލެއްވި އާދަމުގެފާނުގެ ވާހަކަ ފެށެނީ މިހިސާބުންނެވެ. އެއީ އެންމެހައި އިންސާނުންގެ އަޞްލެވެ. އެންމެންގެ ބައްޕައެވެ. ދުނިޔޭގައި ﷲ އުފައްދަވައި ޚަލްޤުކުރެއްވި ފުރަތަމަ އިންސާނާއެވެ. ބިމުގެ މަށިން ނުވަތަ ފަހުން ، އާދަމްގެފާނު އުފެއްދެވުމަށްޓަކައި ، މަލާއިކަތްބޭކަލުން ބިމަށް ފޮނުއްވައިގެން ، ހުރިހައި ވައްތަރެއްގެ މަށި ނުވަތަ ފަސް ގެންނަވައި އެއްކުރައްވައި ، ﷲ އިންސާނާ އުފެއްދެވިއެވެ. ރަތާއިހުދާ އަދި ކަޅާ މުށިކުލައިގެ ފަސް އެއްކުރެއްވިއެވެ. އޭގެތެރޭގައި ،  މަޑު އަދި ރޫޅިފައިވާ ، ހަރު އަދި ކަސް ވެލިހިމެނެއެވެ. އެފަސް ގެނެވިފައިވަނީ ފަރުބަދަތަކުންނާއި ވާދީތަކުންނެވެ. އަދި ހަނަފަސް ސަހަރާތަކުންނާއި ބޯޖަންގަލިތަކުން ގެނެވިފައިވާ ހުރިހައިބާވަތެއްގެ ވެއްޔެކެވެ. އާދަމްގެފާނު އުފެއްދެވި މުށި ނުވަތަ ފަހަކީ ، އެކިބާވަތުން މަސްހުނިވެގެންވާ އެއްޗެއްފަދައިން ، އިންސާނުންވެސް ވަނީ އެކިކުލަޔާއި އެކި ސޫރައިން އަދި ފަޤީރުކަމާއި މުއްސަނދިކަމުން މަސްހުނިވެފައެވެ.

އާދަމްގެފާނު އުފެއްދެވި ފަހަށް ނިސްބަތްކުރައްވައި ، ކީރިތި ޤުރުއާނުގައި އެކިނަމުން ޙަވާލާދެއްވާފައި ވެއެވެ. އާދަމްގެފާނު އުފެއްދެވުމަށް ބޭނުންކުރެއްވި ، ފަހަށް ނުވަތަ މުށްޓަށް ، އެކި މަރުޙަލާތަކުގައި އެކިފަހަރަށް އެކިނަން ދެވިފައި ވެއެވެ. ބިމުން ގެނެވުނު ފަހުގެނަން ބޭނުންކުރެވެމުން ދިޔައީ ފަހުގެ ގޮތުގައެވެ. ކީރިތި ﷲ ވަޙީކުރައްވައި، ސިފަކުރައްވައިފައިވަނީ މުށީގެ ގޮތުގައެވެ.  ފަސް ، ފެނާ އެކުވުމުން ކިސަޑަށްބަދަލުވެ ، އެގޮތުގައި ހުރެ ، ފެން ހިނދި ، ތަތް މުށްޓަށް ނުވަތަ ކްލޭއަށް ބަދަލުވެގެންދިޔައެވެ. އެހެންހުރެ ، އޭގައި ވަހެއް އުފެދުނެވެ. އަދި ކުލަޖެހި އެކުލައިގެ އަނދިރިކަމުން ، ކަޅުކަމެއް އުފެދި އޮމާން ވެގެން ދިޔައެވެ. މިއީ އާދަމުގެފާނު އުފައްދަވައި ސޫރަކުރެއްވުމަށް ، ﷲ އިޚްތިޔާރުކުރެއްވި މަށްޓެވެ. އެއަށްފަހު ، އާދަމުގެފާނުގެހަށިގަނޑު މަށިން އުފައްދަވައި ، ފުރިހަމަވުމުން އެއިން އަޑެއް އުފެދުނެވެ.

އެއަށްފަހު ، މަށިން އިންސާނަކު ހައްދަވާނެކަމުގައި ، މާތްﷲ މަލާއިކަތުންނަށް ވަޙީކުރެއްވިއެވެ. އެހިނދު ، އެބޭކަލުން އެކަލާނގެޔަށް ކިޔަމަންތެރިވެ ތަސްބީޙަ ދަންނަވާ ތިބިޙާލުގައި ، ބިންފަސާދަކުރާނެ ބަޔަކު އުފެއްދެވީތޯއޭ މަލާއިކަތްބޭކަލުން ދެންނެވިއެވެ. މަލާއިކަޔްބޭކަލުންގެ އެކަންބޮޑުވެވަޑައިގަތުމަށް ، އެކަލާނގެ ވަޙީކުރެއްވީ ، އެބޭކަލުންނަށް އެނގިވަޑައިނުގަންނަވާ ކަންކަމުގެ ޢިލްމު އެކަލާނގެޔަށް އެނގިވޮޑިގެންވާ ކަމުގައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.