ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް ބީސީއެމް އިން ފައިސާގެ އެހީ ފޯރުކޮށްދީފި

މިދިޔަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެގޮތުން ގާތްގަނޑަކަށް ބައިލައްކަ ދިވެހި ރުފިޔާ ޕާކިސްތާނުގެ ސަރުކާރާވަނީ ޙަވާލުކޮށްފަ އެވެ.

ޕާކިސްތާން ސަރުކާރުގެ ފަރާތުން ފައިސާގެ އެހީއާ ޙަވާލުވެވަޑައިގަތީ ހައިކޮމިޝަން އޮފް ޕާކިސްތާންގައި އޮތް ބައްދަލުވުމެއްގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީ އެވެ. ބީސީއެމްގެ ފަރާތުން މި އެހީ ޙަވާލުކޮށްދެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހީމް މުޙައްމަދު އެވެ.

މިއީ ބީސީއެމްގެ ފަރާތުން ބޭއްވި "ޕާކިސްތާނީ ކަލްޗަރަލް ނައިޓް"އާއި ހެޔޮ އެދޭ ފަރާތްތަކާއި ބީސީއެމްގެ މެންބަރުންގެ ފަރާތުން ޕާކިސްތާނުގެ އަންހެނުންނަށް ދީފައިވާ ފައިސާގެ އެހީއެކެވެ. މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހާލުގައި ޖެހިފައިވާ އަންހެނުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.