ޠޫފާން 'ފްރެޑީ' ގެ ސަބަބުން މަލާވީގައި 190 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޠޫފާން ފްރެޑީގެ ސަބަބުން މަލާވީއަށް ލިބިފައިވާ ބައެއް ގެއްލުން

ބާރުގަދަ ޠޫފާން 'ފްރެޑީ' މަލާވީއަށް އެރުމުގެ ސަބަބުން އެގަމުގައި 190 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ފްރެޑީ ވަނީ ދެވަނަ ފަހަރަށް އިއްޔެ މަލާވީއަށް އަރާފައެވެ. ފާއިތުވި ފެބުރުވަރީ މަހުގެ ފަހުކޮޅުވެސް މި ޠޫފާން ވަނީ މަލާވީއަށް އަރާފައެވެ.

ގިނަ ބަޔަކު މަރުވެފައި ވަނީ ވިޔަފާރީގެ މައި މަރުކަޒު ބްލެންޓަޔާގައި ފަސްގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ޖިފުޓިތަކުގައި އުޅެމުން ދިޔަ ގިނަ ބަޔަކު ފަސްގަނޑުގެ ދަށުގައި ވުމުންނެވެ. މަލާވީގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވެފައި ވަނީ ބްލެންޓަޔާ ކައިރީގައި ފަގީރުން ދިރިއުޅޭ ޗިލޮބްވޭ އަވަށުގައެވެ.

މެދުނުކެނޑި ވެހެމުން ދިޔަ ބޯ ވާރޭގައި، ދިރިތިއްބާ ބަޔަކު ފެނިދާނެކަމުގެ އުއްމީދުގައި، ގިނަ ބަޔަކު ވެއްޓިފައިވާ ގެތައް ހޯދަމުން ދިޔައިރު އެބައިމީހުން މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމާއި ނުތަނަވަސްކަމެވެ.

މަލާވީއަށް އެރުމުގެ ކުރިން ފްރެޑީ ވަނީ މޮޒަމްބީކަށް އަރާފައެވެ. މޮޒަމްބީކްގެ ޑިޒާސްޓާ އިންސްޓިޓިއުޓުން ބުނެފައިވާ ގޮތުގައި އެ ގައުމުގައި ޠޫފާންގެ ސަބަބުން 17 މީހުން މަރުވެފައި ވެއެވެ. އަދި އައްސޭރިފަށުގައި އޮންނަ ޒަމްބޭޒިޔާ ޕްރޮވިންސުގައި 1900 އަށްވުރެ ގިނަ ގެ ހަލާކުވެފައި ވެއެވެ.

ބުދަދުވަހުގެ ރޭގެ ވަގުތެއްގައި ފްރެޑީ އެނބުރި ކަނޑަށް ދަތުރުކުރަންދެން ހުޅަނގު މޮޒަމްބީކާއި، އުތުރު މަލާވީއަށް ޠޫފާނުގެ ސަބަބުން އިތުރު ގެއްލުންތަކެއް ވާނެކަމަށް ލަފާކުރެވެއެވެ.

އދ. ވާލްޑް މިޓިއޮރޮޖިކަލް އޮގަނަޒޭޝަން (ޑަބްލިޔުއެމްއޯ) ގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ޠޫފާން ފްރެޑީ ވެފައި ވަނީ އެންމެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ ޠޫފާންކަމުގައެވެ. މީގެކުރިން އެންމެ ގިނަ ދުވަހަށް ދެމިގެން ދިޔަ ޠޫފާންކަމުގައި ރެކޯޑުކުރެވިފައި ވަނީ 1994 ވަނަ އަހަރު 31  ދުވަހަށް ދެމިގެން ދިޔަ ޠޫފާން 'ޖޯން' އެވެ.

ޠޫފާން ފްރެޑީ އުފެދިފައި ވަނީ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު އޮސްޓްރޭލިޔާގެ އުތުރު އައްސޭރިފަށުގެ ކައިރީގައެވެ. އިންޑިޔާ ކަނޑުގެ ދުކުނުން ހުޅަނގަށް ދަތުރުކޮށްފައި އައިސް އެ ޠޫފާން މަޑަގަސްކަރައަށް އެރީ ފެބުރުވަނީ މަހުގެ 21 ވަނަދުވަހުއެވެ. އަދި ފެބްރުވަނީ މަހުގެ 24 ވަނަ ދުވަހު މޮޒަމްބީކަށް އެރުމަށްފު އެރީ މަލާވީއަށެވެ. މިގައުމުތަކަށް އަރައި، އިންޑިޔާ ކަނޑަށް އެނބުރި ދިއުމަށް ފަހު އަނެއްކާވެސް މި ޠޫފާން ވަނީ އެނބުރިއައިސް މޮޒަމްބީކަށާއި މަލާވީއަށް އަރާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.