އެމްއެންޕީގެ ވެރިކަމެއްގައި ވެޓިނަރީ ސެންޓަރެއް ޤާއިމްކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) ގެ ސަރުކާރެއްގައި ވެޓިނަރީ ސެންޓަރެއް ޤާއިމްކޮށް، ބުޅަލާއި ދޫނިފަދަ ޕެޓްތަކަށް އަޅާލާ ނިޒާމެއް ޤާއިމްކުރެއްވުމުގެ ތަޞައްވުރެއް އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ތަފްޞީލުކޮށްދެއްވައިފިއެވެ.

ނާޒިމް މިކަން ހާމަކުރެއްވީ ހޮޓެލް ޖެންގައި ރޭ ބޭއްވި "ނުއިވޭ އަޑުތައް" ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގައި، ޚާއްޞަކޮށް މާލޭގައި ބުޅާ އުޅޭތީ އެކަމާމެދު ޢާއްމުންގެ ތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވި ޚިޔާލު ތަފާތުވެފައި ވެއެވެ. އެއްބަޔަކު އެކަމާ ދެކޮޅަށް ވާހަކަދައްކާއިރު، އަނެއްބަޔަކު ދެކެނީ އެއީވެސް އުޅެންޖެހޭ އެއްޗެހިކަމުގައެވެ. އަދި އެތަކެއްޗަށް ކާންދީ ބަލަހައްޓަންވެސް އެތައް ބަޔަކު މަސައްކަތް ކުރެއެވެ. ނަމަވެސް، މި މައްސަލައަށް ޙައްލެއް ގެންނަން ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކުން ނުކުޅެދިފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލަ ޙައްލުކުރައްވާނެ ގޮތުގެ ތަޞައްވުރު ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ އެމް.އެން.ޕީގެ ވެރިކަމެއްގައި ވެޓިނަރީ ސެންޓަރެއް ޤާއިމްކުރައްވާނެކަމަށެވެ. ރާއްޖޭގައި ގިނަ ބަޔަކު ބުޅަލާއި ދޫނިފަދަ އެހެންވެސް ޕެޓްސް ގެންގުޅޭކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެބޭފުޅުންގެ ޓީމުން މިހާރު ގެންދަނީ އެކަން ދިރާސާކުރަމުން ކަމަށާއި، އެކަމާމެދު އަޅާނުލައި ދޫކޮށްނުލާނެ ކަމަށެވެ. އެހެންކަމުން އެމް.އެން.ޕީ. ސަރުކާރުގެ ވުޒާރާއެއްގެ މަސައްކަތުގެ ތެރެއަށް އެކަމާބެހޭ ބައި ހިމަނައިގެން އެކަން ބަލަހައްޓާވާނެއެވެ.

ނާޒިމް ވިދާޅުވީ ވެޓެނަރީ ސެންޓަރު ޤާއިމްކޮށް ވެޓެނަރީ ޑޮކްޓަރުންވެސް ބައިތިއްބާނެކަމަށާއި، އޭރުން އެތަކެތި ބަލިވުމުން ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހޭނެކަމުގައެވެ. އަދި އޭގެ އިތުރުން، އެފަދަ ޕެޓްސްގެ ވެރިން ތަންތަނަށް ފުރައިގެން ދާ ޙާލަތުގައި އެ ތަކެތި ވަގުތީގޮތުން ބަލަހައްޓާ ތަންތަންވެސް ހުންނާނެއެވެ. ހަމަ އެއާއެކު މަގުމަތީގައި އުޅޭ ބުޅާފަދަ ޖަނަވާރުތަކަށްވެސް އަޅާލެވޭނެ ނިޒާމެއް މިގޮތުގެ މަތިން ހަމަޖެހޭނެއެވެ.

ބުޅާ ގެންގުޅުމަކީ ޒަމާނުއްސުރެ ރާއްޖޭގައި އެކި މީހުން ކުރާ ކަމެއް ނަމަވެސް، މިހާރަކަށް އައިސް ތަފާތު ވައްތަރުގެ ދޫނި ގެންގުޅުމަކީ މިހާރު އެތައް ބަޔަކު މުނިފޫހި ފިލުވަން ކުރާ ކަމެކެވެ. އަދި އެތަކެތި ގެންގުޅުމާ، އެތަކެއްޗަށް ފަރުވާދީ ބެލެހެއްޓުމުގެ ކަންކަމުގައި ސަރުކާރާ ކަމާ ބެހޭ ފަރާތްތަކުގެ އެކަށީގެންވާ ސިޔާސަތެއް ނެތުމުން މިތަކެތި ގެންގުޅޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ. ނާޒިމް ވިދާޅުވީ މި މުޖުތަމަޢުގައި ބުޅަލާއި ދޫނި ގެންގުޅުމަކީ ހިތްހަމަޖެހުމަށް މީހުން ކުރާ ކަމެއް ކަމުގައެވެ. އަދި އަނބިދަރިންގެ އިތުރުން އެތަކެއްޗާއެކު ވަގުތު ހޭދަކޮށް އެތަކެއްޗާ އަޅާލުމަކީ މިއަދު މީހުން ހިތްހަމަޖެހުން ހޯދާކަމެއް ކަމުގައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އިން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިކުމެ މަސައްކަތް ކުރަމުން ދާއިރު، ވޭތުވެދިޔަ ސަރުކާރުތަކުން އަޅާނުލައި ދޫކޮށްލާފައިވާ މިފަދަ އެތައް ކަމަކަށް ޙައްލު ގެންނާނެ ސިޔާސަތުތައް އެކަށައަޅަމުންދާކަން ފާހަގަކުރެވެއެވެ. ޖަނަވާރާއި ޕެޓްސް އަށް އަޅާލުމަކީވެސް މިފަދަ ސިޔާސަތެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.