ޔުކްރޭނުގައި މިހާރު އެންމެ ގަދައަށް ހަނގުރާމަ ހިނގަމުންދާ ރަށް، ބަޚްމޫތުގެ އިރުމަތީބައި ހިފައިފިކަމަށް ރަޝިޔާގެ ވެގްނާ ކުލީ ސިފައިންގެ ލީޑަރު ޔެފްގޭނީ ޕްރިގޮޒިން ބުނެފިއެވެ. ޔުކްރޭންގެ އިރުމަތީގައި އޮންނަ ބަޚްމޫތު ހިފުމަށް އެންމެ ވަރުގަދައަށް ހަނގުރާކުރަމުން ދަނީ ޔުކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް އެންމެ ބޮޑަށް އެހީތެރިވަމުންދާ ވެގްނާ ކުލީ ސިފައިންގެ ޖަމާއަތުންނެވެ.
ބަޚްމޫތު ދިފާއުކުރުމުގައި ޔުކްރޭނުން ދޫނުދޭނެކަން ހާމަކުރައްވަމުން އެގައުމުގެ ރައީސު ވޮލޮޑިރީމް ޒެލެންސްކީ ވިދާޅުވީ ބަޚްމޫތު ރަޝިޔާ ސިފައިން ބަޚްމޫތު ހިފައިފިނަމަ، މުޅި އިރުމަތީ ޔުކްރޭނަށް އަރައިގަތުމަށް ރަޝިޔާއަށް މަގުހުޅުވިގެން ދާނެކަމުގައެވެ.
"ބަޚްމޫތަށްފަހު އެމީހުން (ރަޝިޔާ ސިފައިން) އިތުރަށް ކުރިއަށް ޖެހޭނެކަން އަހަރުމެންނަށް އެނގޭ. އެމީހުންނަށް ކްރަމަޓޯރްސް ދެވޭނެ. އެމީހުންނަށް ސްލޮވިއާންސްކަށް ދެވޭނެ. އެކަން ވެގެންދާނީ ބަޚްމޫތަށް ފަހު ޑޮނެޓްސްކްއާ ދިމާއަށް އަރައިގެން ދިއުމަށް ރަޝިޔާ ސިފައިންނަށް މަގުހުޅުވިގެން ދޭނެ ކަމަކަށް." ޒެލެންސްކީ ވިދާޅުވިއެވެ.
80 ހާސް މީހުން ދިރިއުޅޭ، ލޮނު އުފެއްދުމަށް މަޝްހޫރު ބަޚްމޫތު ހިފުމަށް ކުރާ ހަނގުރާމަ ވެފައި ވަނީ އެއް އަހަރުވެފައިވާ ރަޝިޔާ-ޔުކްރޭން ހަނގުރާމައިގައި އެންމެ ބޮޑަށް ދިގުދެމިގެން ގޮސްފައިވާ، އެންމެ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ކަމުގައެވެ.
ބަޚްމޫތު ހިފުމަށް ވެގްނާ ކުލީ ސިފައިން ހަނގުރާމަކުރަމުން ދާއިރު، އެ ޖަމާއަތުގެ ލީޑަރު ޕްރިގޮޒިންއާ، ރަޝިޔާ ސިފައިންގެ އިސް ކޮމާންޑަރުންނާ ދެމެދު ދެބަސްވުން އުފެދިފައިވާކަމުގެ އަޑުތަކެއް ވެސް އަރާފައެވެ.
ރަޝިޔާ ސިފައިންގެ އިސް އޮފިސަރުންނާ އަންގާރަދުވަހު ބައްދަލުކުރައްވަމުން، ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫ ވިދާޅުވެފައި ވަނީ ބަޚްމޫތު ރަޝިޔާގެ ބާރުގެ ދަށަށް އައުމުން އިރުމަތީ ޔުކްރޭންގައި ހަމަލާތައް އިތުރުކުރުމަށް މަގުފަހިވެގެން ދާނެކަމުގައެވެ. ޑިފެންސް މިނިސްޓަރު މިމޭރުމުން ވާހަކަފުޅުދެއްކެވުމުގެ އެއްދުވަސް ކުރިން ޕްރިގޮޒިން ބުނެފައިވާ ގޮތުގައި ޔުކްރޭން ސިފައިންގެ 12 ހާހާ 20 ހާހާ ދެމެދުގެ އަދަދެއްގެ ސިފައިން ދަނީ ބަޚްމޫތު ދިފާއުކުރުމަށް ހަނގުރާމަކުރަމުންނެވެ.
ބަޚްމޫތު ހިފުމަށް ކުރާ ހަނގުރާމަ ވަރުގަދަވެފައި ވާއިރު، ޖަރުމަނުން ޔުކްރޭނަށް ލެޕާޑް މަރުކާގެ ޓޭންކުތައް މިމަހު ފަހުކޮޅު ޔުކްރޭނަށް ފޮނުވޭނެކަން، ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް ވަނީ ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން ސިފައިން މިހާރު ވަނީ އެ ޓޭންކް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ހަދާފައެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ޗައިނާއިން ރަޝިޔާއަށް އަސްކަރީ އެހީ ދީފިނަމަ، ޖަރުމަނުން ޔުކްރޭނަށް ދޭ އަސްކަރީ އެހީ އިތުރުކުރާނެއެވެ.
އަނެއްކޮޅުން ޔޫރަޕިއަން ޔުނިއަންގެ ފޮރިން އެފެއާޒް ރެޕްރެޒެންޓެޓިވް ޖޮސެޕް ބޮރެލް ވިދާޅުވިގޮތުގައި، ޔޫރަޕްގެ ގައުމުތަކުން ވަނީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބިލިއަނެއްހާ ޔޫރޯ ހޭދަކޮށްފައެވެ. އޭނާ ލަފާކުރެއްވި ގޮތުގައި މިއަހަރު ނިމެންވާ އިރަށް ޔުކްރޭނު ސިފައިންގެ 30 ހާސް މީހުން ޒަމާނީ ހަތިޔާރު ބޭނުންކުރުމަށް ތަމްރީނުކޮށް ނިމޭނެއެވެ.