އިސްރާއީލުގެ އުދުވާނީ ސިފައިން އަނެއްކާވެސް ގަތުލުއާއްމެއް ހިންގައިފި

ޖެނީނަށް އިސްރާއީލުން ދިން އުދުވާނުގައި އެރަށުގެ ބައެއް ގެތަކުން ދުން އަރަނީ

ފަލަސްޠީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އޮތް ޔަހޫދީ ދައުލަތް، އިސްރާއީލުގެ އުދުވާނީ ސިފައިން ހުޅަނގު އައްސޭރީގައި އަނެއްކާވެސް ގަތުލު އާއްމެއް ހިންގައިފިއެވެ.

ހުޅަނގު އައްސޭރީ ޖެނީނަށް ދިން ޙަމަލާއެއްގައި ޔަހޫދީން ސިފައިން ވަނީ ފަލަސްޠީނުގެ 6 މީހަކު ޝަހީދުކޮށްލާފައެވެ. ޔަހޫދީ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ޖެނީން އަވަށާށާއި، އެއަވަށުގެ ކައިރީގައި އޮންނަ ރެފިއުޖީ ކޭންޕަށް ވަދެގެންފައެވެ.

މި އުދުވާނާ ގުޅިގެން ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި، މި ހަމަލާގައި ފަލަސްޠީނުގެ 6 މީހަކު މަރުވެ، 26 މީހަކު ޒަޚަމްވެފައި ވެއެވެ. އަދި ޒަޚަމްވީ މީހުންގެ ތެރޭން 2 މީހެއްގެ ހާލު ވަރަށް ދެރައެވެ.

އިސްރާއީލު ސިފައިންގެ ސާޅީހަކަށް އަސްކަރީ އުޅަނދު، ހެލިކޮޕްޓަރާއި، ޑްރޯންގެ ހިމާޔަތާއެކު ޖެނީނަށް ވަދެ ގެތަކަށް ހަމަލާދީފައި ވެއެވެ. އަދި ގެއެއް ވަށާލައި އެގެއަށް ރޮކެޓުން ހަމަލާދީiފައިވާކަމުގައި މަންޒުދުށް މީހުން ބުނެފައި ވެއެވެ.

މި އުދުވާނަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނިގޮތުގައި، ޔަހޫދީ ސިފައިންވަނީ ޙުވާރާގައި ޔަހޫދީ ވަޒަންވެރިންގެ ދެ މީހަކަށް ޙަމަލީދީ މަރާލި ފަލަސްޠީނުމީހާ މަރާލާފައެވެ. އެހެންކަމުން، ބެލެވެނީ ޖެނީންގައި ހިންގި އޮޕަރޭޝަނަކީ އެމީހާ މަރާލަން ނުވަތަ ހައްޔަރުކުރަން ހިންގި އޮޕަރޭޝަނެއް ކަމުގައެވެ.

އިސްރާއީލުގެ ޗެނެލް 12 ޓީވީން ބުނެފައިވާ ގޮތުގައި މި އުދުވާނަށް ފަހު އިސްރާއީލު ސިފައިން ޖެނީނުން ބާލާފައި ވަނީ ހެލިކޮޕްޓަރުގައެވެ. އަދި ޗެނެލް 13 އިން ބުނިގޮތުގައި އިސްރާއީލުގެ ޑްރޯނެއް ވައްޓާލާފައި ވެއެވެ. މި ހަމަލާގައި އިސްރާއީލު ސިފައިންގެ 2 މީހަކު ޒަޚަމްވެފައި ވެއެވެ.

ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސްގެ ތަރުޖަމާނު ނަބީލް އަބޫރުދައިނާ ސިފަކުރެއްވި ގޮތުގައި އާއްމުން ދިރިއުޅޭ އަވަށަކަށް ވަދެ އާއްމުންގެ ގެތަކަށް ރޮކެޓުން ހަމަލާދިނުމަކީ ހަނގުރާމައިގެ އަމަލެކެވެ. އޭނާ ވިދާޅުވީ މިފަދަ އުދުވާނުގެ ސަބަބުން ނުތަނަވަސްކަން އިތުރުވެ، އިސްރާއީލާ ދެކޮޅަށް ރުޅިވެރިން އިތުރުވުން ނޫން އެހެން ކަމެއް ނުވާނެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) އެންޓޮނީ ބްލިންކެން ވަނީ މަސްރަހު ފިނިކުރުމަށް ދެފަރާތަށްވެސް ގޮވައިލައްވާފައެވެ. އެހެންނަމަވެސް، އިސްރާއީލު ސިފައިން އަމަލުތައް ހުރިގޮތުން، ބަރަކާތްތެރި ރަމަޟާން މަހުގައި ވެސް، ނުތަނަވަސްކަން ކުޑަވެގެންދާނެކަމަކަށް ނެބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.