ކާބޯތަކެތީގެ އަގު ވަނީ ފާއިތުވި 11 މަސްދުވަހު ދަށަށް ގޮސްފައި: ފާއޯ

ދުނިޔޭގައި ކާބޯތަކެތީ އަގު ފާއިތުވި 11 މަސްދުވަހުވެސް ދަށަށް ގޮސްފައިވާ ކަމުގައި އދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމްއިއްޔާ، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (ފާއޯ) އިން ބުނެފިއެވެ.

އެ ޖަމްއިއްޔާއިން އިއްޔެ ބުނި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި އެންމެ ގިނައިން ވިކޭ ކާބޯތަކެތީގެ އަގުތައް ހިމަނައިގެން އެ ޖަމްއިއްޔާއިން މަހަކު އެއްފަހަރު ނެރޭ 'ޕްރައިސް އިންޑެކްސް' ފާއިތުވި ޖަނަވަރީ މަހު 130.6 ގައި ހުރިއިރު، ފެބުރުވަރީ މަހު ހުރީ 129.8 ގައެވެ.

މިއީ ސެޕްޓެންބަރު 2021 ގެ ފަހުން މި އިންޑެކްސް އެންމެ ދަށަށް ދިޔަ ފަހަރެވެ. އަދި ފެބްރުވަރީ 2022 ގައި ރަޝިޔާއިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ޖެހިގެން އައި މާރިޗު މަހު މި އިންޑެކްސް ހުރި މިންވަރަށްވުރެ 19 ޕޮއިންޓު ދަށް އަދަދެކެވެ.

މި އިންޑެކްސް އިން ފެންނަނީ ހަކުރުގެ އަގު އުފުލިގެން ދިޔަ ނަމަވެސް، ކައްކާތެލާއި، ކިރުގެ ބާވަތްތައް ފަދަ އާއްމު ކާބޯތަކެތީގެ އަގު ދަށްވަމުން ދިއުމުގެ އަސަރެވެ. ހަކުރުގެ އަގު 6.9 އިންސައްތަ މަތިވެފައި ވާއިރު، ކައްކާތެލުގެ އަގު 3.2 އިން ސައްތަ ވަނީ ދަށްވެފައެވެ. އަދި ކިރުގެ ބާވަތްތަކުގެ އަގު ވަނީ 2.7 އިންސައްތަ ދަށްވެފައެވެ.

ފާއޯއިން ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު 784 މިލިއަން ޓަން ގޮދަން ދުނިޔޭގެ ބާޒާރަށް ނެރޭނެއެވެ. ޔުކްރޭން ދަނޑުތަކަށާއި، ގޮދަން ސާފުކުރާ ކާރުޚާނާތަކަށް ގެއްލުންވެފައި ވުމުގެ ސަބަބުން އެގައުމުން އުފައްދާ ގޮދަނުގެ މިންވަރު %40 ދަށްވެފައި ވީނަމަވެސް، އެމެރިކާ ފަދަ ގައުމުތަކުން ވަނީ ގޮދަން އުފެއްދުން އިތުރުކޮށްފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.