އެއީ ރާއްޖޭގެ ދާޚިލީ މައްސަލައެއް، އެކަމުގެ ތެރެއަށް އެހެން ގައުމުތައް ވަނުމާ ދެކޮޅު- ޗައިނާ

ސުޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން މިނިވަން ކުރަން ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ތަކުގެ ސަބަބުން ރާއްޖޭގެ ޙާލަތު ޗައިނާއިންވެސް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް އެގައުމުން ފުރަތަމަ ފަހަރަށް ބުނެފިއެވެ.

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ކޯޅުން ގަނޑުގެ ސަބަބުން އިންޑިޔާ އާއި އެމެރިކާ ފަދަ ބަޔެއް ގައުމުތަކުން ދިވެހި ސަރުކާރަށް ޕްރެޝަރު ކުރިމަތި ކުރަމުން އަންނަނިކޮށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެގައުމުގެ މީޑިޔާއާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ދިވެހި ރާއްޖޭގައި މިހާރު އުފެދިފައިވާ ދާޚިލީ މައްސަލައިގެ ތެރެއަށް ބޭރުގެ އެހެން އެއްވެސް ގައުމަކުން ވަދެގެން ނުވާނެކަމަށާއި އެކަމާ ޗައިނާ ދެކޮޅު ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ ދާޚިލީ ހަމަނުޖެހުން ޙައްލު ކުރަންޖެހޭނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަ ދައްކައިގެން ކަމަށާއި، ދިވެހިރާއްޖެ ކުރިންވެސް އޮތް އާންމު ޙާލަތަށް ވަރަށް އަވަހަށް ރުޖޫއަވާނެ ކަމަށް ޗައިނާއިން އުންމީދު ކުރާ ކަމަށެވެ.

ޗައިނާގެ ސަރުކާރުން މިގޮތަށް ރަސްމީކޮށް ބުނެފައިވާއިރު ޗައިނާގެ ބަޔެއް ނޫސްތަކުގައިވެސް އިންޑިޔާއިން ރާއްޖޭގެ މި މައްސަލައިގެ ތެރެއަށް ވަންނަން އުޅޭތީ ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. ޗައިނާގެ މީޑިޔާގައި ބުނެފައި ވަނީ އިންޑިޔާ ބޭނުން ވަނީ ދެކުނު އޭޝިޔާގެ ހުރިހާ ގައުމެއް އިންޑިޔާގެ ކޮންޓްރޯލްގެ ދަށުގައި ބާއްވަން ކަމަށާއި އިންޑިޔާއަކީ އެފަދަ ގައުމުތަކުގެ ތަރައްގީއަށް އޮތް ހުރަހެއް ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.