ކިރުއިލޮށި - 7

(16 ފެބުރުއަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެދުވަހު ހަތަރުދަމާއި އެރޭވެސް ޚައިރާދު ހޭދަކުރަމުން ގެންދިޔައީ ހާސްކަމާއި ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ސާރާގެ ވާހަކަތަކުން ޚައިރާދަށްވަނީ ، މުޅިޢުމުރުގައިވެސް އޭނާ ތަޙައްމަލު ނުކުރާފަދަ ވޭނީ ހިތްދަތިކަމެއްގެ އަސަރު ކޮށްފައެވެ. ސާރާ އޭނާއާ ދިމާއަށް ބުނި ކޮންމެ ބަހަކީވެސް ހިތި ޒަހަރެއްފަދަ ، މިޔަތޫނު ކަނޑިއެއްފަދަ އެއްޗެކެވެ. އިރުއިރުކޮޅުން ، ސާރާގެ ރުޅިވެރި ބަސްތައް ޚައިރާދުގެ ކަންފަތުގައި ގުގުމަމުން ދިޔައީ ، ވިއްސާރަ ދުވަހެއްގައި އަޑުގަދަ ގުގުރިއެއް ޖަހާހާ ބާރަށެވެ.

ނުނިދިގެން އެތައްއިރަކު އެނދުގައި ފުރޮޅިފުރޮޅި އޮތުމަށްފަހު ، މެންދަންވުމުން ދަމުނަމާދުކޮށްލައިގެން ، ނިދޭތޯ އުޅެއުޅެވެސް ހިތުގެ އުދާސްތަކުން ސިކުނޑިއަށް އަރަމުން ދިޔަ އާތްވަށް ލުޔެއް ނުލިބުނެވެ. ރަތްވެފާހުރި ދެލޮލުން ފާއްދަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. ފަތިސްވުމުން ނަމާދުކޮށްލައިގެން އޮއްވައި ދޭތެރެޔަކުން ނިދިޖެހުނެވެ. ސިއްސައިގެންގޮސް ކުއްލިޔަކަށް ފުންމައިގެން ތެދުވެވުނީވެސް ، އޭނާގެ ސިކުނޑީގެ އުދާސްތައް ނިންޖަށް ކިޔަމަންނުވެ ، ހޭލައްވައިލައިގެންނެވެ. ކުޑައިރުކޮޅަކު އިނުމަށްފަހު ، ޚައިރާދު އޭނާގެ މަންމަޔަށް ބަލައިލިއެވެ. މަންމައަށް އޮތީ ނިދިޖެހިފައެވެ.

ހޭލެވުމާއެކު ، ސާރާގެ އަދަބެއް ސަދަބެއްނެތް ރުޅިވެރިބަސްތައް ޚައިރާދުގެ ކަންފަތް ދޮށުގައި ގުގުމަން ފެށްޓިއެވެ. އަދި ބޮޑުބޭބެ ބަޝީރަތު ، މަންމައާ މުޚާތަބުކޮށް ބުނި ވާހަކަތައްވެސް ތަކުރާރުވިއެވެ. ޚައިރާދާއި އަޝްހަރުގެ ކައިވެނި ކުރަން ބޭބެ ނިންމި ނިންމުމެވެ. އަދި މަންމަގެ ދިރުމެއްނެތް ހިތަށް އެކަމުން ލިބުނު ހަމަޖެހުމާއި ، އަނަރޫފަ ވެފައިވާ މޫނުމައްޗަށް އައި އުފާވެރިކަމާއި ތާޒާކަމެވެ. މަންމަގެ ، ހިކި މިލާފައިވާ ދެތުންފަތަށް އެލިބުނު ދިރުމެވެ. ވިދުމެއްނެތް ދެލޮލުން ފައިބަމުންދިޔަ ހިތި ކަރުނަ ، ޝަބްނަމްގެ ވިދާ ތިކިތަކަކަށް ބަދަލުވި މަންޒަރެވެ. މިވަނީ ކިހިނެއް ހެއްޔެވެ ؟ އޭނާގެ ޙަޔާތާ ބަޔަކުމީހުން އަމިއްލަޔަށް ކުޅެން ދޫކޮށްލުމަކީ ޚައިރާދު އެދޭނެގޮތެއް ނޫނެވެ.

މަންމަގެ މުޅި ޢުމުރުގައިވެސް ބޭބެގެ ފަރާތުން އެއްވެސް ކަމަކަށް މަންމަ އެދިފައެއް ނުވެއެވެ. މަންމަގެ ދިރިއުޅުން އެހޭދަކުރީ ވަރަށް ނިކަމެތި ޙާލުގައެވެ. އެޙަލަތަކީ ޚައިރާދުމެންނަށް ފުދޭ މިންވަރެކެވެ. އޭނާއަށްޓަކައި ، ބޭބެގެ ފަރާތުން މަންމަ ކަމަކަށް އެދޭކަށް ނުޖެހެއެވެ. ދެންވެސް ، ދެމައިންގެ އަމިއްލަ ޙާލައިގެން ދިރިއުޅެވިދާނެއެވެ. މީހެއްގެ އެހީއެއް ބޭނުމެއް ނޫނެވެ. ދިރިއުޅުމުގެ ގޮންޖެހުންތަކަށް ދެމައިން ކެރިގެން ކުރިމަތިލާނީއެވެ. މަންމަ ނެތްދުވަހަކުންވެސް ، ޚައިރާދު ދިރިއުޅޭނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. ﷲ ގެ ރަޙުމަތްފުޅުން ، އެހިތްވަރު ޚައިރާދަށް ލިބިގެން ވެއެވެ. އަޝްހަރުގެ ދިރިއުޅުމަށް ގަދަކަމުން ވަދެގަންނާކަށް ޚައިރާދު ބޭނުމެއްނޫނެވެ. މަންމަ ބުންޏަސް އެއީ ކުރަން އުނދަގޫ ކަމެކެވެ. ޚައިރާދުގެ ހިތަކީ އޭނާގެ އަމިއްލަ ހިތެވެ. އެހިތުގެ ނުރުހުމުގައި އެހެންމީހުން އެއާކުޅެން ، ޚައިރާދު ދޫކޮށެއް ނުލާނެއެވެ. މިކަމާބެހޭގޮތުން ، އަޝްހަރާ ވާހަކަ ދެއްކުމަށް ޚައިރާދު ނިންމިއެވެ.

ބޮލަށް ދޮޕައްޓާ ވައްޓާލައިގެން ، އަޝްހަރާ ވާހަކަ ދެއްކުމަށްޓަކައި ޚައިރާދު ކޮޓަރިން ނުކުތެވެ. އަޝްހަރުގެ ކޮޓަރީގެ ދޮރާހަމަޔަށް ދެވުނުއިރު ، އެތެރެއިން ، އަޝްހަރު ވާހަކަ ދައްކާ އަޑު ޚައިރާދަށް އިވުނެވެ. އަޝްހަރު ، ފޯނުން ވާހަކަ ދައްކަމުން އެގެންދަނީ އޭނާގެ ރަޙުމަތްތެރިއެއްކަމުގައިވާ ރަޒާއާއެވެ.

" ރަޒާއެވެ ! އަހަރެން އެކަމާ އިންކާރުކުރަން ބޭނުންވިއެވެ. އެކަމަކު ، ބައްޕަގެ އާދޭހުގެ ކުރިމަތީގައި ނޫނެކޭ ބުނަން އަހަރެންނަށް ނުކެރުނީއެވެ. އެކަހަލަ ކުއްޖަކާ އަހަރެން ކައިވެނިކުރާނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންގެ ވިސްނުމާއި ފިކުރާ އަދި ޚިޔާލާތު އެފެންވަރުގެ ކުއްޖަކާ ޙިއްޞާ ކުރާނީ ކޮންގޮތަކަށް ހެއްޔެވެ ؟ " އަޝްހަރު އޭނާގެ ރަޙުމަތްތެރިޔާގާތު ބުނިއަޑު ޚައިރާދަށް އިވުނެވެ.

މަޑުމަޑުން ދޮރާ ދުރަށް ޚައިރާދަށް ޖެހިލެވުނެވެ. ޚައިރާދު އައިކޮޅަށް އެނބުރި ހިނގައިގަތްއިރުވެސް އަޝްހަރުގެ ވާހަކަތައް މަޑުމަޑުން އިވެމުން ދިޔައެވެ.

" އެއީ އަހަރެންގެ ފެންވަރުގެ ކުއްޖެއްނޫނެވެ. ޒަމާނަށް ނުފެތޭ ، ވިސްނުމާއި ފިކުރު ހާސްބައި ތަފާތު ކުއްޖެކެވެ. އެވަރުގެ ކުއްޖަކާއެކީ އަހަރެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ ؟ ދައްތަގެ ޙާލުވެސް އެހާ ދެރައެވެ. ބައްޕަ އެކަމާ އެހުންނަނީ ފިކުރުބޮޑުވެގެންގޮސް ހަލާކުވެފައެވެ. ބައްޕަގެ ކުރިމަތީގައި އަހަރެންނަށް ނޫނެކޭ ބުނެވޭވަރަށްވުރެ ، ބައްޕަގެ ހާސްކަން ބޮޑެވެ. އެކުއްޖާއާ އަހަރެން ކައިވެނިކުރިޔަސް އެއީ ކައިވެންޏަކަށް ނުވާނެއެވެ. އެއީ އަހަރެންނަށް ލިބޭނެ އަނިޔާއެކެވެ. " އަޝްހަރު ބުނަމުން ގެންދިޔައެވެ.

ޚައިރާދު ، މަޑުމަޑުން އައިސް މަންމައޮތް ކޮޓަރިޔަށް ވަނެވެ. އޭނާގެ ހިތްވަނީ ޒަޚަމުން ފުރިފައެވެ. ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތަކަށް ފައިބަން ނޭނގި ޖަމާވެފައި ހުއްޓެވެ. މަޑުމަޑުން އެކަރުނަތައް ފާއްދަމުން ދިޔައިރުވެސް ، އޮހިގަތުމަށް ފުރުޞަތުނުދީ ޚައިރާދު ކެތްކުރިއެވެ. މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅަށް އެދި ހިތުގެ އަޑިން ދުޢާކުރަމުން ގެންދިޔައެވެ. އޭނާއަށް ކުރިމަތިވި މި މުޞީބާތުން ފަސޭހަގޮތަކަށް ސަލާމަތް ކޮށްދެއްވުން އެދިއެވެ. އޭނާއާހުރެ ، އެހެން އިންސާނެއްގެ ދިރިއުޅުން އަނިޔާއަކަށް ބަދަލުވެގެން ދާކަށް ޚައިރާދު ނޭދެއެވެ. އެއްވެސް އިންސާނަކަށް ، ﷲ ދެރަގޮތެއް އިރާދައެއް ނުކުރައްވާނެއެވެ. ކުރިމަތި ކުރައްވާނީ އިމްތިޙާނެވެ. މިއިމްތިޙާނުންވެސް ، އިރާދަކުރެއްވިއްޔާ އޭނާ ފާސްވާނެއެވެ. މިންވަރުކުރައްވާފައި އޮތް އެންމެ ރަނގަޅުގޮތަކަށް އެކަން ހިންމަވައި ދެއްވާނެއެވެ. ދެރަގޮތެއްކަމަށްވިޔަސް ، އެކަމުގައި ، ޚައިރާދަށް ނޭނގޭ އެތައް ރަނގަޅެއް އޮންނާނެއެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައިކަން ޚައިރާދަށް ކަށަވަރެވެ. ކޮންމެ ކަމެއްގައިވެސް ވާގިއެދެންވާނީ އެކަލާނގެ ޙަޟުރަތުންނެވެ. އަޝްހަރާ އެވާހަކަ ދައްކަން އޭނާއަށް ދެވުނުކަން އެއީ ހެދުނު ގޯހެކެވެ. ﷲ ، ހުރިހާ އިންސާނުންގެވެސް ، ހުރިހާކަމެއްވެސް ބައްލަވާ ވޮޑިގެން ވެއެވެ.

ޚައިރާދު އައިސް ކޮޓަރިޔަށް ވަތްއިރު ، މަންމަ އިނީ ހޭލައިގެން އެނދުގައި ލެނގިލައިގެންނެވެ. ރަޖާގަނޑު ރަނގަޅުކޮށްލަދިންތަނުން ، މައިމޫނާ ޚައިރާދަށް ގޮވައިލިއެވެ. އަދި މަންމަގެ ކަރުހިއްކައިގެންފިއޭ ބުނެ ފެންފޮދެއް ގެނެސްދޭން އެދުނެވެ. ފެންތަށި އަޅައި ޚައިރާދުގެ ކަނާތުން އެތަށި މަންމަގެ ތުބުގައި ޖެއްސިއެވެ. އަދި އަވަސް އަރުވާލައިފާ މައިމޫނާ ފެންތަށި ބޮއެ ހުސްކޮށްލިއެވެ. ޚައިރާދު އޭނާގެ މަންމަގެ އަތުގައި ފިރުމާލަމުން ގެންދިޔައެވެ. އޭނާ މިހާރު އެއިނީ އަދި ވަކިން ފިކުރު ބޮޑުވެފައެވެ. ކުރިން އެވީ ކަންތަކަށްވުރެ ބޮޑަށް އޭނާއަށް އަޝަހަރުގެ ދުލުން ބުނިއަޑު އެއިވުނު ވާހަކަތަކުން ހިތަށް ލިބުނީ އިތުރު ވޭނެކެވެ. މައިމޫނާއަށް ޚައިރާދު ކަންބޮޑުވެ ކަމަކާ ވިސްނަން އިންކަން އެނގި އެކަމާބެހޭގޮތުން ސުއާލު ކުރިއެވެ. ބުނަން ނުބުނަން އިނދެ ، ޚައިރާދު އޭނާގެ މަންމައާ ވާހަކަ ދައްކަން ފެށްޓިއެވެ.

" މަންމާއެވެ ! އަހަރެން ކައިވެނިކުރަން އަދި ތަންކޮޅެއް އަވަސް ހެންނެއް މަންމަޔަކަށް ހިއެއްނުވޭ ހެއްޔެވެ ؟ ބޮޑުބޭބެމެންގެ ދިރިއުޅުމަށް އަހަރެމެންގެ ފަރާތުން ތަކުލީފެއް ދޭންވެދާނެ ހެއްޔެވެ ؟ ބޮޑުބޭބެގެ ޢާއިލާއާ އަހަރެމެންނާ އަރާއަރަފޯދިގެންނެއް ނުވެއެވެ. " ޚައިރާދު މަޑުމަޑުން ބުނަމުން ގެންދިޔައެވެ.

" ނޫނެކެވެ. ދަރިފުޅާއެވެ ! އެއީ އަހަރެންގެ ކޮއްކޮއެވެ. ޢާއިލާގެ ތެރެއިން ކައިވެނީގެ ގުޅުން އުފެދުމަކީ ، ޢާއިލާ އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. އެއް ޢާއިލާއެއްގެ ފެންވަރުގައި އޮންނާނީ ކޮންތަފާތެއް ހެއްޔެވެ ؟ ބަޝީރަތު އެގޮތަށް ނިންމާނީ ވަރަށް ވިސްނާފައެވެ. " މައިމޫނާ ބުންޏެވެ.

މަންމަޔާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނާކަށް ޚައިރާދު ބޭނުމެއް ނުވެއެވެ. އަމްދުން ، މަންމަ އެހާ ބަލިވެ އޮއްވާ މަންމަގެ ހިތަށް އުނދަގޫވާނެ އެއްވެސް ވާހަކައެއް ދައްކާކަށް އޭނާގެ ހިތަކަށް ކެތެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް މިވާހަކަތައް މަންމަގާތު ދައްކަން އޭނާއަށް މަޖުބޫރެވެ. ބޮޑުބޭބެގެ ވާހަކަތަކާއި ، ސާރާއާ އަޝްހަރުގެ ވާހަކަތަކުން އޭނާއަށް އާދެވިފައި އެހުރީ ހަތަރު އަނގޮޅިޔަކަށެވެ. ސާރާގެ ވާހަކަތަކުގައި ޙަޤީޤަތެއް އެބައޮތްކަން އަޝްހަރުގެ ވާހަކަތަކުން އެބަ އެނގެއެވެ. ދެންހުރީ ފަހަރި ދައްތަ ، ފަރީދާއެވެ. ފަރީދާއަކީ ، ރުހުމުގެ ލޮލަކުން ، ދުވަހަކުވެސް ޚައިރާދާ ދިމާއަށް ބަލައިލައި ހިނިތުންވެލި މީހެއްނޫނެވެ. އެހެނެއްކަމަކު ، ބޮޑުބޭބެގެ ނިންމުމާ ، އަޝްހަރުގެ ރުހުމުގައި ފުށުއެރުންތަކެއް އެބަހުއްޓެވެ. އެ ހަތަރު އަނގޮޅިން ،  އޭނާ ދާންވީ މަގު ، އިޚުތިޔާރުކުރަން އެބަ ޖެހެއެވެ.

" މަންމާއެވެ ! ކައިވެނީގެ ގުޅުން ގުޅިގެންދާންވާނީ އެއްފެންވަރެއްގެ މީހުންގެ މެދުގައި ނޫންހެއްޔެވެ ؟ އަހަރެންގެ ކައިވެނީގެ ވާހަކަ ، ބޮޑުބޭބެގާތު ދެއްކުން އެއީ މަންމައަށް ރަނގަޅަށް ކުރެވުނުކަމެއްނޫނެވެ. އަހަރެން ވަރަށް އެބަ ލަދުގަނެއެވެ. ދުވަހަކުވެސް އަހަރެން ، އަހަރެންގެ އަމިއްލަ ނަފުސުގެ މުއްސަނދިކަމަށް ފަޚުރުވެރިވަމެވެ. އެކަމަކު ، މިއަދު އަހަރެންނަކީ ވަރަށްބޮޑު ނިކަމެއްޗެއްކަމުގެ އިޙްސާސް އެބަ ކުރެވެއެވެ. " ޚައިރާދު ދެރަވެފައި އިނދެ ބުންޏެވެ.

" ކީއްވެ ހެއްޔެވެ ؟ ދަރިފުޅާދިމާއަށް މީހަކު އެއްޗެކޭ ބުނީ ހެއްޔެވެ ؟ " މައިމޫނާ ސުއާލުކުރިއެވެ.

" އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ބުނީކީ ނޫނެވެ. އެކަމަކު ، ތަޢުލީމާއި މުއްސަނދިކަމާއި ފެންވަރާ ނުބައްދަލު  އިންސާނެއްގެ ޙަޔާތާ އަހަރެންގެ ދިރިއުޅުން ގުޅުވަން މަސައްކަތް ނުކުރުމަށް މަންމަޔަށް އާދޭސް ކުރަމެވެ. ފަހަރެއްގައި ، ބޮޑުބޭބެގެ އެދުމަށް ނޫނެކޭ ބުނަން ނުކެރިގެން އަޝްހަރު ، އެކައިވެންޏަށް އެއްބަސްވީކަމަށް ވެދާނެ ނޫންހެއްޔެވެ ؟ " ޚައިރާދު އޭނާގެ މަންމަޔަށް އާދޭސް ކުރިއެވެ.

ޚާއިރާދުގެ އާދޭހުގެ ވާހަކަތައް މައިމޫނާ ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ. ޚުދު ފަރީދާ ، ކޮއްކޮއާއެކު އޭނާގާތަށް އައިސް ކައިވެންޏަށް ރުހި ޤަބޫލުކަމުގައި އޮތީ ބުނެފައެވެ. އަޝްހަރުގެ ވިސްނުމާ އިދިކޮޅަށް ފަރީދާ ގޮތެއް ނުނިންމާނެއެވެ. އެކައިވެންޏަށް ރުހި ޤަބޫލުކަމުގައި ، ފަރީދާ ބުނީ އެދެމަފިރިން ، މައިމޫނާގާތަށް އައިސް ތިބެއެވެ.

" މަންމަ ހުރިހާކަމެއް ތިދެކެނީ މަންމަ ބޭނުންވާ ގޮތަށެވެ. އެގޮތް އެއީ ، އެހެންމީހުންނަށް ކަމުނުދާގޮތެއްކަމަށްވެސް ވެދާނެއެވެ. މަންމަގެ ބަލިޙާލަތު މިއޮތީ ، ކަންކަމުގެ ޙަޤީޤަތް ފާޅުވާވަރަށްވުރެ ނާޒުކު ކޮށެވެ. އެކަންކަމާ އަހަރެން ވަރަށް ކަންބޮޑު ވެއެވެ. " ޚައިރާދު ބުންޏެވެ.

ޚައިރާދު ދައްކަމުންގެންދިޔަ ވާހަކަތައް އަޑުއަހަން ، މައިމޫނާ މަޑުމަޑުން އޮތެވެ. ޚައިރާދުގެ ވިސްނުން މައިމޫނާއަށް ވަރަށް ސާފެވެ. އަދި ، އެކައިވެންޏާމެދު ޚައިރާދު ހިތްހަމަ ނުޖެހޭކަން މައިމޫނާއަށް އެނގެއެވެ. ޚައިރާދު އެކައިވެންޏަށް ހިތްހަމަނުޖެހުން އެއީ ޚައިރާދުގެ އީގޯ އާ ގުޅިފައިވާ ކަމެއްކަމުގައި މައިމޫނާ ބުންޏެވެ. ޚައިރާދުގެ އަމިއްލަ ނަފުސާމެދު އޭނާ ވިސްނާގޮތް ބަދަލުކޮށް ގޮތްދޫނުކުރާނެކަން މައިމޫނާއަށް ރަނގަޅަށް އެނގެއެވެ. ނަފްސުގެ ޢިއްޒަތް ދެމެހެއްޓުމަށްޓަކައި ، އަދި އެހެންމީހަކަށް ތަކުލީފެއް ނުޖެއްސުމަށްޓަކައި ، ޚައިރާދު ވިސްނުން ގެންގުޅޭގޮތް އެންމެ ރަނގަޅަށް އެނގޭނީ މައިމޫނާއަށެވެ. ޚައިރާދުގެ ފަރާތުން ، އެކައިވެންޏަށް އާނއެކޭ ބުނުވުމަކީ ، މައިމޫނާ އެޙާލުގައި އޮވެގެން ކުރަން ވަރަށް އުނދަގޫކަމަކަށް ވާނެއެވެ.

" ދަރިފުޅާއެވެ ! މި ކައިވެންޏަކީ މި ދުނިޔެއިން ، މަންމަ ބޭނުންވާ އެންމެ ފަހުގެ އެދުންކަމަށް ބަލާށެވެ ! އެކަން މަންމަޔަށް ފުރިހަމަކޮށްދޭށެވެ ! " ރޮމުން ރޮމުން ، މައިމޫނާ ބުންޏެވެ.

މަންމަގެ ވާހަކަތަކުން ޚައިރާދަށް ވަރަށް އަސަރުކުރިއެވެ. އަދި ކުއްލިޔަކަށް ، މަންމަގެ މޭމަތީ ބޯއަޅާލައި ބާރަށްރޯން ފެށްޓިއެވެ.

ފަރީދާއާއި ސާރާގެ މަންމަ ޒަރީނާ ފޯނުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ފަރީދާ ބުނިގޮތުގައި ، ބަޝީރަތުވަނީ އަޝްހަރުގެ ސިކުނޑިއާ ކުޅެލައި ، އެކައިވެންޏަށް އެއްބަސް ކުރުވާފައެވެ. ޒަރީނާގެ ނަޒަރުގައި ، ފިރިމީހާގެ ބޭނުން ފުއްދައިދިނުމަށް ފަރީދާއަށް ، އޭނާގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކުރާކަށް ނުޖެހޭނެއެވެ. އެކައިވެނި ހުއްޓުވުމަށްޓަކައި ފަރީދާ މަސައްކަތް ކުރަން ޖެހޭނެއެވެ. ސާރާއަށް އެވާހަކަ އިވުމުން އޭނާއަށް ކުރާނެ އަސަރު ފަރީދާއަށް އެނގެއެވެ. ޒަރީނާމެން ގެޔަށްގޮސް ސާރާއާ ވާހަކަ ދައްކާލަން ބޭނުންވެފައި ހުއްޓަސް ވަގުތެއް ނުލިބިގެން ނުދެވިގެން އުޅެނީއެވެ. ސާރާ ހުރީ ދުނިޔެއިން މޮޔަވެފައެވެ. ކެއުމެއް ބުއިމެއް ނޯވެއެވެ. މީހަކާ އަނގައިން ބުނެލަނީކީ ނޫނެވެ. ކޮޓަރިތެރޭ ތަޅުލެވިގެން އިންނަނީއެވެ. ޒަރީނާއާއި ފަރީދާ ފޯނުން ވާހަކަދައްކަން އިންދާ ، ސާރާ އައިސްހުރި ވާހަކަ ފަރީދާއަށް އިންޓަކަމުން ގުޅާފައި ރިސެޕްޝަނުން ބުނެއެވެ. އެވާހަކަ ޒަރީނާގާތު ބުނުމުން ، ސާރާއާ ވާހަކަ ދައްކައި އޭނާއަށް ވިސްނައިދީ ،  ހަމަޔަކަށް އަޅުވައިދިނުމަށް ޒަރީނާ އެދުނެވެ. ޒަރީނާގެ ވާހަކައެއް ސާރާ ޤަބޫލެއް ނުކުރެއެވެ.

ސާރާ އައިގޮތަށް އައިސް ، ފަރީދާގެ މޭޒުކުރިމަތީ ހުއްޓުނެވެ. އޭނާހުރީ ހަމަ  ރަނގަޅަށްވެސް ހަމައިން ނައްޓާފައެވެ. މިވަނީ ކިހިނެއްތޯ އަހައި ހަރުއަޑުން ފަރީދާއާ ސުއާލުކުރަމުން ގެންދިޔައެވެ. ފަރީދާ ދައްތަ ހުއްޓާ އެކަން އެ ކުރެވެނީ ކީއްވެގެންހޭ ބުނެ އަޑުގަދަ ކޮށްލިއެވެ. އިށީނދެލަން ބުނީމަވެސް ، ތަނެއްގައި އިށީންނާކަށް ސާރާ ބޭނުމެއް ނުވިއެވެ. ސާރާ ގޮނޑީގައި ބޭންދުނީ ވަރަށް މަސައްކަތުންނެވެ. އަޝްހަރާއި ސާރާއާ ދެމީހުންގެ ކައިވެނިކޮށްދޭނަމޭ ކިޔާފައި ، އޭނާއަށް ލަނޑުދިނީ ކީއްވެގެންތޯ ސުއާލު ކުރިއެވެ. އޭނާގެ އަގަށްވުރެ އިއްޔެ ފެނުނު އާވާރާ ކުއްޖެއްގެ އަގު ، ފަރީދާގެ ކުރިމަތީ ބޮޑުވެ ، އޭނާއާ އަޝްހަރު ދެވަން އެއްބަސްވި ސަބަބު ބުނެދޭން ސާރާ އެދުނެވެ. ސާރާއަކީ އޭނާގެ ޅީދަރިފުޅަށްވުމަކީ އޭނާވެސް އެދޭގޮތްކަމަށް ފަރީދާ ބުންޏެވެ. އެހެންނަމަވެސް ، އެކަން މިހާރު އެއޮތީ އޭނާގެ ބާރުފޯރާ ހިސާބެއްގައި ނޫންކަމަށް ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.