ލަންކާގެ 75 ވަނަ މިނިވަންދުވަސް ތަމަޅައިންނާނުލައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން ، ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި – 4 ފެބްރުއަރީ 2019

އަވަށްޓެރި ޝްރީލަންކާގެ 75 ވަނަ މިނިވަންދުވަސް ފާހަގަ ކުރެވުނީ ، މީގެ ހަފުތާއެއްގެ ކުރިން ، މިމަހުގެ 4 ވަނަ ދުވަހުއެވެ. ލަންކާއަށް މިނިވަންކަން ލިބުނީ ، މިސަރަޙައްދުގެ އެހެން ޤައުމުތަކެކޭއެއްފަދައިން ، އިނގިރޭސީންގެ އަތުންނެވެ. 75 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ، ރައީސް ރަނިލް ވިކްރަމަސިންގހަގެ ފަރާތްޕުޅުން ، ތަޅައިންގެ ޤައުމީ މައްސަލަޔަށް ސިޔާސީ ޙައްލެއް ގެނެވިދާނެ ނިންމެވުމެއް އަތުވެދާނެކަމަށް ، ގިނަބަޔަކު އުއްމީދު ކުރިއެވެ. ޤައުމު އޮތް ޙާލަތުން ތަމަޅައިންނާ ނުލައި އަދި ތަމަޅައިންގެ މަދަދާނުލައި ، ކުރިޔަށްދެވިދާނެކަމަށް ޤަބޫލު ނުކުރާ ގިނަބަޔަކު އެބަތިއްބެވެ. އިޤްތިޞާދުގެ ބޮޑުބައެއް ޙިއްޞާކުރަނީ ތަމަޅައިނެނެވެ. ވިސްނުންތޫނުފެފައި ، ކުރިޔަށް ދުއްވައިގަތުމުގެ ރޫޙުބޮޑީ ތަމަޅައިންގެ ތެރޭގައެވެ. ޢިލްމީގޮތުން ޤަބިލް މީހުންގިނައީ ތަމަޅަ ޖަމާޢަތުގެ ތެރޭގައެވެ.

ތަމަޅައިންނާ ގުޅިފައިވާ ޤައުމީ މައްސަލަތަކަށް ޙައްލެއް ގެންނަންޖެހޭކަމަށް ވިދާޅުވެ ، މިނިވަންދުވަސް އެއީ އެކަމަށް އޮތް އެންމެ ޖާއިޒު ދުވަސްކަމަށް ނިންމަވައި ، އެތާރީޚު ދެއްވީވެސް ޚުދު ރަނިލްއެވެ. މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައެވެ. އެހެނަސް ، ޖެނުއަރީމަހުގެ ތެރޭގައި ހިނގައިދިޔަ ކަންކަމުން ، އެފަދަ ނިންމުމަކަށް މަގުތަނަވަސްނުވީކަމަށް ވެދާނެއެވެ. މިނިވަންދުވަހު ، ތަމަޅައިންގެ ހިތަށް ލިބުނު ތަސައްލީއެއް ނެތެވެ. އުއްމީދުކުރި ހުވަފެން ބިލާހަކަށްވެ ނިމުނީއެވެ.

ޖެނުއަރީމަހުގެ ތެރޭގައި ، އެފަދަ ނިންމުމަކަށް ހުރަސްއެޅޭގޮތަށް ހިނގި ، އެއްކަމަކީ ، 4 ފެބްރުއަރީއަކީ ހިތާމަފާޅުކުރާ " ކަޅުދުވަސް " ކަމުގައި ، ތަމަޅައިންގެ ޤައުމީ ޕާޓީއާއި ތަމަޅަ ޖަމާޢަތްތަކުން އިޢުލާންކުރުމެވެ.

ލަންކާގެ އުތުރާއި އިރުމަތީގެ ތަމަޅަ ސަރަޙައްދުތަކުގައި ، މިނިވަންދުވަހު ، ކަޅުދިދަ ވިހުރުވުނެވެ. މުހިންމު ޚިދުމަތްދޭ ތަންތަން ބަންދު ކުރެވުނެވެ. މިނިވަންދުވަހަކީ ، ރައްޔިތުން އުފާފާޅުކޮށް މަޖާކުރުމުގެ ދުވަހެކެވެ. އެހެންނަމަވެސް ، ލަންކާގެ މިނިވަންދުވަހަކީ ، ތަމަޅައިން އުފާފާޅުކުރާ ދުވަހެއް ނޫނެވެ. އެކަން އެމަގުން ހިނގާތާ އެތައް ޒަމާނެއް ވެއްޖެއެވެ.

ތަމަޅަ ނަސްލަށް ނިސްބަތްވާ ގިނަމީހުންނަކީ ، ރޫޙީގޮތުންނާއި ޖަޒުބާތީގޮތުންވެސް ، މިނިވަންކަމުގެ އުފާލިބިގަންނަ ބައެއްނޫނެވެ. މިނިވަންކަމުގެ އެއްވެސް އިޙްސާސެއް އެމީހުންނާ ހަމަޔަކަށް ނުފޯރައެވެ. މިނިވަންދުވަސް ، ތަމަޅައިން ބަލަނީ އެމީހުންގެ ޙަޔާތުގައި އަންނަ ކަޅުދުވަހެއްގެ ގޮތުގައެވެ. މިއީ މިނިވަންކަން ލިބުމުގެ ކުރީގެ ޙާދިސާތަކާ ގުޅުވައިގެން ، މިލިޔުމުގައި ތަމަޅައިންގެ ތަޞައްވުރެއް ގެނެސްދޭން މަޖުބޫރުވި އެއްސަބަބެވެ.

ޝްރީލަންކާއަކީ ހަމައެކަނި ސިންގަޅައިންގެ ޤައުމެއްނޫނެވެ. އިނގިރޭސީން ، ޝްރީލަންކާއަށް މިނިވަންކަންދިނީ ، ސިންގަޅައިންނާއި ތަމަޅައިން ހިމެނޭ ގޮތަށެވެ. އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދުމަށް އެންމެކުރިން އިސްނަގައި ޙަރަކާތްތެރިވީވެސް ، އަދި މިނިވަންކަމަށް އެންމެ ގިނަ މަސައްކަތްކޮށް ، އެންމެގިނަ ޤުރުބާނީވީވެސް ތަމަޅައިންނެވެ.

ސިޔާސީގޮތުން ، 4 ފެބްރުއަރީއަކީ ، ހިތާމަފާޅުކުރާ ކަޅުދުވަހެއްގެ ގޮތުގައި ، ތަމަޅައިން ، އެދުވަސް ފާހަގަކުރަންފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މިނިވަންކަން ލިބުނީއްސުރެ ތަމަޅައިން އަންނަނީ އެދުވަސް ހިތާމަވެރި ، ކަޅު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަމުންނެވެ. ތަމަޅައިންގެ މެދުގައި ، އެބައިމީހުންގެ ވަޠަނީ ރޫޙު އާލާވާންފެށީ ، މިހުސްވި ޤަރުނުގެ ފަންސާހާއި ފަސްފޮޅަހުގެ އަހަރުތަކުގައެވެ. އިނގިރޭސީންގެ އަތުން މިނިވަންކަންލިބުން ، މާނަކުރެވިގެންދިޔައީ ، ޤައުމު ހިންގާނީ ހަމައެކަނި ސިންގަޅައިން ކަމުގައެވެ. އެހެން ނަސްލުތަކުގެ ބާރު ވެރިކަމުގައި ނުއޮންނަ ގޮތަށެވެ. މިއީ ސިންގަޅައިންގެ ވިސްނުމެވެ. ތަމަޅައިންގެ ނަޒަރުގައި މިނިވަންކަމެއް ނުލިބެއެވެ. ވެރިކަމުގެ ބާރު އިނގިރޭސީންގެ އަތުން ސިންގަޅައިންނަށް ލިބުނީއެވެ. އެހެންކަމުން ، މިނިވަންދުވަސް އެއީ ، ސިންގަޅައިންނަށް އޮތް ދުވަހެކެވެ. ތަމަޅައިންނާ އެއްވެސް ބެހުމެއް ނެތެވެ.

1972 ގެ ޖުމްހޫރީ ޤަނޫނުއަސާސީއާ ހަމަޔަށް ، މިވިސްނުމާއި ފިކުރު ، ތަމަޅައިންގެ މެދުގައި ދެމިއޮތެވެ. އޭގެފަހުން ، 22 މޭ އަކީވެސް ކަޅު ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހަކަށް ވެގެންދިޔައެވެ. 4 ފެބްރުއަރީއަށް ދެވިފައިވާ ކަޅުދުވަހުގެ ނަމަށް ހިޔަނިއެޅިގެންދިޔައެވެ. އެހެންނަމަވެސް ، 4 ފެބަރުއަރީގައިވެސް ، ކަޅުދިދަނެގި ، ކަޅުދުވަހެއްގެ ގޮތުގައި ތަމަޅައިން ، ހިތާމަފާޅުކުރަމުން ގެންދިޔައެވެ. މިނިވަންކަމުގެ މާނައޮޅި ، ޤައުމީ އަދި ވަޠަނީ ޙައިޞިއްޔަތު ގެއްލި ، ތަމަޅައިންގެ ހިތްތަކުގައި އުތުރު އަރަމުންދިޔަ ވޭނީ އުދާސްތަކުން ، މިނިވަންކަމަށް ފެންބޮވައިގަތެވެ. އޭގެފަހުން ، ލިބަރޭޝަން އޮފް ޓަމިލް ޓައިގާރޒް ، އެލްޓީޓީއީ އުފެދުނެވެ. ވަކިވެރިކަމެއް އުފައްދަން ތަމަޅައިންކުރި ހަނގުރާމައިގާ ، މުޅި ތަމަޅަ ނަސްލަށް ، ތަމަޅައިންގެ ދަރިފަސްކޮޅަށް ، އެތައް ގެއްލުންތަކެއް ލިބުނެވެ. މި ހަނގުރާމައިގާ ތަމަޅައިންގެ އެތައްބަޔަކު ޤުރުބާންވިއެވެ. އެތައް ޢާއިލާތަކެއް ރޫޅިގެންދިޔައެވެ. އެ ހަނގުރާމައިގެ ނަތީޖާވެސް ބުރަވެގެންދިޔައީ ސިންގަޅައިންގެ ކޮޅަށެވެ.

ކާބަފައިންގެ ބިމުގައި ، ހަމަނޭވާ ނުލެވި ، ނިކަމެތިވެގެންތިބެ ، ދިރިއުޅުމާ ހަނގުރާމަކުރަމުން ގެންދިއުމަކީ ، ފެށުނީއްސުރެ ، ތަމަޅައިންނަށް ކުރިމަތިވެ އޮތް ގޮންޖެހުމެވެ. އަމިއްލަ ޤައުމުގައި އަމިއްލަ ޕާސްޕޯޓާއި އައިޑެންޓިޓީ ކާޑުން މަޙުރޫމުވެ ތިބެ ، ދުނިޔެއަޅައިދިއުމުގެ ވޭނަކީ ކުރިންވެސް އަދި މިއަދުވެސް ލަންކާގެ ތަމަޅައިން ތަޙައްމަލު ކުރަމުންގެންދާ ބޭއިންސާފީ ވޭނެކެވެ.

ތަމަޅައިންގެ ސިޔާސީ ވިސްނުމާއި ފިކުރަށްވެސް ، މިވޭތުވެދިޔަ ދުވަސްތަކުގައި ބަދަލުތަކެއް އައިސްފައި ވެއެވެ. ޤައުމު ބިނާކުރުމުގެ ރޭހުގައި ، ސިންގަޅައިންނަކީ ބައިވެރިންގެގޮތުގައި ބަލައި ، ގޮތްދޫކުރުމުގެ ވިސްނުން އައީ އުފެދެމުންނެވެ. އަދި ތަމަޅައިންނަކީ ، ޤައުމުގެ މުހިންމު މައިނޯރިޓީ މުޖުތަމަޢުކަން އައީ ވިސްނެމުންނެވެ. ސިންގަޅައިންނަކީ ، މެޖޯރިޓީކަން ޤަބޫލުކުރެވެމުން އައެވެ. އެއަށްފަހު ، ތަމަޅައިންނަކީ އިތުރާއި އިރުމަތީގެ ސަރަޙައްދީ މައިނޯރިޓީ މުޖުތަމަޢުކަމުގެ ވިސްނުން އުފެދުނެވެ. އަދި އެންމެފަހުން ، އެވިސްނުން ހަނިވަމުންގޮސް ، އަމިއްލަވެރިކަމެއް ހިންގާ ސަރަޙައްދީ ސަރުކާރެއް ، ތަމަޅައިންނަށް ޙައްޤުކަމަށް ޤަބޫލުކުރާ ވިސްނުމެއް އުފަންވިއެވެ.

އެލްޓީޓީއީގެ ލީޑަރ ޕްރަބަކާރަން އާއި ހަނގުރާމަވެރި ތަމަޅަ ޖަމާޢަތްތަކުގެ އިއްތިހާދުން ، ޓަމިލް އީލާމް ގެ ޢަހުދު ފުއްދުމަށް ، ޓަމިލް ޔުނައިޓެޑް ލިބަރޭޝަން ފްރަންޓް ، ޓީޔޫއެލްއެފް ، އުފެއްދިއެވެ. އެއީ 1977 ވަނައަހަރުގެ އިންތިޚާބުގެ ތެރޭގައެވެ. އެލްޓީޓީ އިސްވެ އޮވެ ފެށި ، ވަކިވެގަތުމުގެ މި ހަނގުރާމަ ، ނިމިގެންދިޔައީ ، ޝްރީލަންކާ ސަރުކާރުން ، ތަމަޅައިން ބަލިކޮށް ، 2009 ވަނައަހަރުގެ މޭމަހުގެ ތެރޭގައެވެ.

އެ ހަނގުރާމަ ނިމިއްޖެއެވެ. އަދި ވެރިކަމުގެ ބާރުން ޤައުމު އެކަތިގަނޑަކަށް ހަދައިފިއެވެ. އެކަމަކު އެއީ ނަމެއްގައެވެ. ޙަޤީޤަތުގައިވެސް ޤައުމުގައި އެއްބައެއްވަންތަކަން އުފެއްދިއްޖެތޯ ކުރެވޭ ސުއާލަކީ ، ޖަވާބެއް ނެތް ސުއާލެކެވެ.

ތަމަޅައިން އެދޭ މިނިވަންކަމުގެ ތަޞައްވުރުވެސް ، މި ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ބަދަލުވެފައެވެ. ޖަފްނާގައި އޮތް ރަސްކަން ގެއްލިގެންދިޔައީ ، ޕޯޗްގީޒުންނާ ކުރި ހަނގުރާމައިގާ 1619 ގައެވެ. ޕޯޗްގީޒުންނާ ހަނގުރާމަކޮށް ޑަޗް ނުވަތަ ނެދަރލޭންޑުން ، ކާމިޔާބު ހޯދާ ޖަފްނާއަށް ވެރިވެގަތީ ، 1658 ގައެވެ. އެއަށްފަހު ޑަޗް މީހުންނާ ހަނގުރާމަކޮށް ، އިނގިރޭސީން ޖަފްނާގެ ވެރިކަންހޯދީ 1796 ގައެވެ.

ޝްރީލަންކާގެ ސަރަޙައްދީ ބައެއްގެ ގޮތުގައި ތަމަޅައިންގެ ސަރަޙައްދު އެއްކުރެވިގެންދިޔައީ 1832 ގައެވެ. އޭގެކުރިން އެ ސަރަޙައްދުތަކަކީ ވަކިން އޮތް ތަންތަނެވެ. އެސަރަޙައްދުތައް ހިންގާފައިވަނީވެސް ވަކި ވެރިކަމެއްގެ ގޮތުގައެވެ. ސިންގަޅައިންގެ ސަރަޙައްދުތަކާ ވަކިންނެވެ. ސިންގަޅަ މެޖޯރިޓީގެ އަތްމައްޗަށް އިނގިރޭސީން ، ލަންކާގެ ބާރުތައް ޙަވާލުކުރީ 1948 ގައެވެ. މިނިވަންކަމަށް މަގުފަހިވެގެންދިޔައީ ، 1947 ގެ ޑޮމިނިއަން ކޮންސްޓިޓިއުޝަންގައި ތަމަޅައިން އެމީހުންގެ ވަޠަނީ ތަޞައްވުރު ބިނާކުރިގޮތުންނެވެ. އެހެންނަމަވެސް ، 1972 އަދި 1978 ގެ ޤާނޫނު އަސާސީ ، ތަމަޅައިންގެ މައްޗަށް ހިންގަންފެށީ ، ތަމަޅައިންގެ އިންތިޚާބީ ވަކީލުންނަށް ނޭނގި ، އެމީހުންގެ ބައިވެރިވުމެއް ނެތިއެވެ.

އެހެންކަމުން ، ތަމަޅައިންގެ މިނިވަންކަން ، ބިނާވެގެންވަނީ ، ތަމަޅައިންގެ ޤައުމެއްގެ މައްޗަށެވެ. ތަމަޅައިންގެ މައްޗަށް ބާރުހިންގައި ، ތަމަޅައިންގެ މިނިވަންކަމުގެ މައްޗަށް އަތްގަދަކުރުމަކީ ، ސިންގަޅަ މެޖޯރިޓީގެ މައްޗަށް ލިބިގެންވާ ޙައްޤެއްނޫނެވެ. މިއީ ތަމަޅަ ލީޑަރުން ، ސިޔާސީ އެކި ޕްލެޓްފޯމްތަކުގައި އަޑަށް ބާރުލައި ވަކާލާތުކޮށްފައިވާ ތަޞައްވުރެކެވެ. 1976 ގައި ހިނގި ކޯޓްކޭސްއެއްގައިވެސް މިކަމަށް ވަކާލާތުކޮށް ، ތަމަޅައިންގެ ޤާނޫނީ ވަކީލުން އަޑުއުފުލާފައި ވެއެވެ.

އެހެންކަމުން ، މިނިވަންކަން ލިބުމަށްފަހު ، ޤައުމުގައި އުފެދިގަތް ސިޔާސީ ކޯޅުންތަކުން ، އިނގިރޭސީން އަތުން މިނިވަންކަން ހޯދުމަށް ތަމަޅައިންވީ ޤުރުބާނީއަށް ހިޔަނިއެޅިގެން ނުވާނެއެވެ. އެއީ ، ހަނދާން ނައްތައިލާވަރަށްވުރެ އަގުހުރި އެއްޗެކެވެ. ހިތާމަޔަކީ ، އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދުމަށް ، ތަމަޅައިންކުރި ޖިހާދާއި ބުރަ މަސައްކަތް ، މިހާރުގެ ސިޔާސީވެރިންގެ ހަނދާނުގައި ނެތުމެވެ. ތަމަޅައިންގެ ސިޔާސީ މަޞްލަޙަތު ބޭނުންވެފައި އޮތް މިންވަރުގެ މައްޗަށް ، ސަރ ޕޮންނަމްބަލަމް އަރުނަޗަލަމްފަދަ ބޭފުޅުން ކުރެއްވި ހީވާގި މަސައްކަތްޕުޅުން ، ތަމަޅައިންގެ ނެޝަނަލް ކޮންގްރެސް އެއް އުފެދިގެންގޮސް ، ޖަފްނާގެ ޔޫތު ކޮންގްރެސްގެ ޙަރަކާތްތައް ފެށުމާހަމަޔަށް ތަމަޅައިންވަނީ މިނިވަންކަމަށްޓަކައި ޖާނުދީފައެވެ.

1818 އަދި 1848 ގެ ތާރީޚީ އަދި ސިޔާސީ އިދިކޮޅު ޙަރަކާތްތަކުގައި ، ހުޅަނގު ސަރަޙައްދުގެ ސިންގަޅައިންތިބީ މަޑުންނެވެ. ވާނެއެއްޗެއްވާން ދޫކޮށްލައިގެންނެވެ. އިނގިރޭސީންނާ ދެކޮޅުވެރި ޙަރަކާތުގައި ބައިވެރިވުމުގެ ބަދަލުގައި ، ސިންގަޅައިންގެ ސިޔާސީ މީހުން އިސްކުރީ އިނގިރޭސީންނާ އެއްބައިވުމުގެ ސިޔާސަތެވެ. އިނގިރޭސީންގެ އަތްދަށުން ޤައުމު ސަލާމަތްކުރުމުގެ މުޒާރާއާއި އިހްތިޖާޖްތަކުގައި ބައިވެރިވީ ހަމައެކަނި ވައަތުފިޔައިގެ މީހުންނެވެ. އިޤްތިޞާދީ ބޮޑެތި ޙަރަކާތްތަކުގައި އޭރުވެސް އިސްވެތިބީ ތަމަޅައިންނެވެ. ޓްރޭޑް ޔުނިއަންގެ މުޒާހަރާތަކާއި އަޑުއުފުލުންތަކުގައި ، ސިންގަޅައިންގެ އިސް ، އެހެނަސް މަދުބަޔަކަށް ވާގިދިނީ ތަމަޅައިންނެވެ. އިނގިރޭސީންގެ އިސްތިޢުމާރީ ވެރިކަމާދެކޮޅަށް ތެދުވުމަށް ، ޓްރޭޑް ޔުނިއަންގެ ބާނީ ގޫނަސިނގހަ އިސްވެހުރެ ، ޔަންގް ލަންކާ ލީގް އުފެއްދިއެވެ.

އެހެންނަމަވެސް ، ޑީ އެސް ސެނަނާޔަކަ ، ސަރ ބެރޮން ޖަޔަތިލަކަ ، އަދި ސަރ އޮލިވަރ ގޫނަތިލަކަ ފަދަ ބޭފުޅުން ގެންގުޅުއްވީ ތަފާތު ވިސްނުމެކެވެ. އެބޭފުޅުން ގެންގުޅުއްވީ ، މަޝްވަރާކޮށް ދޫދީގެން ، އަމިއްލަ ވެރިކަމެއް ޤާއިމްކުރުމުގެ ވިސްނުމެވެ. އޭގނަތީޖާއަކީ ، އިސްތިޢުމާރީ ބާރުން ސަލާމަތްވުމަށް ، އިންޑިއާގެ މަހާތުމާ ގާނދީ ގެންގުޅުއްވިފަދަ ، ޞުލްޙަވެރި މުޒާހަރާތަކެއް ލަންކާގެ ތާރީޚުން ފެނިގެންނެއް ނުދިޔައެވެ.

އިނގިރޭސީންގެ އިސްތިޢުމާރީ ބާރުން މިނިވަންވުމަށް ، ކުރިނަމަކުރި މުޒާހަރާއެއް އައިސްފައިވަނީ ލަންކާގެ އުތުރު ، ތަމަޅަ ސަރަޙައްދުންނެވެ. އެކަމަށް އިސްނަގައި ، ރާވައި ހިންގީ ، މިހާރު ހަނދާން ނައްތައިލެވިފައިވާ ޖަފްނާ ޔޫތު ކޮންގްރެސް އެވެ. އަމިއްލަ ވެރިކަމެއް ޤާއިމްކުރުމުގެ މަޝްވަރާއަށް އެކުލަވައިލި ކަމިޝަންގެ ހުށަހެޅުމާ ، އެންމެ ފުރަތަމަވެސް އިދިކޮޅުހެދީ ޖަފްނާ ޔޫތު ކޮންގްރެސް އިންނެވެ. އެތައްހާސް ޒުވާނުންނެއް ، ޖަފްނާގެ މަގުތަކަށް ނުކުމެ ، އެހުށަހެޅުމަށް އިންކާރުކޮށް އަޑު އުފުލިއެވެ. ޖަފްނާގެ ޒުވާޏުންގެ މެދުގައި މި ޝުޢޫރުތައް އުފެދިގެންއައީ ، އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް މަސައްކަތްކުރެއްވި އިންޑިއާގެ އަންހެން " ފްރީޑަމް ފައިޓަރ " ، ކަމާލަދޭވީ ޗަތޮޕަދްޔާޔުގެ ، އަސަރުގަދަ ތަޤްރީރާ ގުޅިގެންނެވެ.

މަހާތުމާ ގާނދީގެ ވިސްނުންފުޅުން ހިތްވަރު ލިބިގެން ، ޖަފްނާގެ ޔޫތު ކޮންގްރެސް އިން އަޑުއުފުލީ ، ފުރިހަމަ މިނިވަންކަމަކަށެވެ. ފުރިހަމަ މިނިވަންކަމެއް ނުލިބި އަމިއްލަ ވެރިކަމެއް ހިންގުމަށް ދެކޮޅު ހެދިއެވެ. އަދި އިދާރީ ދާއިރާތަކުގެ އިންތިޚާބު ، ޖަފްނާ ޔޫތު ކޮންގްރެސް އިން ، ބޮއިކޮޓް ކުރިއެވެ. 1931 ގައި ބޭއްވުނު ، އިދާރީ ދާއިރާތަކުގެ އިންތިޚާބު ، ޖަފްނާގައި ބޭއްވިފައެއް ނުވެއެވެ. ޖަފްނާއަށް ކަނޑައެޅިފައިއޮތް 4 ގޮނޑި ، 1937 އާ ހަމަޔަށް އޮތީ ހުސްކޮންނެވެ.

އެހެންނަމަވެސް ، ޖަފްނާ ކޮންގްރެސްއިން ވަނީ ، މިނިވަންކަމުގެ މަޝްވަރާތަކުގައި ޢަމަލީގޮތުން ބައިވެރިވެފައެވެ. އިންޑިއާގެ ސިޔާސީ ލީޑަރުންނަށް ދަޢުވަތުދީގެން ގެނެސް ، މުޒާހަރާތަކާއި އެއްވުންތައް ބާއްވާފައި ވެއެވެ. އެބޭފުޅުންގެ ތެރޭގައި ، މަހާތުމާ ގާނދީ ، ޖަވާހަރުލާޅް ނެހުރޫ ، ސަރޯޖިނީ ނަޔުދު ، ކަމާލަ ދޭވީފަދަ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. ނަސްލީ ތަފާޓުތައް ނައްތައިލާ ، އެއްބައެއްވަންތަކަން ޤާއިމްކުރުމަށް ، ތަޤްރީރުކުރުމަށް ، ސިންގަޅައިންގެ ސިޔާސީވެރިންވެސް ޖަފްނާއަށް ގެނައެވެ.

ޖަފްނާ ޔޫތުގެ ހިތްވަރާއި ފަންވަރު ދައްކާލަދިން ދެ ހާދިސާއެއް ހިނގާފައި ވެއެވެ. އެއްކަމަކީ ، އިނގިރޭސީންގެ ކުރީގެ ޕްރިންސް އޮފް ވޭލްސް ، ޖަފްނާއަށް ކުރައްވަން އުޅުއްވި ޒިޔާރަތް ހުއްޓުވުމެވެ. އަދި ޤައުމީ ދިދައިގެ ބަދަލުގައި ، ޖަފްނާގެ ރަސްކަން ތަމްސީލުކުރުމަށް ކުރިން ހަދާފައި އޮންނަ ދިދަ ނެގުން ހުއްޓުވުމެވެ. މިކަމަށް އިސްނަގައި ޙަރަކާތްތެރިވީ ، ޔޫތު ކޮންގްރެސްގެ ދަށުން އުފެދިފައި އޮންނަ ، ޖަފްނާ ކޮލެޖްގެ ސުޓޫޑެންޓް ކޮންގްރެސް އޮފް ޖަފްނާ އެވެ. ސްޓޫޑެންޓް ކޮންގްރެސް އޮފް ޖަފްނާ އުފެދުނީ 1920 ގައެވެ. އޭރު ، އިނގިރޭސި ތަޚުތުގައި ރެދަލިކުރައްވަމުން ގެންދެވީ ، ކިންގ ޖޯޖު 5 ވަނައެވެ. އޭރުގެ ޕްރިންސް އޮފް ވޭލްސް ، ފަހުން ތަޚުތަށް އިސްވެވަޑައިގަތީ ، ކިންގ އެޑްވަޑް 8 ގެ ގޮތުގައެވެ. ކިންގ އެޑްވަޑް 8 ވަނީ ، 1921 ގައި ސިލޯނަށް ޒިޔާރަތް ކުރައްވާފައެވެ.

އެއަށްފަހު ، ޝްރީލަންކާގައި ގޯހުންގޯހަށް ދިޔައީ ކޮންކަންތައްތަކެއް ބާވައެވެ ؟ ޝްރީލަންކާގެ އަމާން އޮމާން ރީތި މާޙާއުލުން ، މިނިވަންކަމުގެ ހަމަނޭވާލާނެ ފުރުޞަތު ގެއްލިގެންދިޔައީ ކީއްވެގެން ހެއްޔެވެ ؟ ތަފާތު އެތައްސަބަބުތަކެއް ކުރިމަތިވެފައި އެބަހުއްޓެވެ. ހަމައެކަނި ދޮރުގައި ޓަކިޖެހުމަކުން އެކަންކަން ޙައްލެއް ނުކުރެވޭނެއެވެ. އެންމެބޮޑު އެއްމައްސަލަޔަކީ ، ޤައުމިއްޔަތު މާނަކުރުމާއި އެކަން ދިރުވައި އާލާކުރުމުގައި ވެފައިވާ ބޮޑެތި އިހުމާލު ތަކެވެ. ޝްރީލަންކާއަކީ ، އާސާރީ ތަރިކައެއްގެ މައްޗަށް އާރާސްތު ކުރެވިފައިވާ ޒަމާނީ ޤައުމެކެވެ. އެހެންނަމަވެސް ، ޒަމާނީ ޤައުމިއްޔަތެއް ތަރުޖަމާކުރުމުގައި ، ނަސްލީ ތަފާތާއި ސިޔާސީ ހަލަބޮލިކަމުގައި ޤައުމު ދަނީ ވަކިމިސްރާބެއްނެތި އޮޔާ ދެމެމުންނެވެ.

ބާރުތައް ޖަމާވެފައި އޮތީ ، މެޖޯރިޓީ ބޭނުންވާ ގޮތަށް މައިނޯރިޓީއަށް ވިސްނައިލުމެއްނެތިއެވެ. އަމްދުން ނަސްލީ އިމްތިޔާޒުތަކަށް ބާރުއެޅި ވަކިބަޔެއްގެ އަތްމަތީގައި އެނބުރޭ ވަހުތާނެއްގެ ގޮތުގައެވެ. ސިލޯނަކީ ، އިސްތިޢުމާރީ ބާރެއްގެ އަތްދަށުގައި އޮތް ތަނެކެވެ. އިނގިރޭސީން ، ސިލޯނުން އަތްދޫކޮށްލީ އެއްބައެއްވަންތަ މިނިވަން ހިންގުމަކަށް މިސްރާބު ސީދާ ކޮށްދީފައެވެ. އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންކޮށް ދޫކޮށްލި ކޮންމެ ޤައުމެއްވެސް ، އެމީހުން ދޫކޮށްލީ މިފަދަ ބީދަޔަކުންނެވެ. ވަކިވެގަތުމުގެ ވިސްނުމާއި ފިކުރުގެ އޮށް އިންދާފައި ކަމުގައި ވެދާނެއެވެ. އެއްވެސް ޤައުމެއްގައި ހަމަޖެހުމެއް ޤާއިމްކުރެވިފައެއް ނުވެއެވެ. ދެކުނު އޭޝިއާގެ ސަރަޙައްދުން ފެށިގެން ، ފިޖީ އާއި ނައިޖީރިއާއިން ފެށިގެން މެލޭޝިއާ ފަދަ އެތައް ޤައުމެއް އޭގެ ތެރޭގައި ހިމެނެއެވެ. ބައެއް ޤައުމުތަކުގައި އުފެދުނު ހަމަނުޖެހުންތައް ޙައްލުކުރީ ، ބާރުތައް ޙިއްޞާކުރާ އެކިއެކި ގޮތްތައް ހޯދައިގެންނެވެ. އެންމެންނަށް ހަމަހަމަ ޙައްޤުތަކެއް ކަށަވަރުކޮށްދީގެން ވެރިކަންކުރާ އައު ނިޒާމުތައް ހޯދައި އުފައްދައިގެންނެވެ.

އެންމެފަހުން އެ ޤައުމުތަކުގެ ހަމަޖެހުމާއި މިނިވަންކަމާ އަދި ތަރައްޤީގެ އަމާޒުތައް ޙާޞިލްކުރީ ، ޢަސްކަރީ ބާރަކުންނެއް ނޫނެވެ. ސަރުކާރު ހިންގުމުގެ ނިޒާމު މެޖޯރިޓީއަށް މުހިންމުވާ ގޮތްގޮތަށް ވިސްނައިގެންނެއް ނޫނެވެ. ހަމައެކަނި ، ރައްޔިތުން އެދޭގޮތް އިޚުތިޔާރުކޮށް ، ރައްޔިތުން ބޭނުންވާގޮތަށް އިސްކަންދީގެންނެވެ.

އަމިއްލަ ޕާސްޕޯޓާއި އަމިއްލަ އައިޑެންޓިޓީގެ ޙައްޤު ގެއްލިފައިވާ ތަމަޅައިންގެ އިޙްސާސްތަކަށް ބަލާއިރު ، އެއީ ޝްރީލަންކާއިން ބޭރު ބައެއްނޫނެވެ. އަމިއްލަ ޤައުމުގައި އަމިއްލަ ޙައްޤުތައް ގެއްލިފައިވާ ނިކަމެތި ބަޔެކެވެ. ޝްރީލަންކާގެ ކުރިމަގު ބިނާވެގެންވަނީ  ، ހުރިހާ ނަސްލެއް ޙިއްޞާވެގެން އެކުގައި ދިރިއުޅެވޭ މުޖުތަމަޢެއްގެ މައްޗަށެވެ. އެކަން ޙާޞިލް ކުރެވޭނީ ، މެޖޯރިޓީ  މެންބަރުންގެ އަތްމަތީގައި މިހާރުއޮތް ބާރުތަކުން މައިނޯރިޓީއަށް ޙައްޤުވާ މިންވަރު ހެޔޮހިތުން އެމީހުންނަށް ދީގެންނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.