ބްލޫ ރިބަން: އަމިއްލަޔަށް އަމިއްލަ މަސްކެއުން

ހަރުފަޔަކީ އާދަޔާ ޚިލާފު ޖަނަވާރެކެވެ. ހަރުފަޔަކީ ، އޭގެ އަމިއްލަމަސްކާ ޖަނަވާރެކެވެ. ގިނައިން ކައިއުޅެނީ އެހެން ހަރުފައެވެ. އަދި މަދުންނަމަވެސް ، އަމިއްލަޔަށް އަމިއްލަ ހަށިގަނޑުވެސް ކާލައެވެ. ބައެއްހަރުފަ އޭގެ އަމިއްލަމަސް ކަނީ އަމިއްލަ ނިގުލުން ފެށިގެންކަމުންގޮހެވެ. އަދި ބައެއްފަހަރަށް އަމިއްލަޔަށް މަރުވާންވެގެންވެސް ދަތްއަޅައިގެން ކާލައެވެ.

އެއީ ކީއްވެގެން ބާވައެވެ ؟ ގިނަފަހަރަށް ހަރުފަ އޭގެ އަމިއްލަމަސްކަނީ ، ކާންވެގެންނެއް ނޫނެވެ. އަދި އަމިއްލަޔަށް މަރުވާންވެގެންނެއް ނޫނެވެ. ދިމާވާ ބައެއް ސަބަބާ ހުރެއެވެ. ހަރުފަޔަކީ ، އަމިއްލަޔަށް އޭތީގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭ ޖަނަވާރެއްނޫނެވެ. އޭގެ ހަށިގަނޑު ކޮންޓްރޯލް ކުރަނީ އޭތިއޮންނަ ތިމާވެށްޓެއްގައި އޮންނަ ފިންޏަކުންނެވެ. ނުވަތަ ހޫނަކުންނެވެ. ބޭރުގެ ހޫނުމިން މާމައްޗަށް ދިޔައިމަ ، އޭތީގެ ހަށިގަނޑުގެ ކޮންޓްރޯލް ގެއްލެއެވެ. ފިނިކުރާކަށް ނޭނގެއެވެ. ހަދާނެގޮތެއް ނުއެނގި މޮޔަވެއެވެ. އެކަހަލަ ވަގުތުގައި ، އޭތީގެ ނިގޫ ފެންނަނީ ކާންލިބޭ އެއްޗެއްގެ ގޮތުގައެވެ. އަދި ، އަމިއްލަ ނިގުލުގައި ދަތްއަޅައި ދިރުވަން ، ކާން ފަށައެވެ.

ހަރުފަޔަކީ ވަކި ދުވަސްވަރަކުން އޭގެ ބޭރުދުލި ބާލާ އެއްޗެކެވެ. ލޮލުގެ މަތީދުލިވެސް ނެއްޓިގެންގޮސް ، ލޮލުގެ ފެނުން ކުޑަވެއެވެ. އެކަހަލަ ޙާލަތްތަކުގައި ، ކާ އެއްޗެއްގެ ގޮތުގައި އޭގެ ނިގޫ ފެނެއެވެ. ނިގުލަކީ އޭގެ އަމިއްލަ ނިގޫކަން ވަތްކެއް ނުވެއެވެ. އަދި ނިގުލުން ފެށިގެން ދިރުވަމުންގޮސް ކައިލައެވެ.

ހަރުފަޔަކީ ، ބަނޑުހައިވެގެންގޮސްވެސް ، ކާނެއެއްޗެއް ނުލިބިގެން އަމިއްލަ ހަށިގަނޑު ކާ އެއްޗެކެވެ. ބަނޑުފުރެންދެން ކެއުމަށްފަހު ، ދެން އަލުން ކާއެއްޗެއް ބޭނުންވާނީ ،  އެއްދުވަސް ނުވަތަ ދެދުވަސްފަހުންނެވެ. ހަރުފައިގެ ވިހަ ،  އެއްފަހަރު ދުއްވައިލުމަށްފަހު ، އަލުން އެވިހަ އުފެދެން 24 ގަޑިއިރު ނަގައެވެ. ބަނޑުހައިވުމުންވެސް ހަރުފައިގެ ބުއްދިފިލައި ދެއެވެ. އަދި އޭގެ ނިގޫ ފެނުމުން ، ކާއެއްޗެއްކަމަށް ބަލައި ދަތްއަޅައި ނިގުލުން ފެށިގެން ކާންފަށައެވެ.

ޓޭންކެއްފަދަ ކުޑަތަންކޮޅެއްގައި ހަށިގަނޑު ދަމައިލާނެ ތަންކޮޅެއްނެތި ، ހަރުފަ ތާށިވުމުންވެސް އޭތި އަމިއްލަޔަށް ކައިލައެވެ.

ދޮންބެއްޔާ ހިތަށް އެރިއެވެ. އިންސާނުންނަކީވެސް ، މުޅަމަސްކާ ބަޔެކެވެ. އަމިއްލަ މަހެއްނޫނެވެ. އެހެންމީހުންގެ މަހެވެ. އެކަމަކު އިންސާނާ މަސްކަނީ ޖިސްމާނީގޮތުންނެއް ނޫނެވެ. އަނެއްމީހާގެ ވާހަކަ އޭނާ ނެތްތަންތާ ދައްކައިގެންނެވެ. ދެބަކުޓުވައިގެންނެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގައި ހަރާންކުރައްވާފައިވާ ކަމެކެވެ.

އިންސާނާއަށް ހިނގުން އޮޅި ، އޭނާގެ ކަނާތުފައިން ވައަތުފަޔަށް އެބަ އެރެއެވެ. އެގޮތަށް ފަޔަށް އެރޭ ވަރަށްގިނަބަޔަކު މިހާރަކަށް އައިސް ފެންނަމުން އެބަދެއެވެ. ކަނާތުން ކަނާތުގައި ވަޅިން އެބަ އެޅެއެވެ. އެހެންވީމާ ބުއްދިއެއްނެތް ހަރުފަޔަށް އަމިއްލަ ނަގޫ ކެވުނަސް ، އެއީ މައްސަލައެއް ނޫންތާއެވެ ؟ މިދުނިޔެ ރަނގަޅުވާނީ ، މުޖުތަމަޢު ފަސާދަކުރާ އިންސާނުންގެ ކިބައިން ދުނިޔެ ރައްކާތެރިކުރެވިގެންނެވެ. އެފަދަމީހުން އެޢަމަލާ ދުރުހެލިވެ ހަމަބިމަށް ތިރިކުރެވިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.