މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، އޮންނާނީ ސައިޒުން ކުޑަ ރައްޔިތުންގެ މަޖިލީހެއް ކަމުގައި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ އާ މިސްރާބަކަށް، އުމަރު 2023″ ރިޔާސީ ކެމްޕޭން ލޯނޗު ކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ނެވެ.
އުަމރު ވިދާޅުވީ އެންމެ ގިނަވެގެންވެސް މަޖިލިހުގައި ތިއްބަވާނީ 50 މެމްބަރުން ކަމަށާއި ދާއިރާގެ ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި، މެމްބަރުން މަގާމުން ދުރުކުރުމުގެ އެފުސަތު ރައްޔިތުންނަށް އޮންނަ ގޮތަށް "ރީކޯލް" ވޯޓު ތައާރަފް ކުރައްވާނޭކަމަށެވެ.
މިޖަލްސާގައި އުމަރު ވިދާޅުވީ އޭނާ ވެރިކަން ނިންމަވާނީ، ސުވަރުގެ ދެވޭވަރަށް ވެރިކަން ކުރެއްވުމަށް ފަހުގައި ކަމުގައެވެ.
ރައްޔިތުން ވަނީ އެންމެ ބޮޑު ދެ ޕާޓީއަށް ފުރުސަތު ދީފައި ކަމަށާއި ނަމަވެސް ރައްޔިތުންނަށް އެކަމުން ފައިދާއެއްނުވެ އެ ޕާޓީތައް ފެއިލްވެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އޭނާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުން އާ މިސްރާބަކަށް ގެންދިއުމަށްޓަކައި ކަމަށެވެ.
އުމަރުގެ ރިޔާސީ ކެމްޕޭންގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސަވާފައިވަނީ 2013ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގަވެސް އޭނާގެ ކެމްޕޭން މެނޭޖަރުކަން ކުރެއްވި މާޒު އަހުމަދު ސަލީމެވެ.