ލަންކާގެ އިޤްތިޞާދު ގޯހުން ގޯހަށް

އެއްވެސް ޝައްކެއްނެތެވެ. ޝްރީލަންކާއަކީ ، އެއްދުވަސްވަރެއްގައި ސިންގަޕޫރުހެން ތަރައްޤިވަމުން އައި މިސަރަޙައްދުގެ އިޤްތިޞާދީ ނަމޫނާއެކެވެ. އެހެންނަމަވެސް ، 1948 ގައި ޝްރީލަންކާއަށް މިނިވަންކަން ލިބުމުގެފަހުން ، އެޤައުމަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާގައި ، ޤައުމު އެދަނީ ހަލާކުވަމުންނެވެ. މިކަން މެދުވެރިވެގެން ދިއުމުގައި ، ދެރަވަރުގެ ލަދުވެތި އެތައް ސަބަބުތަކެއް އެކުލެވިގެން ވެއެވެ. ކުރީގެ ސަރުކާރުތަކުން ، ޙާލަތާނުގުޅޭ މޮޔަ ނިންމުންތައް ނިންމުމާއި އިޤްތިޞާދީ ހިންގުންތެރިކަމެއް ނެތުންފަދަ އެތައް ސަބަބު ތަކެކެވެ. 2019 ގައި ޓެކްސް ކުޑަކުރުމާއި ، ކޯވިޑް 19 ގެ ޢާލަމީ ވަބާއާއި ބޭރުޤައުމުތަކުގައި މަސައްކަތްކުރާމީހުން ފޮނުވާ ފައިސާ މަދުވުންފަދަ ކަންކަން ހިމެނެއެވެ. ޝްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ މި ކާރިސާއަކީ ، ނޭނގުމެއްގެ ތެރެއިން އައިސް ކުރިމަތިވި ކަމެއްނޫނެވެ. މިއީ ، ވެރިކަމަށް އައި އެކި ސަރުކާރުތަކުން ، ޤައުމު ހިންގުމުގައި ޢަމަލުކޮށްފައިވާގޮތުން ، ސިޔާސީ ހަނގުރާމައާއި ވާދަވެރިކަމާއި ، ޚިޔާނާތުގެ ޢަމަލުތަކާއި ، އޮހެމުންދިޔަ އެހީތަކުގެ ބޭނުން ނަހަމަ ގޮތްގޮތުން ހިފަމުން ދިއުމުގެ ނަތީޖާއެވެ.

އަލިވެ އުޖާލާވަމުންދިޔަ ، ޝްރީލަންކާގެ ކުރިމަގު ، ބިރުވެރި ވަބާއަކަށް ބަދަލުވެގެން ދިޔައީ ވެރިކަމަށް އިސްވި ފަރާތްތަކުގެ އިހުމާލުންނެވެ. ނަތީޖާއަކީ ، ކާބޯތަކެތި މަދުވެ ، ޤައުމު ބަނޑަށްޖެހި ، ކާބޯތަކެއްޗާއި ބޭސް އަދި ގޭސް ހުސްވެ ، ރައްޔިތުންގެ ޟަރޫރީ ބޭނުންތައް ނުފުއްދޭ މިންވަރަށް ، މުދާ ހުސްވެ ، އުފެއްދުންތެރިކަން ދަށްވެ ، އިމްޕޯރޓް އިތުރުވެ ، އިމްޕޯރޓް ކުރެވޭ މުދަލުގެ އަގު އަތްނުފޯރާ ހިސާބަށް ދިއުމެވެ. އަދި އެހެންގޮތެއް ނެތިގެން ، އިރުއިރުކޮޅާ ރައްޔިތުން މަގުމައްޗަށް ނުކުމެ ، އިޖްތިމާޢީ ޢަދާލަތާއި ޤައުމުގެ ހަމަޖެހުން އޮޔާ ދިއުމެވެ. ހަމަނުޖެހުންތަކުގައި ގެއްލޭ ފުރާނަތަކުގެ ޢަދަދު އިތުރު ވުމެވެ. ޙާލަތަށް ކެތްކުރަން އުނދަގޫވެ ، ވެރިކަމާދެކޮޅަށް ރައްޔިތުން ނުކުމެ މަގުމަތީގެ އަމާންކަން ގެއްލުމެވެ. ވެރިން ފިލަން ދުވަންޖެހި ، ޤައުމީ ސަލާމަތީ ބާރުތަކަށް ނުކަތާވަރަށް ، މަދަނީ ބަސްނޭހުން އިތުރުވެ ، ދެކޮޅުވެރިކަމުގެ ރާޅުބާނިތައް ނަގައި ، ބިންދައި ދިފާޢީ ބާރުތަކުގެ ފިޔަ ބިނދުމެވެ. ބާރުތަކުގެ ވަރަ ފޭބުމެވެ.

މާސިންގާ އިހްތިޖާޖުތަކަށް އިބާޖަދިނުމަށް މަޖުބޫރުވެ ، ރައީސުންނާއި ބޮޑުވަޒީރުން އަދި މާލީ ، އިޤްތިޞާދީ މުއައްސަސާތަކުގެ އިސްވެރިންގެ އިސްތިޢުފާ މަޖުބޫރުވެ ، އާމީހުން އިސްކޮށް ، ބައެއްމީހުން ލިބުނު މޮޅައިގެން ފިލައި ، އަނެއްބަޔަކު ނިޒާމުންބޭރުވެ ، ޤައުމުގެ ހަލަބޮލިކަން އެތެރެއިންނާއި ބޭރުން ފެންނަމުން ދިޔައެވެ. ސިޔާސީ މަތިފަޑި ބަދަލު ކުރެވުނަސް ، އަޞްލު މައްސަލަޔަށް ޙައްލެއް ނުލިބެއެވެ. މުސްތަޤްބަލް އަލިވެދާނެކަމުގެ ހުވަފެނެއްވެސް ނުފެނެއެވެ. ކައިރި މުސްތަޤްބަލެއްގައި ، ކޯވިޑްގެ ކުރީގެ ޙާލަތަށް އިޤްތިޞާދު އަލުން އަނބުރާ ރުޖޫޢަވެދާނެކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެހެންނަމަވެސް ، ފަތުރުވެރިކަމާއި ، ބޭރުގައި މަސައްކަތްކުރާ މީހުން ޤައުމަށް ފޮނުވާ ފައިސާއާއި އެކްސްޕޯރޓްގެ ކޮންމެވެސް މިންވަރެއްގެ ކުރިއެރުމެއް ފެންނަމުން އެބަދެއެވެ.

މިހާރަށް ފެންނަ ނަންބަރުތަކަށް ބަލާއިރުވެސް ، ޢަދަދުތައްހުރީ ، ކޯވިޑްގެ ކުރީގެ ނަންބަރުތަކަށްވުރެ މާބޮޑަށް ދަށުގައެވެ. އަދި ދަނީވެސް ދަށަށެވެ. ގަނެވިއްކުމާއި ވިޔަފާރީގެ އަސާސްތަކަށް ، މީގެ ފަސްއަހަރު ކުރީއްސުރެ އަންނަމުންދިޔަ ބަދަލުތަކަކީ އިދިކޮޅު ޢަދަދުތަކެކެވެ. ޢަދަދުތައް ތިރިވާންފެށީ ، ކޯވިޑްގެވެސް ކުރިން މީގެ ފަސްއަހަރު ކުރިންނެވެ. އެކަންއެހެން ދިމާވީ ، އިންވެސްޓަރުންނާ ބީރަށްޓެހި ސިޔާސަތު ހެދި ، މަރުކަޒީ މާލީއިދާރާގެ ނިޒާމުތައް ބޮއްސުންލައި ، ބޭރުފައިސާ މާރުކުރާ ރޭޓް ކޮންޓްރޯލްކުރެވިފައި އޮތުމުގެ ސަބަބުންނެވެ. ޓެކުހުން ދައުލަތަށްލިބޭ ފައިސާ މަދުވެ ، 2019 ގައި ޓެކްސް ކުޑަކުރެވި ، އެތެރޭގެ ދަރަނި އުހަށް އަހައި ، ފައިސާ އިތުރަށް ބޭނުންވެ ، ދައުލަތުގެ ދަރަނި ނުބެލެހެއްޓޭމިންވަރަށް މައްޗަށް ދިއުމުގެ ސަބަބުންނެވެ.

ޤައުމުގެ ކްރެޑިޓް ރޭޓިން ދަށްވުމާގުޅިގެން ، 2020 ގައި ، ދުނިޔޭގެ މާލީބާޒާރުގައި ޝްރީލަންކާގެ އަގު ވެއްޓުނެވެ. ދަރަނި ދޭމީހުން އިތުރަށް ފައިސާދޭން ބިރުގަތެވެ. މިޙާލަތާ ގުޅިގެން ، ބޭރުން އެތެރެކުރެވޭ  މުދަލަށް ފައިސާ ދެއްކުމަށާއި ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރެވިގެންދިޔައީ ، ޤައުމީ ރިޒާވްގައިހުރި މަދު ފައިސާކޮޅާއި ބޭންކިން ޞިނާޢަތުން ސަރުކާރަށް ނަގަމުންގެންދިޔަ ލޯނުންނެވެ. މުޅި ބޭންކިންގ ޞިނާޢަތުގައި ހުރި ބޭރުފައިސާގެ ޖުމްލަ ޢަދަދު 5.9 ބިލިއަން އެމެރިކާ ޑޮލަރަށް ތިރިވިއެވެ. މިއީ ، 1948 ގައި ޝްރީލަންކާއަށް މިނިވަންކަން ލިބުމަށްފަހު ، މިފަހަކަށްއައިސް ، މިޢަދަދު މިހާދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ތެލުގެ ބާވަތްތައް ހުސްވުމާއި ، ބޭސް ނެތުމާއި ކައްކާގޭސް ހުސްވުމާއި އިޤްތިޞާދަށް ރަނގަޅުވެދާނެ ހުރިހާ ކަމެއް ނެތިދިއުމުގެ އަސަރު ، މުޅި އިޤްތިޞާދަށް ފޯރިއެވެ. ޚާއްޞަކޮށް ، 2022 ގެ ދެވަނަ ކްއާރޓަރުން ފެށިގެންނެވެ.

މިހުރިހާ ކަމަކާއެކުވެސް ، އިޤްތިޞާދު ބަރޯސާ ވަމުންދާ ، ފަތުރުވެރިކަމާއި ވިޔަފާރީގެ މުޢާމަލާތްތަކާއި ބޭރުގައި މަސައްކަތްކުރާ މީހުން ޤައުމަށް ފޮނުވާ ފައިސާ މަދުވުމާ ، ކޯވިޑްގެ ވަބާއާއި ރަޝިއާ – ޔުކްރޭނުގެ ހަނގުރާމައިގެ އަސަރު ، އެހެން ޤައުމުތަކަށް ވުރެބޮޑަށް ޝްރީލަންކާއަށް ކުރިއެވެ. ޤައުމުން ބޭރުގައި މަސައްކަތްކުރާ މީހުން ފޮނުވާ ބޭރުފައިސާގެ މިންވަރު 2014 ގައި ހުރީ 7 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. 2021 ގައި މިޢަދަދުވަނީ ، 5.5 ބިލިއަން އެމެރިކާ ޑޮލަރަށް ތިރިވެފައެވެ. އިޤްތިޞާދުގެ މައި އިންޖީނުކަމުގައިވާ ފަތުރުވެރިކަންވަނީ 2020 ގައި ކޯވިޑްގެ ފުރަބަންދާ ގުޅިގެން އެއްކޮށް ހުއްޓިފައެވެ. ކޯވިޑްގެ ކުރިންވެސް ، ޤައުމުގެ ސިޔާސީ ހަލަބޮލިކަމާގުޅިގެން ، ފަތުރުވެރިކަން އޮތީ ހުއްޓިފައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތަކީ އަހަރެއްގެ މައްޗަށް 4.4 ބިލިއަން އެމެރިކާ ޑޮލަރު އުފައްދާ ޞިނާޢަތެކެވެ. މިޢަދަދުވަނީ ، 2021 ގައި 200 މިލިއަން ޑޮލަރަށް ތިރިވެފައެވެ. 2021 ގައިއައި ފަތުރުވެރިންގެ ޢަދަދު ދެލައްކައަށްވެސް ނާރައެވެ.

އަނެއްކޮޅުން ، ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ އިމްޕޯރޓްކުރުން މަނާކުރުމަކީވެސް ވަރަށްބޮޑު ގޯހެކެވެ. އޭރު ދަނޑުވެރިންތިބީ އިމްޕޯޓްކުރެވޭ ގަސްކާނާއަށް ހޭނި އެއަށް ބަރޯސާ ވެގެންނެވެ. މިކަމާގުޅިގެން ޤައުމުގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެތައް ގުނަޔަކަށް ދަށްވެގެން ދިޔައެވެ. ޚާއްޞަކޮށް މައި އެކްސްޕޯރޓް ކަމުގައިވާ ސައިފަތް ، އަދި ކާބޯތަކެތީގެ ތެރެއިން ހަނޑޫ އުފެއްދުން އިންތިހާއަށް ދަށްވިއެވެ. ހަނޑު އުފެއްދޭ މިންވަރު ވިހި އިންސައްތަޔަށް ދަށްވެ ، ބޭރުން ހަނޑޫ އިމްޕޯރޓް ކުރަން މަޖުބޫރުވިއެވެ.

ޝްރީލަންކާގެ އިޤްތިޞާދަށް އައި ގިލަންވެރިކަމުގައި އެންމެ ބޮޑަށް އަސަރުކުރީ ފަޤީރު ޢާއިލާތަކަށެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލުނަސް ، ފައިސާގެ އަގު އިންތިހާއަށް ދަށްވިޔަސް ، މުއްސަނދިން އެބައިމީހުންގެ ދިރިއުޅުމުގެ މުހުތާދުތައް ފުއްދަމުން ގެންދިޔައެވެ. ފަޤީރު ޢާއިލާތަކުގެ ބަދިގޭގައި ގޭސް ހުސްވެ ، ލިބޭ މަދު އެތިކޮޅުވެސް ، ދަރުއުނދުނުގައި ކައްކައި ކާއެތިކޮޅު ރޯފިލުވަން ޖެހުނެވެ. ގިނަ ފަޤީރުންނަކީ ދަނޑުވެރި ޢާއިލާ ތަކެވެ. ގަސްކާނާ ނެތި ، އެބައިމީހުންނަކަށް ދަނޑުވެރިކަމެއް ނުކުރެވެއެވެ. ބައެއް ޢާއިލާތަކުގެ ދަރިން ބޭރުގައި ތިބެ މަސައްކަތްކޮށްގެން ހޯދާ ބޭރުފައިސާ އެއް ނުލިބެއެވެ. އެއް އަހަރުން އަނެއް އަހަރަށް މަތިވަމުންދިޔަ އިންފްލޭޝަން ރޭޓް ، 2022 ގެ އޯގަސްޓަމަހު 64 އިންސައްތަޔަށް އެރިއެވެ. ވިޔަފާރީގެ ބޭރުގެ މުޢާމަލާތުގެ ދަރަނި 19 އިންސައްތަޔަށް ދަށްވެ ވިޔަފާރީގެ ދަރަނީގެ ޙާލަތު ރަނގަޅުވިއެވެ. އިމްޕޯރޓަށްވުރެ ، ތައްޔާރީ ހެދުމުގެ ވިޔަފާރީގެ އެކްސްޕޯރޓް މަތިވިއެވެ. އެއީ ޝްރީލަންކާގެ އިޤްތިޞާދު ރަނގަޅުކުރުމަށް އިންޑިއާއިން ދިން 3.8 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަމާ ގުޅިގެން އައި ހެޔޮ ބަދަލެކެވެ.

ޝްރީލަންކާގެ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި ، ސަރުކާރުގެ 2023 ގެ ޚަރަދުތައް 5 އިންސައްތަ ކުޑަކުރުމަށް ، ސަރުކާރުންވަނީ އަންގާފައެވެ. 2022 ވަނައަހަރު ، އައި ފަތުރުވެރިންގެ ޢަދަދުވަނީ ، ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ، އެއްމަހު ދަށްވެފަ އަނެއްމަހު އިތުރުވެ ، އެހެންނަމަވެސް އަހަރު ނިމުނުއިރު ، އެއްލައްކަޔަށް އަރާފައެވެ.

އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅިގެން ، ޝްރީލަންކާއަށްވަނީ ، ބޭރު ޤައުމުތަކާއި ބޭރުގެ މާލީ އިދާރާތަކަށް ސަލާންޖަހަން މަޖުބޫރު ވެފައެވެ. މިހާތަނަށް ބެލެވޭ ގޮތުގައި ، ޝްރީލަންކާގެ ބޭރުގެ ދަރަނި އުޅެނީ 51 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. ޗައިނާއަށް ދަރާއޮތް 6.5 ބިލިއަން އެމެރިކާ ޑޮލަރުވެސް އޭގެ ތެރޭގައި ހިމެނެއެވެ. ޗައިނާގެ ދަރަނި އަލުން މުރާޖަޢާކޮށް ، ފައިސާ ދައްކަންވީގޮތަށް ބަދަލުތަކެއް ގެނައުމުގެ ވާހަކަތައް މިހާރު ހިނގަމުން އެބަދެއެވެ.

ޤައުމު އާރާސްތުކޮށް އަރިއަޅައިލާފައިވާ އިޤްތިޞާދީ ބިންގާ ތެދުކުރުމަށްޓަކައި ، އެކި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އަންނަނީ އެހީތެރިވަމުންނެވެ. އައިއެމްއެފުން ދޭންބުނި 2.9 ބިލިއަން ޑޮލަރުގެ ކަންތައް އަދި މުޅިން ހުއްދަ ނުކުރެވުނަސް އެއީ ލިބިދާނެކަމަށް ބެލެވޭ އެއްޗެކެވެ. ޖީ7 ގެ ޤައުމުތަކުން ، ކެނަޑާ ، ފްރާންސް ، ޖަރުމަން ، އިޓަލީ ، ޖަޕާން ، އިނގިރޭސިވިލާތް އަދި އެމެރިކާއިންވެސް ވަނީ ޝްރީލަންކާއަށް މާލީ އެހީދޭނެކަމަށް ވަޢުދުވެފައެވެ. މީގެ އިތުރަށް ، ވޯލްޑް ބޭންކުންވަނީ 600 މިލިއަން ޑޮލަރުދޭން އެއްބަސް ވެފައެވެ. އިންޑިއާއިންވަނީ 1.9 ބިލިއަން ޑޮލަރު ދޭނެކަމަށް ބުނެފައެވެ.

އެހެންނަމަވެސް ، އައިއެމްއެފްގެ މެމްބަރ ޤައުމުތަކުން ، ވޯޓުލުމުގެ ޙައްޤު ، އެއްޤައުމަކަށް އެންމެ ބޮޑަށް ލިބޭ ޤައުމަކީ އެމެރިކާއެވެ. އެމެރިކާއަކީ ، އައިއެމްއެފްގެ ނިންމުންތައް ވީޓޯ ކުރުމުގެ ބާރުވެސް ލިބިގެންވާ ޤައުމެކެވެ. ވޯޓުލުމުގެ ޙައްޤުގެ  16 އިންސައްތަ އެމެރިކާއަށް ލިބިގެން ވެއެވެ.

އައިއެމްއެފްގެ ތެރެއިން ، އިޤްތިޞާދީ އިޞްލާހެއް ގެންނަން ބޭނުންވާ ކޮންމެ ޤައުމަކަށްވެސް އެމެރިކާގެ ތާއީދު ބޭނުންވާނެއެވެ. އެމެރިކާގެ ތާއީދާނުލައި ، އެއްވެސް ޤައުމަކަށް އެކަމެއް ނުކުރެވޭނެއެވެ. ޝްރީލަންކާއަށްވެސް އެކަންކުރަން މަޖުބޫރު ވާނެއެވެ. މިކަމާބެހޭގޮތުން ޝްރީލަންކާއިން މިހާރުވަނީ އެމެރިކާއާ ވާހަކަ ދައްކާފައެވެ. އަދި މިކަމުގައި އެމެރިކާގެ ތާއީދު ބޭނުންވާކަން ހުށަހަޅާފައެވެ. ބެލެވޭގޮތުގައި ، ޝްރީލަންކާގެ އިޤްތިޞާދާ ބެހޭގޮތުން އައިއެމްއެފުން ނިންމާ ނިންމުންތަކުގައި އެމެރިކާގެ އެހީތެރިކަން ލިބޭނެއެވެ. އެމެރިކާގެ ޝަރުތަކީ ، ޑިމޮކްރަސީގެ ނިޒާމް ހަރުދަނާކުރުމާއި ، އިޤްތިޞާދީ ކުރިއެރުން ޙާޞިލްކުރެވޭނެ ގޮތްތަކަށް އިޤްތިޞާދު ރޭވުމާއި ، ތިމާވެށި ޙިމާޔަތް ކުރުމަށް އިސްކަން ދިނުމެވެ. ޝްރީލަންކާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަކީ ،  75 އަހަރުވެފައިވާ ދިގުތާރީޚެއް އޮތް ގުޅުމެކެވެ.

ޕެޓްރޯލާއި ގޭސް ސްޓޭޝަންތަކުގެ ކިއު ދިގުވިޔަސް ، ފަތުރުވެރިންގެ ޢަދަދު މައްޗަށް ޖެހިލިޔަސް ، އަދި އިންފްލޭޝަން ރޭޓް ، ކުޑަކޮށް ތިރިވެލިޔަސް ، ކުޑަދުވަސްކޮޅެއްކުރިން އޮތް ޙާލަތު އެބަ ރަނގަޅުވާކަމަށް ފެނެއެވެ. އެހެންނަމަވެސް ، މިއަހަރުގެ މާރިޗް މަހުންފެށިގެން ، އިޤްތިޞާދު އަލުން ދަށްވާން ފަށާނެކަމަށް ، އިޤްތިޞާދީ މާހިރުން ވަރަށްބޮޑަށް ލަފާކުރެއެވެ. މިކަމަށް ބާރުލިބޭ އެއްކަމަކީ ، ވޯރލްޑްބޭންކުން ދެކުނު އޭޝިއާގެ ތަޞައްވުރު ދެކޭގޮތެވެ. ރަޝިއާ – ޔުކްރޭން ހަނގުރާމަޔާ ގުޅިގެން ދުނިޔެއަށް އަންނަ އިޤްތިޞާދީ ދަތިތައް އެންމެ ބޮޑަށް ފޯރާނެ އެއްސަރަޙައްދަކީ ދެކުނު އޭޝިއާކަމުގައި ވޯރލްޑްބޭންކުން ދެކެއެވެ. މީގެ އިތުރަށް ، މި ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުންވަނީ 2022 ގައި 6 އިންސައްތަ ދަށްވެފައެވެ.

ވޯރލްޑްބޭންކުން ލަފާކުރާގޮތުގައި ، މިސަރަޙައްދުގެ ބައެއް އިޤްތިޞާދަށް ، ޚާއްޞަކޮށް ޝްރީލަންކާއާއި ޕާކިސްތާނަށް އަންނަމުންދާ ދަތިކަމުގައި ، ބަނޑަށް ޖެހުމުގެ ބިރުވެރިކަން އެބައޮތެވެ. 2019 ވަނައަހަރު ، ކޮންމެ ދިހަމީހަކުން އެކަކީ  ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރު ކުރެވެންނެތް މީހެކެވެ. މިހާރުގެ ޙާލަތަށްބަލާއިރު ، ކޮންމެ ތިންމީހަކުން އެކަކީ ، ކާބޯތަކެތީގެ ޔަޤީންކަން ނެތް މީހެކެވެ.

މިހާރު ބޯމަތިވެފައިވާ ލޯކަލް ގަވަރންމަންޓް އިލެކްޝަން ބޭއްވުމަށްޓަކައިވެސް ، ލަންކާ ސަރުކާރަށް ފައިސާ ޗާޕްކުރަން އޮތީ ޖެހިފައެވެ. ފައިސާ ޗާޕްނުކޮށް އެ އިންތިޚާބު ބޭއްވޭވަރަށް ސަރުކާރުގައި ފައިސާއެއް ނެތެވެ. ސަރުކާރުން އެކަން ހާމަކުރުން ދައްކުވައިދެނީ ، ލަންކާގެ އިޤްތިޞާދީ ޙާލަތުގެ ނުރައްކާތެރިކަމެވެ. 2023 ގައި ކުރިމަތިވެދާނެ ހައިހޫނުކަމެއްގެ އިންޒާރެވެ.

ޗައިނާއިން ތަޢާރުފްކޮށްފައިވާ ، ޒީރޯ ކޯވިޑް ޕޮލިސީ އަކީވެސް ޝްރީލަންކާއަށް އަސަރު ފޯރާނެ ޕޮލިސީއެކެވެ. މިހާރުވަނީ ކޯވިޑްގެ އާ ވޭރިއަންޓެއް އެމެރިކާއިން ފެނިފައެވެ. ޒީރޯ ކޯވިޑް ޕޮލިސީއެއް ތަޢާރުފް ކުރިޔަސް ، ޗައިނާއިން ކޯވިޑާމެދު ގެންގުޅޭ ހަމަތަކަށް ދުނިޔެ އިތުބާރެއް ނުކުރެއެވެ. އަދި ޝްރީލަންކާއިންވެސް މިކަމަށް އޮތީ ޚާއްޞަ ސަމާލުކަމެއް ދީގެން ދެލޯ ހުޅުވައިގެންނެވެ. 2023 ގެ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ، ޝްރީލަންކާއިން ، ވަރުބަލިވަންދެން ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުއްޓެވެ. ޙާލަތާމެދު އެހާބޮޑު އުއްމީދެއް އަދި އިތުބާރެއްވެސް ނެތެވެ. މިއަހަރުގެ ކުރިޔަށް އޮތްތަނުގައި ތަޙައްމަލުކުރަންޖެހޭނެ ދަތިތައް އަދި މާބޮޑުކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ. ސަރުކާރުން ކުޅިކުޅިވަރަށް މަސައްކަތް ނުކޮށް ، ރައްޔިތުންނާއި ޤައުމުގެ ލާބައާއި މަންފާއަށް ވިސްނައިގެން ، ސިޔާސީ ބޭނުންތައް އެއްފަރާތްކޮށް ، ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެންނޫނީ ސަލާމަތުގެ އައްސޭރިޔަކަށް ވާޞިލެއް ނުވެވޭނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.