ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފި

އީޔޫ ކްރިމާރީއޯ އިިން އިންތިޒާމުކޮށްގެން ޕްރެންޗް ޒުންޑާމުރީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފިއެވެ.

މި ކޯސް ނިންމުމުގެ ގޮތުން މިއަދު ހެނދުނު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ. 2023 ޖަނަވަރީ 3 އިން 13 އަށް ހުޅުމާލޭގައި ހުންނަ އެމްއެންޑީއެފް ކަލާސީނު ކޮށީގައި ކުރިއަށްދިޔަ މިކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 6 ބޭކަލުންގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑާއި ސްރީލަންކާ ނޭވީގެ 6 ބޭކަލުންނާއެކު ޖުމްލަ 12 ބޭކަލުން ބައިވެރިވެލެއްވިއެވެ.

މި ކޯހުގައި ކިޔަވާދެއްވި ފަރާތްތަކަށާއި ކޯސް ފުރިހަމަކުރެއްވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ އެވެ. މިރަސްމިއްޔާތުގައި ފްރެންޗް ޒުންޑާމުރީގެ ފަރާތުން ވަނީ ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް އަންޑަރ ވޯޓަރ ކެމެރާއެއް ހަދިޔާ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް އިބްރާހީމް ޙިލްމީ ވަނީ ކޯހުގެ ދަރިވަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި މިއީ މިފަދަ ކޯހެއް ރާއްޖޭގައި ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ކޯހުގެ މުހިންމުކަމާއި އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކުގެ ސަލަމަތީ ބާރުތަކަށް މި ކޯހުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުން ކިޔަވައިދެއްވި މިކޯހަކީ މޫދުގައި ނުވަތަ ކަނޑުއަޑީގައި ހިންގާ ޤާނޫނާއި ޚިލާފު ތަފާތު ޢަމަލުތަކުގެ ތަޙުޤީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދާނެ ގޮތުގެ ޢިލްމު އުގަންނައި ދިނުމަށް ހިންގި ކޯހެކެވެ. މިކޯހުގައި ނޮލެޖް އެންޑް އަންޑަސްޓޭންޑިންގ އެބައުޓް ދި އަންޑަރ ވޯޓަރ ސައިންޓިފިކް ޕޮލިސް، އަދި ޑައިވަރސް ތުރޫ ޓު ކެރީ އައުޓް ޑީއެންއޭ ސާމްޕަލްސް، ފިންގަރޕްރިންޓް ރީޑިންގސް، ޑައިވިންގ އެކްސިޑެންޓްސް، ޕްލޭން އެކްސިޑެންޓްސް މެރިޓައިމް އެކްސިޑެންޓްސް އެންޑް ބެލިސްޓިކްސްގެ އިތުރުން ސައިންޓިފިކް ލެބޯޓަރީތަކުގައި އެވިޑެންސް ޕްރޮސެސްކުރާނެ ގޮތް ކިޔަދީފައިވެއެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން އީޔޫ ކްރިމާރީއޯގެ އިސް ބޭފުޅުންނާއި ކޯހުގެ ކިޔަވާދެއްވި ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުންގެ އިތުރުން ކޯހުގެ ބައިވެރިވި ރާއްޖޭގެ ކޯސްޓްގާޑް އަދި ސްރީލަންކާގެ ނޭވީއާއި ކޯސްޓްގާޑް ބޭކަލުންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ބައެއް އޮފިސަރުން ވެސް ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.