ދެކަފި - 82

(5 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސާރާގެ ކުރިޔަށް އޮތް ކައިވެންޏާ ބެހޭގޮތުން ، ސާރާ އޭނާގެ ބޭބެ ޒަރޫންއާ ފޯނުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ޣުފްރާނަކީ ރަނގަޅު މީހެކެވެ. ޒަރޫންއާ ދިމާނުވާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އެކަމަކު ، ޣުފްރާންގެ އުޅުމާއި އަޚުލާޤް ޒަރޫންއަށް ރަނގަޅަށް އެނގެއެވެ. ސާރާގެ ކައިވެންޏަށް ޣުފްރާން ޝަޢުޤުވެރިވާނަމަ ، އެކަމައިގެން ކުރިޔަށް ދިއުމަކީ ޒަރޫންއަށްވެސް ފެންނަ ކަމެކެވެ. ޣުފްރާނާއެކު ސާރާއަށް ބާއްޖަވެރި ޙަޔާތެއް ލިބޭނެކަމާމެދު ސާރާ ހުންނަނީ ޝައްކުމަތީގައެވެ. އެއީ އޭނާގެ ފުރަތަމަ ކައިވެނި ނިމިދިޔަގޮތުން ސާރާޣެ ހިތުގައި އުފެދިފައިވާ ޝައްކާއި ވަހުމެކެވެ. އެކަމުގައި ޒަރޫންއަށް ފެންނަގޮތެއްގެ ލަފަޔަށް ސާރާ އެދުނެވެ. ސާރާއަށް ޝައްކާއި ވަހުމު އުފެދިގެން އުޅެނީ ޣަޒާލާ ، ސާރާގެ ހިތަށް ވެއްދި ވަހުމްތަކަކާ ގުޅިގެންނެވެ. މަންމަޔާ އެކަނި ވާހަކަ ނުދައްކައި ބައްޕަޔާވެސް އެކަމާބެހޭގޮތުން ވާހަކަ ދައްކާލައި ބައްޕަގެ ލަފަޔެއް ހޯދައިލުން ރަނގަޅުވާނެކަމަށް ޒަރޫން ލަފާދިނެވެ. އެހެންނަމަވެސް ، ބައްޕަޔަށް ޣުފްރާން ނޭނގޭނެ ކަމަށާއި އެކަމުގައި ބައްޕަޔަށް ލަފައެއް ދޭން ނޭނގޭނެކަމަށް ސާރާއަށް ފެނުނެވެ. ބައްޕަޔާ ވާހަކަ ދައްކައިފިނަމަ ، ޣުފްރާންއާ ބެހޭވާހަކަ އަހާނީ މަންމަގާތު ނުވަތަ ޒަރޫންގާތުކަމަށް ސާރާ ދެކެއެވެ.

މަންމަ ، އެކައިވެންޏަށް އެއްބަސްނުވާ ސަބަބެއް ، ވިސްނަ ވިސްނާވެސް ޒަރޫންއަކަށް ނުފެނުނެވެ. އެކަން ސާރާ ސާފުކޮށްދިނެވެ. މަންމަ ދެކޭގޮތުގައި ، ޣުފްރާންގެ ޢާއިލާއަކީ ވަރަށް ހަރުކަށި ޚިޔާލެއްގެ ބަޔެކެވެ. ސާރާގެ ވިސްނުމާއި އުޅުން ހުންނަގޮތުން އެމީހުން ހިތްހަމައެއް ނުޖެހޭނެއެވެ. އަދި ، ސާރާވެސް ކުރިއާ ޚިލާފަށް ،  ގޮތްދޫކުރާނެކަމަށް ބުނުމުންވެސް މަންމަޔަކަށް އެކަމެއް ޤަބޫލެއް ނުކުރެވުނެވެ. މަންމަ ދެއްކީ އެކަހަލަ ކޫސަނި ވާހަކަ ތަކެކެވެ.

ޒަރޫންއަށްވެސް ޤަބޫލުކުރެވޭގޮތުގައި ޣުފްރާންގެ ޢާއިލާއަކީ ހަރުކަށި ފިކުރުގެ ބަޔެކެވެ. އެކަހަލަ ޢާއިލާއެއްގައި ގޮތްދޫކޮށްގެން އުޅެވިދާނެކަމަށް ސާރާއަށް ޤަބޫލުކުރެވޭއިރު ، އެހެންމީހުންނަށް އެކަން ޤަބޫލު ނުކުރެވޭ ސަބަބެއް ސާރާއަކަށް ނުވިސްނުނެވެ. އެކަން ކުރަންހުރީ ސާރާއެވެ. ގޮތްދޫކޮށްގެން ދިރިއުޅުން ބާއްޖަވެރިކުރެވޭތޯ ބެލުމަށް ސާރާ ތައްޔާރުވެހުރިއިރު ، އެކަން އެހެން މީހުންނަށް ޤަބޫލު ނުކުރެވެންވީ ސަބަބެއް ސާރާއަކަށް ނުވިސްނެއެވެ. އެކަމާ ސާރާ ހުރީ ފޫހިވެފައެވެ.

ދެވަނަ ކައިވެންޏެއް ކުރަން ވިސްނާއިރު ، ފުރަތަމަ ކައިވެނިން ލިބުނު ތަޖުރިބާއަށް ބަލާފައި ، ސާރާ ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭނެކަމަށް ޒަރޫން ލަފާދިނެވެ. ކައިވެންޏެއްގެ ޙަޔާތަކީ ވަރަށް މުހިންމު ދަތުރެކެވެ. ހީވެސް ނުކުރާ ކަހަލަ ކަންތައްތައް ކުރިމަތި ވާނެއެވެ. އެކަން ސާރާއަށްވެސް އެނގެއެވެ. މަންމަޔާ އަދި ޒަރޫންއާ އެވާހަކަ ދެއްކީ އެހެންވެގެން ކަމަށް ސާރާ ބުންޏެވެ. ދެބެންގެ ވާހަކަ ނިންމައިލީ ، ޒަރޫން މަންމަޔާ އެވާހަކަ ދެއްކުމަށް އަދި ސާރާ ބައްޕަޔާ އެވާހަކަ ދެއްކުމަށް ނިންމާފައެވެ. ފޯނު ބޭއްވުމުގެ ކުރިން ، ކަޝަފްގެ ޙާލު ކިހިނެއްތޯ ސާރާ އަހައިލައެވެ.

" ކަޝަފް ހެއްޔެވެ ؟ ހީވަނީ ރަނގަޅު ހެންނެވެ. " ޒަރޫންއަށް އެއްވެސް ފިކުރެއްނެތި  ބުނެވުނެވެ.

ޒަރޫންގެ ޖަވާބުން ، ސާރާގެ ހިތުގައި އިތުރު ސުއާލެއް އުފެދުނެވެ. ރަނގަޅުވާނެހެން ހީވަނީއޭ  އެބުނީ ކީއްވެތޯ ކުއްލިޔަކަށް ސުއާލު ކުރިއެވެ. ޒަރޫންގެ ވާހަކަތަކުން ކަޝަފާއި ޒަރޫންއާ ދެމީހުންގެ މެދުގައި މައްސަލައެއް އުފެދިފައި އޮތްކަން ސާރާ ދެނެގަތެވެ. އަދި ސާރާ އޭނާގެ ފުރަތަމަ ކައިވެނިން އެތަޖުރިބާކުރިކަހަލަ ގޯހެއް ކަޝަފް އާމެދު ނުހެދުމަށް ސާރާ އެދުނެވެ. ކަޝަފަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އޭނާއަށް ތަކުލީފެއް ލިބޭނެކަމެއް ނުކުރުމަށް ސާރާ ، ޒަރޫންގެ ކިބައިން އާދޭހާއެކު އެދުނެވެ. ޒަރޫން އެއަކަށް އެއްޗެއް ނުބުނެއެވެ. ފަހުން ވާހަކަ ދައްކާނީއޭ ބުނެ ފޯނު ބޭއްވިއެވެ.

ރާފިޢާ އޭނާގެ ދަރިފުޅު ކަޝަފާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ކަޝަފް ބަލިވެ އިނދެ ދަރިފުޅަކު ލިބޭނެ ދުވަހަކަށް ރާފިޢާ ދަނީ އިންތިޒާރު ކުރަމުންނެވެ. އަނެއްކޮޅުން ، ކަޝަފް އެހުންނަނީ ދަރިއަކު އުފަންވުމަށް ، އޭނާއަށް މެދުވެރިކުރެއްވި ފިރިހެނާގެ ފަރާތުން ލިބެމުންދާ ތަކުލީފުތަކުން ދިރިއުޅުމުގެ އުއްމީދު ގެއްލިފައެވެ. ދަރިޔަކު ބަލައި ބޮޑުކުރުމަށް ވިސްނުމުގެ ކުރިން ، އެންމެ ފުރަތަމަ ތަރުބިއްޔަތު ކުރަން ކަޝަފަށް މިޖެހުނީ އެ ފިރިހެނާއެވެ.

------------------------

ޣުފްރާނުގެ މައިންބަފައިން ބައްދަލުކުރަން ބޭނުންކަމަށް ވަންނާ އެމީހުން އެގެޔަށް އައުމުގެ ހުއްދަ ޣާޒާލާ ، ސާރާއަށް ދެއެވެ. ޣާޒާލާއާއި ޖުނައިދު އެމީހުންނާ ބައްދަލުކުރާގޮތަށް ނިންމިއެވެ. ޣަޒާލާ އޭނާގެ ވިސްނުމަށް އައި ވާހަކައެއް ސާރާގާތު ބުނެއެވެ. އެއީ ، ދަރިންނަށް މިނަށްވުރެ ބޮޑަށް މިނިވަންކަން ދީގެން ، މައިންބަފައިން ގޯސް ހަދާ ވާހަކައެވެ. މަންމަޔަށް އެޚިޔާލު އައިގޮތަކާމެދު ސާރާއިނީ ޙައިރާން ވެފައެވެ. އެޚިޔާލު ޣަޒާލާއަށް އައީ ކުދިން އެމީހުންގެ ކަންކަން އެމީހުންނަށް ފެންނަ ގޮތަކަށް ނިންމާއިރު ، ކަމެއް ގޯސްކޮށް ހިނގައްޖެނަމަ ، ދަރިން މައިންބަފައިންގެ ބޮލުގައި އެކަމުގެ އިލްޒާމް އަޅުވާތީއެވެ. ކަމެއް ރަނގަޅަށް ހިނގައްޖެނަމަ ، އެކުދިންނަށް އެކުރެވުނީ މޮޅުކަމެއްކަމަށް ނިންމާތީއެވެ.

ޣަޒާލާގެ އެއްވެސް ނިންމުމަކުން ސާރާއަށް ލިބުނު ގެއްލުމަކަށް މަންމައަށް އެކަމުގެ އިލްޒާމެއް ނާޅުވައެވެ. އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސާރާކަމަށް އޭނާ ދެކެއެވެ. އެހެންނަމަވެސް ، ސާރާމެން ތަރުބިއްޔަތު ކުރުމުގައި މަންމަ އިހުމާލުވެފައިވާކަމަށް ސާރާ ދެކެއެވެ. ސާރާ އެކަހަލަ ވާހަކަ ދެއްކީމަ ޣަޒާލާގެ ހިތަށް ވަރަށް އުނދަގޫ ވެއެވެ. އެއީ ޙަޤީޤަތްކަމަށްވިޔަސް އެކަން ހެޔޮހިތުން ޤަބޫލުކުރާކަށް ޣަޒާލާ ބޭނުމެއް ނުވެއެވެ. ސާޜާވެސް އޭނާގެ މަންމަޔަށް އެއްވެސް ތަކުލީފެއް ދޭކަށް ބޭނުމެއް ނޫނެވެ. ސާރާ އެކުރަމުން ގެންދާ ކަމަކީ ، އޭނާއަށް ކުރެވިފައިވާ ތަޖުރިބާއަށް ބަލައި ، އޭނާއަށް ލިބުނު ތަކުލީފް މަންމައާ ޙިއްޞާ ކުރުމެވެ.

ޣަޒާލާއަށް ވެވެން އޮތް އެންމެ ރަނގަޅަކަށް ސާރާއާއި ޒަރޫން އެތިބީ ތަރުބިއްޔަތު ކޮށްފައެވެ. ފަހަރެއްގައިވެސް ، ކުދިންގެ ފިރިމީހާއާއި ދިރިއުޅުމާމެދު ނުވިސްނުމަށް ލަފާދީ ، އެކަމަށް މަގުދައްކައިދީފައި ނުވާނެކަމަށް ޣަޒާލާ ދެކެއެވެ. ސާރާގެ ޙަޔާތުގައި ދިމާވި ކަންކަމުގައި ސާރާގެވެސް ޒިންމާއެއް އޮންނާނެކަމަށް ޣަޒާލާއަށް ފެނުނެވެ. އެހުރިހާ ގޯހެއްގެ ޒިންމާ ހަމައެކަނި ޣަޒާލާ ނަގަން ޣަޒާލާ އެއްބަހެއް ނުވެއެވެ. މަންމަ ދެއްކި ވާހަކަތަކަށް ކަނުލައި އަޑުއެހުމަށްފަހު ސާރާވެސް އެއީ ތެދެއްކަމަށް އެއްބަސްވެއެވެ.

------------------------

ކަޝަފާއި ޒަރޫންއާ ދެމެދު ޒުވާޞު ހިނގިތާ އެއްދުވަސް ވެއްޖެއެވެ. ޒަރޫން އިނީ އެކަމާ ދެރަވެފައި ކަމެއް އަދި ރުޅިއައިސްކަމެއް ޚުދު އޭނާއަކަށްވެސް ނުއެނގެއެވެ. މިހާރު އެއްދުވަސް ވީއެވެ. ޒަރޫން އާ ވާޙަކަ ދައްކައިގެން އޭނާ ހަމަޖައްސާކަށް ކަޝަފް މަސައްކަތެއް ނުކުރެއެވެ. ޒަރޫންގެ ހިތަށް އެރިއެވެ. ޒަރޫންއާމެދު ކަޝަފްގެ އަޅައިލުމެއް ނެތީއެވެ. ޒަރޫން އާ ވާހަކަ ދައްކައިގެން އޭނާ ހަމަޔަކަށް އެޅުވުމަށް ކަޝަފް މަސައްކަތް ކޮށްފިނަމަ ޒަރޫން އޭނާގެ ގޮތް ދޫކުރާނެއެވެ. އެއީ ވަރަށް ގޮތްދޫނުކުރާ އަންހެނެކެވެ. މައްސަލައެއް ނެތެވެ. ކަޝަފް ބޭނުންގޮތަކަށް އުޅެންވީއެވެ. ޒަރޫންވެސް އޭނާގެ ގޮތުގައި ހުންނާނެއެވެ. ވާނެގޮތެއް އެނގިދާނެތާއެވެ !

ކަޝަފްވެސް އިނީ ހަމަ އެކަމުގެ ތެރެޔަށް ޚިޔާލުދޫކޮށްލައިގެން ކަންބޮޑުވެ ދަތްދޮޅީގައި އަތްވިއްދާލައިގެންނެވެ. މައްސަލަޔަކީ ގޮތް ދޫނުކޮށް ރުޅި އައުމެއް ނޫނެވެ. އެއީ އުޞޫލީ މައްސަލަޔެކެވެ. ގޮތް ދޫކުރަން ޖެހޭނަމަ ކަޝަފް އެކަމަށް ވިސްނާނެއެވެ. އެކަމަކު އުޞޫލީ މައްސަލަތަކެއް އެހާ ފަސޭހަގޮތަކަށް ކަޝަފަށް ދޫކޮށެއް ނުލެވޭނެއެވެ. އެއީ އޭނާއަށް ލިބިފައިވާ ތަރުބިއްޔަތުން ބޭރުގައިވާ ކަމެކެވެ. ކަޝަފް މީހަކާ އިނީ ، އޭނާގެ ކޮންމެ ޢަމަލަކަށް ގޮތްކިޔައި ނިޔާ ކަނޑައަޅާކަށް ނޫނެވެ.

އެއްވެސް ކަމަކާ ނުލައި ، ފިރިހެނަކާ އަޅުވައި ޝައްކު ކުރުމަކީ ކަޝަފަށް ވަރަށް ބޮޑު ކަމެކެވެ. އެއީ އޭނާއަށް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ޒަރޫން މަޢާފަށް އެދުނަސް އަދި ކަޝަފް މަޢާފު ކުރިޔަސް އެކަން ކަޝަފްގެ ހިތުން ފިލުވައެއް ނުލެވޭނެއެވެ. އެއީ އެއަށްވުރެ ބޮޑު ކަމެކެވެ. އެއީ ، ކަޝަފަށް ލިބުނު ވަރަށްބޮޑު ތަކުލީފެކެވެ.

ސާރާގެ ކައިވެންޏަށް ތައްޔާރުވުމުގެ މަސައްކަތް އެގޭގައި ހިނގަމުން ދިޔައެވެ. ސާރާ އިނީ ނަލަހެދި މަލެއްހެން ފޮޅިފައެވެ. ކަޝަފް އެކަމުގައި ވަރަށް ބޮޑަށް މަސްޣޫލުވެގެން އުޅުނެވެ. ކަޝަފް ބޮޑަށް އުޅުނީ ސާރާ ނަލަ ހެއްދުމުގެ މަސައްކަތުގައެވެ. ޒަރޫންއާއި ޣަޒާލާގެ މަސައްކަތަކީ މެހެމާނުންގެ ލިސްޓް ތައްޔާރު ކުރުމެވެ. ކަޝަފްގެ ހިތުގައި އުދާސްތަކެއް ހުރިކަން ޒަރޫން ފިޔަވައި އެހެން މީހަކަށް އެނގުނަކަ ނުދެއެވެ. ކަޝަފް އެހާ ބޮޑަށް ސާރާގެ ކަންކަމުގައި އުޅެމުންގެންދާތީ ޣަޒާލާވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ކަޝަފާއި ޒަރޫންއާ ދެމެދު މައްސަލައެއް އެބައުޅޭކަމުގެ ވަސް ސާރާއަށް ދުވިއެވެ. އެއީ ކައިވެންޏަށް ގަންނަން ގެނައި ގަހަނާތަކާ ކުޅެން އިނދެފައި ، ކަޝަފްމެންގެ ކައިވެނީގެ އަހަރީދުވަހަށް ކަޝަފްވެސް ގަހަނާއެއް ނަގާށޭ ސާރާ ބުނުމުން ކަޝަފް ދިން ޖަވާބުންނެވެ. ކަޝަފްބުނީ " ބަލަމާ ހިނގާށޭ ދޯއެވެ. އެހެން ނޫނަސް އެހާ ގާތެއް ނޫނެވެ. " ސާރާ އެވަގުތުވެސް ޒަރޫންއާ ދިމާއަށް ބަލައިލިއެވެ. އެކަމަކު އެވާހަކައެއް ނުދައްކައެވެ.

------------------------

މިއަހަރުވެސް ޙައްމާދު އައީ ޓެސްޓުން ސުންބަރިއެއް ހިފައިގެންނެވެ. އެކަމާ މުރުތަޟާ އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ނިޤާރާއި މުރުތަޟާއާ ދެމީހުންވެގެން ޙައްމާދާ ދިމާއަށް އެއްޗެހި ކިޔަމުން ގެންދިޔައެވެ. ޙައްމާދު ނުކިޔަވާ އާވާރާ ވެގެން އުޅެވުނީމާ އެނިމުނީއެވެ. އެއްޗެއް ދަސްވޭތޯ ބަލާނެ ކަމެއް ނެތެވެ. ކޮންމެ އަހަރަކުވެސް ފެއިލްވަމުން އައިސް އެއަޑު އަހަން ކަންފަތަށް އުނދަގޫވާ ވަރު ވެއްޖެއެވެ. ސައިކަލުގައި ބުރުޖެހެނިކޮށް އެވީއެވެ. އެހެން ނޫނީ ކޮމްޕިއުޓަރުން ގޭމް ކުޅެން އިނީމަ އެވީއެވެ. ޙައްމާދު ބުނިގޮތުގައި ދަށުން މާކްސް ލިބުނީ ހަމައެކަނި އޭނާއަކަށް ނޫނެވެ. ހުރިހާ ކުދިންވެސް ފެއިލްވީއެވެ. އެއީ ނިޒާމުގެ މައްސަލަ އެކެވެ. ދެން އަންނަ އަހަރަކުން ފާސްވާނެކަމަށް ޙައްމާދު އުއްމީދު ކުރިއެވެ. ދައްތަމެން އެހޯދާ ކާމިޔާބީން ޙައްމާދަކަށް ފިލާވަޅެއް ނުލިބެއެވެ. އަންހެންކުދިންނަށްވުރެ ޙައްމާދުގެ ޙާލު ދެރައެވެ. ޙައްމާދާ ދިމާއަށް ބައްޕަ ކިޔަމުން ގެންދާ އެއްޗެހީގެ އަޑު އަހާކަށް ނުހުރެވުނެވެ. ދައްތަމެންގެ މަންމަޔަކީ ކިޔަވައިގެން ހުރި މީހެކެވެ. ދައްތަ އެކުދިންނަށް ކިޔަވައި ދެއެވެ. ޙައްމާދުގެ މަންމަ ނިޤާރަކީ ނުކިޔަވާއިން ގަމާރެކެވެ. މަންމަގެ ފަރާތުން ޙައްމާދުގެ ކިޔެވުމަށް އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ.

ޙައްމާދުގެ މަންމަ އަކީ ކިޔަވައިގެން ހުރި ތަންދޮރު ފިލާމީހެއްނަމަ ، ޙައްމާދުވެސް ކިޔެވުމަށް މޮޅުވާނެއެވެ. ރަނގަޅަށް ފާސްވެގެން އޭނާ މިހާރު ހުންނާނީ ކަމިޝަނަރަކަށް ވެފައެވެ. މަންމައާއި ބައްޕަ އެއްޗެހިކިޔާ އަޑުއަހަން ހުންނާކަށް ނުޖެހޭނެއެވެ. ނިޤާރަށްވެސް މަޑެއްކޮށެއް ނުއިނދެވުނެވެ. ނަތީޖާ ދަށްވީމަ މަންމަގެ ބޮލުގައި އިލްޒާމް އަޅުވާކަށް ލަދެއް ނުގަތެވެ. ޙައްމާދުގެ އެބަހާ މުރުތަޟާވެސް އެއްބަހެވެ. ޙައްމާދުގެ ކިޔެވުމުގައި ނިޤާރުގެ އެއްވެސް އެހީތެރިކަމެއް ނެތެވެ. ކިޔަވައިދޭން ނޭނގޭއިރު ކިޔަވަންދާންވެސް އެހީތެރިކަމެއް ނުދެއެވެ. އަބަދުވެސް ރާފިޢާ މެންގެޔަށް ނޫނީ އެހެން ތާކަށް ޖާސޫސްކުރަން ، ޙައްމާދު ފޮނުވަން ނޫނީ ނިޤާރަކަށް ނޭނގެއެވެ. ދިރިއުޅުމުގައި ނިޤާރު ކުރިކަމެއް މުރުތަޟާއަކަށް ނުވިސްނެއެވެ. ޓީވީ ބެލުން ނޫންކަމެއް ނުކުރެއެވެ. ޓީވީ ނުބަލަންޏާ އަވަށްޓެރިންގާތަށް ގޮސް ، ކޮންމެވެސް މީހެއްގެ މަސްކައި ދޭތެރެ ޖެއްސުން ނޫންކަމެއް ކުރާކަށް ނޭނގެއެވެ. އެތިން މީހުން ޒުވާބުގެ ތެރޭގައި ރިއްބާ މެންދުރު ނަމާދުގެ ވަގުތު ޖެހުނެވެ. ޙައްމާދު ، ނަމާދަށް ދިއުމުގެހުއްދަޔަށް އެދުނެވެ. މުރުތަޟާ އެކަމަށް ހުއްދަދީ ، ޒަލާމަތްވާނެ ބަހަނާއެއް ދެއްކީ ކަމުގައި ބުނެ ޙައްމާދު ފޮނުވައިލައެވެ.

މުރުތަޟާގެ 4 އަންހެންދަރިން ތިބިއިރު ، އެހުރިހާ ކުދިންނާމެދު ވިސްނަން ނުޖެހޭވަރަށް ، ނިޤާރަށް ލިބިފައިހުރި ފިރިހެން ކުއްޖާއަށް ވިސްނަން އެބަޖެހެއެވެ. އެ 4 ކުދިންނަށް ނުކުރާވަރަށް ފިރިހެން ކުއްޖާއަށް ޚަރަދުކުރަން އެބަ ޖެހެއެވެ. ޙައްމާދަށް އެކަށީގެންވާ ތަރުބިއްޔަތެއް ނުދެވޭނަމަ ، އެއީ ހަމައެކަނި ނިޤާރުގެ ކުށެއް ނޫންކަމަށް ނިޤާރު ބުނެއެވެ. އެކަމުގައި މުރުތަޟާގެ ޒިންމާވެސް އެބައޮތެވެ. މުރުތަޟާއަށް ދިރިއުޅުމުގައި އެތައް ކުށެއް ކުރެވިފައި އެބަހުއްޓެވެ. މިއަދު ލިބެމުން އެދަނީ އެކުށްތަކުގެ ސަޒާއެވެ. އެންމެ ބޮޑު ކުށަކީ ، ފިރިހެން ކުއްޖެއް ނުވިހައިގެންނޭ ކިޔާފަ ރާފިޢާ ދޫކޮށްލާފައި ނިޤާރާ ކައިވެނި ކުރުމެވެ. އެކަމަކަށް ނިޤާރު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭގެ ބަދަލުގައި އާ ޚިޔާލެއް ދޭން ނިންމިއެވެ. އެއީ އަނެއްކާ ކާކުގެ ބޯކައިލާން ، އެ ޙީލަތްތެރި ބޮލުން ނެރޭ ކޮންކަހަލަ ޚިޔާލެއް ބާވައޭ މުރުތަޟާގެ ހިތަށް އެރިއެވެ.

ޙައްމާދު ރާފިޢާއާ ޙަވާލު ކުރަންވީއެވެ. ރާފިޢާގެ ބަސް ޙައްމާދު އަހާނެއެވެ. އޭރަށް ޙައްމާދު ހަމަޔަކަށް އެޅިދާނެއެވެ. ރާފިޢާއަކީ ކިޔަވައިގެން ހުރި މޮޅު އަންހެނެކެވެ. ނިޤާރަށް ނުދެވޭ އެއްޗިއްސާ ވިސްނައިދޭން ނޭނގޭ އެތައްކަމެއް ރާފިޢާއަށް އެނގޭނެއެވެ. ރާފިޢާގެ ޚިޔާލަށް މުރުތަޟާވެސް ތާއީދު ކުރިއެވެ. އެއީ ، ނިޤާރު އެވާހަކަ ބުނުމުގެ ކުރިންވެސް މުރުތަޟާގެ ހިތުގައި އޮތް ކަމެކެވެ. އެހެންނަމަވެސް އެވާހަކަ ދައްކަން ރާފިޢާގެ ކުރިމައްޗަށް މުރުތަޟާ ދާނީ ކޮން މޫނަކައިގެން ހެއްޔެވެ ؟ އެއީ އެތައް ގޮތަކުން ލަދުވެތި ކަމެކެވެ. އޭނާ ރާފިޢާ ދޫކޮށްލީ ފިރިހެން ދަރިޔަކަށްޓަކައެވެ. މިއަދު މިއޮތީ އެ ފިރިހެންދަރިއަށް އެހީތެރިވާށޭ ބުނެ އާދޭސްކުރަން ރާފިޢާ ގާތަށް ދާން ޖެހިފައެވެ. އެކަމަކު ، ލަދަކާ ހެދި ތަދެއް ނުފިލާނެއެވެ. ރަނގަޅު ވަގުތެއް ބަލާފައި ރާފިޢާއާ އެވާހަކަ ދައްކަން މުރުތަޟާ ނިންމިއެވެ. ނިޤާރުވެސް އެންމެފަހު ވަގުތު މުރުތަޟާގެ އަނގަޔަށް ބަހެއް ޖެހިއެވެ. ރާފިޢާއަކީ މުރުތަޟާގެ އަނތްބެކެވެ. ވަރިކުރާކަށްވެސް ނުކެރުނެވެ. އެހެންވީމާ ބޭނުމެއް ޖެހުނު ދުވަހު ނުދާނެކަމެއް ނެތެވެ.

ލިބުނު ފިރިހެންދަރި މީހަކަށް ހެދުމަށްޓަކައި ، މުރުތަޟާ ކަމެއްނުކޮށް ހުންނާތީ ނިޤާރުވެސް ހުންނަނީ ރުޅިއައިއްސައެވެ. ކޮންމެ އަހަރަކު ފާސްނުވީމަ ، ރިޝްވަތުދީގެން ކޮލެޖްގައި ބެހެއްޓިޔަސް ، ޙައްމާދަކަށް ވާކަމެއް ނެތެވެ. ރަނގަޅަކަށް ކިޔަވަނީކީ ނޫނެވެ. އެންމެ އަހަރަކުވެސް ފާސްވަނީކީ ނޫނެވެ. ވަޒީފާއެއް ހޯދަން މީހެއްގެ ގާތަށް ޙައްމާދު ގޮވައިގެން ދާން ކެރޭވަރަށް ފާހެއް ނުވެއެވެ. ވަޒީފާއެއް ހޯދައިދިނަސް ކުރަންޖެހޭ މަސައްކަތް ކުރާކަށް ޙައްމާދަކަށް އެހާ ފަސޭހައެއްވެސް ނުވާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.