މިނިވަން އިންސާފުވެރި ޕްރައިމަރީ އަކަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ގޮވާލައިފި

މިނިވަން އިންސާފުވެރި ޕްރައިމަރީ އަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ގޮވާލައިފި އެވެ.

އެ ޓީމުން ބުނީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވޯޓު ލެވޭނެ ކަމަށް އެމްޑީޕީން ކަނޑައަޅާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ޕްރައިމަރީ އަށް ވާދަ ކުރުމަށް ހުޅުވާލި ތާރީހު ކަމަށްވާ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށް ވޯޓުގައި ބައިވެރިވެވޭ ގޮތަށް އޮތް ނަމަވެސް އެ ތާރީޚުގެ ފަހުން ވަނީ 457 މެންބަރުން ދަފްތަރުގައި ޖައްސާފައި ކަމަށް އެ ޓީމުން ވަނީ ތުހުމަތު ކޮށްފަ އެވެ.

އެ ޓީމުން ބުނީ އަންނަ ރިޔާސީ އިންތިހާބަށް ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާޖާއިޒް ފައިދާ ވާނެ ގޮތަށް ކަމަށެވެ.

އެގޮތުން ރިޔާސީ ޕްރައިމަރީ އިއުލާން ކުރި ތާރީޚަކީ ޑިސެމްބަރު 18 އަށް ވީ އިރު، އޭގެ މާ ކުރިން ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ތާއީދު ފޯމް ފުރަމުން ގެނގޮސްފައި ވާ ކަމަށް އެ ޓީމުން ބުނެއެވެ. އަދި ރައީސް ސޯލިހްގެ ކެމްޕައިން ޓީމުން ތާއީދު ފޯމް ފުރަމުން ދިޔަކަން ޑިސެމްބަރު 5 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ފޮޓޯއާއެކު އާންމުކޮށްފައި ވާ ކަމަށް ވެސް ބުންޏެވެ.

އެކަން ހިންގި ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި އެކަމުން އެނގެނީ ޕްރައިމަރީގެ މަސައްކަތުގައި އިންސާފް ގެއްލިފައިވާ މިންވަރު ކަމަށް ވެސް އެ ޓީމުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.