ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

"ރަންތާޖު" ގެ ނަމުގައި ބާއްވާ މި މުބާރާތް މިއަދު ވަނީ ލޯންޗުކޮށްފަ އެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިޔަށްގެންދާ މުބާރާތެކެއެވެ.

މި މުބާރާތް ލޯންޗުކޮށްދެއްވީ ޔޫތު މިނިސްޓަރ އަޙުމަދު މަހްލޫފް އާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީއެވެ.

މުބާރާތުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އަޙުމަދު މަހްލޫފްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ސޮއިކުރެއްވިއިރު ރާއްޖެ ޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ.

މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 10 ސަރަހައްދެއްގައި ކުރިޔަށް ގެންދާނެއެވެ. އަދި 20 ބައިވެރިން އޮޑިޝަންގެ ތެރެއިން ހޮވާނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރުމަށް ވަނީ ހުޅުވާލާފަ އެވެ.

މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

އޮޑިޝަން ކުރިއަށްދާ ސަރަޙައްދުތަކަކީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، ގދ ތިނަދޫ، ލ ގަން، ދ ކުޑަހުވަދޫ، އއ ރަސްދޫ، ބ އޭދަފުށި، ށ ފުނަދޫ، ހދ ކުޅުދުއްފުށި އަދި މާލެ ސިޓީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.