ކީރިތި ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފްވެރިކޮށްދެއްވައިފި އެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ، މިރޭ ކިންގް ސަލްމާން މިސްކިތުގެ ޖަލްސާކުރާ މާލަމުގަ އެވެ.

މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "މަޚުރަޖާނުލް ޤުރުއާން" އިފްތިތާޙްކޮށްދެއްވާފައެވެ. މިހަރަކާތް ކުރިޔަށްދަނީ، ކިންގް ސަލްމާން މިސްކިތުގެ ގޯތި ތެރޭގަ އެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ޤުރުއާނުގެ ޢިލްމާއި އިސްލާމީ ތަޢުލީމް ފެތުރުއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި ވަރަށް ޅައުމުރުގައި ކުޑަކުދިން ކީރިތި ޤުރުއާން ހިތުދަސްކުރަމުންދާކަމާއި، ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުންވެސް ފަޚުރުވެރި ކާމިޔާބީތައް ހޯދަމުންދާތީ، އެކަންފާހަގަކުރައްވައި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށާއި، ކިޔަވައިދެއްވާ އެދުރުންނަށާއި، ބެލެނިވެރިންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންނަކީ އަބަދުވެސް ޤުރުއާނަށް ލޯބިކުރާ، އަދި ޤުރުއާން ގިނަގިނައިން ކިޔަވާ، ޤުރުއާނުގެ މާނަ އޮޅުންފިލުވައި، ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރެއްވި އެވެ.

ތިން ބަޔަކަށް ކުރިޔަށްގެންދާ، ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތުގައި މިއަހަރު 1023 ބައިވެރިން ކިޔަވާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.