ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ޚިދުމަތް ފެނަކައިން ފަށައިފި

ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފި އެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށާފައިވާކަން އެ ކުންފުނިން ހާމަކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފެނަކައިން ބުނީ ޒަމާނުއްސުރެ އެންމެ ފަހުގެ ޒަމާނީ، އިންޓަރނޭޝަނަލް ސްޓެންޑަރޑްތަކަށް ފެތޭ މީޓަރ ޓެސްޓް ބެންޗެއް ހޯދާ، ކަރަންޓު މީޓަރ ޓެސްޓްކުރެވޭ ފެސިލިޓީއެއް ފެނަކައިގައި ގާއިމްކުރެވިފައިވާ ކަމަށެވެ.

މި ޚިދުމަތް އެ ކުންފުނިން ފެށުމުން މުޅި ރާއްޖެ މީޓަރު ޓެސްޓުކުރުމަށް އެއް ފަރާތެއްގެ މައްޗަށް ވެފައިވާ ބަރޯސާއަށް ނިމުމެއް އައިސް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަސޭހަކަމާއި އެކު ޚިދުމަތް ދެވޭނެ އެވެ. އަދި މީޓަރ ޓެސްޓްކުރުމަށް ރިކުއެސްޓް ލިބޭތާ 3 ނުވަތަ 6 ގަޑިއިރުގެ ތެރޭގައި މީޓަރ ޓެސްޓް ކުރެވޭނެ އެވެ.

މީގެ އިތުރުން މީޓަރު ޓެސްޓުކުރުމުގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދިޔުމާއި ޚިދުމަތަށް އެދިލައްވާ ކަސްޓަމަރުންނަށް ޚިދުމަތް އަވަސްވުން ހިމެނެ އެވެ. އަދި މި ކަމުގެ ސަބަބުން އަލަށް ކަރަންޓުލުމުގެ ޚިދުމަތް އަވަސް ވެގެން ދިޔުން ވެސް ހިމެނެ އެވެ.

އެ ކުންފުނިން ބުނީ ކުރިމަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ފަދަ ވަސީލަތްތައް ގާޢިމްވެގެންދާނެ ކަމަށެވެ.

ފެނަކައިން ބުނީ 01 ގަޑިއިރު ތެރޭގައި މަދުވެގެން 75 މީޓަރ ޓެސްޓް ކުރެވޭނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.