ޖަލުގައިތިބި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ކަމާބެހޭ އެއްވެސް ފަރާތަކަށް ގާނޫނީ އެއްވެސް ހުރަހެއްނެތް ކަމަށް ސްޕްރީމްކޯޓުން މިއަދު ވިދާޅުވެއްޖެއެވެ.
އެބަޔާނުގައި ވިދާޅުވެފައިވަނީ "ކޯޓުގެ އަމުރު ތަންފީޒު ކުރަންޖެހޭ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ އަމުރު ތަންފީޒު ކުރުމަށް ގާނޫނީގޮތުން ހުރަސްއެޅިދާނެ އެއްވެސް ސަބަބެއްނެތް،" ކަމަށެވެ. އެ އަމުރުގައިވާ ގޮތުގެ މަތީން އަލުން ޝަރީއަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީއަތް ހިންގުމަށް ގާނޫނީ ފިޔަވަޅެއް އަޅަންޖެހޭ ކަމަށްވާނަމަ ކޯޓުމެދުވެރިކޮށް އެކަންކުރެއްވުމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
"އަމުރުގައިވާ ގޮތުގެމަތީން އަލުން ޝަރީއަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީއަތް ހިންގުމަށްޓަކައި ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެކަންކަމާބެހޭގޮތުން ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ޕްރޮސެކިޔުޓަރޖެނެރަލްއަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއްނެތްކަމަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައިފައިވާތީ އެކަންވަނީ ޕްރޮސެކިޔުޓަރޖެނެރަލް އޮފީހަށް 4 ފެބުރުއަރީ 2018 ވަނަދުވަހު އެންގިފައި،" ކަމަށް އެބަޔާނުގައިވެއެވެ.
މިބަޔާނާ ބެހޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ކުރީގެ ޑެޕިޔުޓީ ޕްރޮސެކިޔުޓަރޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ އަމުރުގައިވަނީ އޭގައި ވިދާޅުވެފައިވާ މީހުން ވަގުތުން މިނިވަން ކުރެއްވުމަށް ކަމަށެވެ. "ވަގުތުން މިނިވަންކުރަން އަމުރުކުރީމާ އޭގައި ހޯދަންޖެހޭނެ އިރުޝާދެއް ނޯންނާނެ. އިރުޝާދެއް ހޯއްދަވަން ޕްރޮސެކިޔުޓަރޖެނެރަލް ލިޔުއްވީމައި ތިޔައޮތީ ޖަވާބު ދެއްވައިފައި. އަޅުގަނޑުމެން ތަސައްވަރު ކުރިގޮތަށް ކޮންއިރުޝާދެއްތޯ ދޭންއޮންނާނީ ވަގުތުން ކަމެއްކުރަން ވިދާޅުވީމާ، އެކަންކުރަންވީ،" އޭނާ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ސަރުކާރުން ވިދާޅުވަމުން ގެންދެވި ޑިއުޕްރޮސެސްގެ ވާހަކަވެސް ސްޕްރީމްކޯޓުންވަނީ ޝަރަހަކޮށްދެއްވައިފައި ކަމަށެވެ. "ޑިއުޕްރޮސެސްއަކީ އަލުން ޝަރީއަތް ހިންގަންޖެހެންޏާ އެކަމަށް އެއޮންނަންޖެހޭ އުސޫލަތަކާ އެއްގޮތަށް ކުރިއަށްދިއުން. މާނައަކީ މިސާލަކަށް މީހަކު ދޫކޮށްލާފައި އަލުން ހައްޔަރުކުރަން ވެއްޖެއްޔާ އެ ހައްޔަރުކުރެވޭ އުސޫލުތައް އެބަހުރި ގާނޫނުގައި ކަނޑައަޅާފައި. މީހާ ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، އެހެންނޫނިއްޔާ ކޯޓު އަމުރެއް ހޯދައިގެން،" ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސްޕްރީމްކޯޓުގެ ބަޔާނުން ފަހުމްވި އެއްޗަކީ ކޮޓުގެ އަމުރުގެ ދަށުން ދޫކުރަންޖެހޭ މީހުން ދޫކޮށްލުމަށްފަހު ކޯޓުއަމުރެއް ހޯދައިގެން އަލުން ހައްޔަރުކުރުމަށް ހުރަހެއްނެތް ވާހަކަ ކަމަށެވެ.