ހަންގޭރީ ސަރުކާރުން ދިވެހި ދަރިވަރުންނަށްދޭ ސްކޮލަރޝިޕް އިތުރުކޮށްދެއްވީތީ ރައީސްގެ ޝުކުރު!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދުގެ މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއާގެ އޮފީހުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ހަންގޭރީގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑް މިނިސްޓަރ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ މަސްލަހަތުއޮތް ކަންކަމާއި ދެޤައުމަށް މަންފާވާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މިބައްދަކުރެއްވުމުގައި މިނިސްޓަރ ޕީޓަރ ސިއާޓޯގެ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެ އާއި ހަންގޭރީ އާއި ދެމެދު އޮތް ގުޅުމާއި. ދެޤައުމުގެ ދެމެދުގައި މިއަދު ސޮއެކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

މީގެ އިތުރުން ހަންގޭރީ ސަރުކާރުން ދިވެހި ކިޔަވާކުދިންނަށް ދެމުން އައި ސްކޮލަޝިޕްގެ އަދަދު 15 އިން 25އަށް އިތުރުކޮށްދެއްވާފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމަށް މިސަރުކާރުންވެފައިވާ ވަޢުދާއި އެއްގޮތަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަންގޭރީ ސަރުކާރުން ދިވެހި ދަރިވަރުންނަށްދޭ ސްކޮލަރޝިޕްގެ އަދަދު އިތުރުކޮށްދެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ދިވެހިން ހަންގޭރީއަށް ދަތުރުކުރުމުގައި ވިސާގެ ލުއިތައް ދެއްވުމަށް ނިންމަވާފައި ވާތީ އެކަމަށްވެސް ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން ރަޝިޔާ- ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެޤައުމުން ރައްކާތެރިކަމާއިއެކު ބޭރުވުމަށް ހަންގޭރީން ވެދެއްވި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މިބައްދަލުކުރެއްްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ ޕީޓަރ ސިއާޓޯ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތުތަކާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ އަދި ދެޤައުމަށް މަންފާކުރާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާ ފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ ޕީޓަރ ސިއާޓޯ މިބައްދަލުވުން ނިންމަވާލެއްވީ، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނޭކަމުގެ ޔަޤީންކަން ދެއްވަމުން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.