ޖިސްމަށް ނުކުޅަދާނަ މިންވަރަށް ސަމައްތަރު ހެޔޮވުމަކީ ދުޅަހެޔޮވުމެއް ނޫން: ރައީސް ސާލިހް

ޖިސްމަށް ނުކުޅަދާނަ މިންވަރަށް ސަމައްތަރު ހެޔޮވުމަކީ ދުޅަހެޔޮވުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ އެފަދަ ހާލަތަކަށް ހަށިގަނޑު ބަދަލުކޮށްލާ ސަބަބުތަކެއްވެސް އެބަހުރި ކަމަށާއި އެއް ކަމަކީ، ހެލިފެލިވެ އުޅުން މަދުވުން ކަމަށެވެ.

އަނެއް ކަމަކީ، ޞިއްޙަތަށް ގެއްލުންދެނިވި ކެއުމުގެ އާދަތަކެއް ގެންގުޅުން ކަމަށާއި މި ހުރިހާ ނުރަނގަޅު ކަމަކީވެސް، ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑެތި ސަބަބުތައް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އާބާދީގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުންނަކީ، ހުންނަންވާ މިންވަރަށް ވުރެ ބަރުދަން މަތިވެފައިވާ މީހުންކަން ކަމަށާއި އަނެއް ކަމަކީ، އާބާދީގެ 20 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ، މިހާރު ކިޔާ ގޮތުން ނަމަ، ޑައެޓް ކުރަންޖެހޭ މީހުންކަމަށެވެ.

ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަށް، ޔޫތު މިނިސްޓްރީން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދާ ކަމަށާއި އެގޮތުން އައުޓްޑޯރ ޖިމްތަކާއި، ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ އާއި އެނޫން ކުޅިވަރު ކުޅޭނެ އިންތިޒާމުތައް ރަށްރަށުގައި އެބަ ގާއިމުކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ އާންމު ޞިއްޙަތަށް ސަމާލުކަން ދިނުމަށް، މިހާރު ރާވައިފައިވާ އަނެއް ކަމަކީ، ހެލްތު މިނިސްޓްރީން ފަށްޓަވަން އެ މަސައްކަތްކުރައްވާ "ޕްރިމަރީ ހެލްތް ކެއަރ" ގެ މަސައްކަތް ކަމަށާއި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ އެންމެ ބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށާއި އެފަދަ ބަލިތަކަށް ދުރާލައި ޓެސްޓް ކުރުމާއި، މިފަދަ ބަލިތަކުގައި އުޅޭ މީހުންނަށް ލިބެންޖެހޭ ބޭހާއި، ފަރުވާ އަދި އަޅައިލުން މިހާރަށްވުރެ ފުރިހަމައަށް ލިބިދިނުން ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.