ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގައި ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދޭ މައްސަލައިގައި ސިފައިންގެ ޗީފް މޭޖަރޖެނެރަލް އަޙްމަދު ޝިޔާމް އާއި ފުލުހުންގެ މުއައްސަސާ ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އެވަނީ އެންމެ މަތީ ޚިޔާނާތުން ގައުމަށް ޚިޔާނާތްތެރިވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓާއި ދިވެހި ދައުލަތުގެ ގާނޫނުތަކަށް ޙުރުމަތްކޮށް ނުހިތާ ފަރާތްތަކުގެ ކިބައިން ގައުމު ސަލާމަތް ކުރަންޖެހޭނެ ކަމަށާއި އެގޮތުން ބަންޑާރަ ނައިބު މުޙަންމަދު އަނިލް މަގާމުން ދުރުކުރުމަށް ކޯޓަށް ދިޔުމަށްވެސް ގޮވާލައްވާ ކަމަށެވެ.
ބަންޑާރަ ނައިބަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރައްވައި ޝާހިދު ވިދާޅުވީ ދިވެހި ދައުލަތަކީ ބަންޑާރަ ނައިބު އަނިލްގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ހިންގަން ޖެހޭނީ ގާނޫނު އަސާސީގެ ބާރު އެކަނި ކަމަށެވެ.
ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހައްދަވައި އެ އަމުރު ތަންފީޒު ކުރެއްމާއި ދުރަށް ވަޑައިގަތުމާއެކު ބަންޑާރަ ނައިބު އަނިލްގެ ގާނޫނީ ޙައިސިއްޔަތު މިހާރު ގެއްލިފައިވާ ކަމަށެވެ.