އިނގިރޭސި ވިލާތުގައި ވެރިކަން ކުރަން ނޭނގިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ޤައުމުގެ ޙާލަތުން ، ދަސްކުރަންވީ ކޮން ފިލާވަޅެއް ހެއްޔެވެ ؟ މާބަނޑުވެ ވިހައި އުފަންވާން އުޅޭ ކުއްޖާ މަރުވަނީ ، މާބަނޑު އަންހެނާ ހޮސްޕިޓަލަށް ގެންދާންޖެހޭ އެމްބިއުލެންސް ލަސްވެގެންނެވެ. އެއީ މައްސަލައެކެވެ. އެ މައްސަލަ ، މައްސަލަޔަކަށް ނުވަނީ ކީއްވެ ހެއްޔެވެ؟
އިސްތިޢުފާ އަކީ އިނގިރޭސި ވިލާތުގައި ޢާންމު ކަމެކެވެ. ބޮޑުވަޒީރުންނާއި ، ދައުލަތުގެ ވަޒީރުންނެވެ. ބޮޑުވަޒީރުންގެ ތެރެއިން ، ގިނަބޭފުޅުން އިސްތިޢުފާ ދެއްވީ އެކިކަހަލަ ޤައުމީ މައްސަލަތަކުގައި ސަލާމަތްވެ ވަޑައިގަތުމަށް ދަތިވެގެންނެވެ. ނުވަތަ ، ސަރުކާރު ހިންގުމުގައި ފެއިލް ވެގެންނެވެ. އޭގެ އިތުރަށް ، ސަރުކާރުގެ ސިޔާސަތަށް ނުރުހި ، ކެބިނެޓްގެ ވަޒީރުން އިސްތިޢުފާ ދެއްވުމުންނެވެ. ކެބިނެޓްގެ ވަޒީރުންގެ ގޮތުގައި ތިއްބަވަނީ ، އެއިރަކު ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ ، އެމްޕީން ނުވަތަ މަޖިލީހުގެ މެންބަރުންނެވެ. އިސްތިޢުފާ ދެއްވި ގިނަ ، ބޮޑުވަޒީރުންނަކީ ، ކޮންޒަރވޭޓިވް ޕާޓީއަށް ނިސްބަތްވާ ބޮޑުވަޒީރުންނެވެ. އެންމެ ފަހުން އިސްތިޢުފާދެއްވި 12 ބޮޑުވަޒީރުންނަށް ބަލާއިރު ، އޭގެ ތެރޭގައި ހިމެނެނީ ލޭބަރ ޕާޓީއަށް ނިސްބަތްވާ އެންމެ ދެބޭފުޅުންނެވެ. އަނެއް 12 ބޮޑުވަޒީރުންނަކީ ކޮންޒަރވޭޓިވް ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނެވެ. އެންމެ ފަހުން އިސްތިޢުފާ ދެއްވި ބޮޑުވަޒީރަށް ބަލާއިރު ، އޭނާ އިސްތިޢުފާދެއްވީ މަޤާމާ ޙަވާލުވެވަޑައިގަތްތާ 44 ދުވަހުގެ ތެރޭގައެވެ. އެއީ ލިޒް ޓުރުސް އެވެ. އެއީވެސް ކޮންޒަރވޭޓިވް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. މިއީ ބަރުލަމާނީ ނިޒާމުގައި ، ދައުލަތަކުން ރައްޔިތުންނަށްދޭ ޚިދުމަތަށް ބުރޫއަރާނެގޮތުގެ މިސާލު ދައްކައިދޭ ހުޅަނގުގެ ސަރުކާރެއްގެ ރީތި މިސާލެކެވެ. އިނގިރޭސި ވިލާތަކީ ، ހުޅަނގުގެ ޤައުމެއްގައި އެންމެ ހަލަބޮލި ވެރިކަމެއް ހިނގާ ޤައުމެވެ. ބޮޑުވަޒީރުންނާއި ވަޒީރުން އެންމެ ގިނައިން އިސްތިޢުފާ ދޭ ޤައުމެވެ. ސަބަބަކީ ކޮބައިބާވައެވެ؟
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބޮޑުވަޒީރު ކަމުގައި 24 ގަޑިއިރުގެ ތެރޭގައި ، ދައުލަތުގެ 40 ވަޒީރުން އިސްތިޢުފާ ދެއްވާފައި ވެއެވެ. މިއީ އެންމެ ގިނަ ޢަދަދަކަށް އެއްދުވަހުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ވަޒީރުންތަކެއް އިސްތިޢުފާ ދެއްވި ފުރަތަމަ ފަހަރެވެ. ވަޒީރުންނަކީ ބޮރިސް ޖޯންސަންގެ ކޮންޒަރވޭޓިވް ޕާޓީއަށް ނިސްބަތްވާ އެމްޕީންނެވެ. އެބޭފުޅުން އިސްތިޢުފާ ދެއްވީ ، ވެރިކަންކުރާ އެބޭފުޅުންގެ އަމިއްލަ ޕާޓީން ހިންގާ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެ ، ރައްޔިތުންނަށް ދެވޭ ޚިދުމަތަށް ފާޑު ވިދާޅުވުމާއެކުގައެވެ.
އިނގިރޭސިވިލާތުގައި ވެރިކަން ކުރަން އުނދަގޫވެގެން މިއުޅެނީ ކީއްވެގެން ބާވައެވެ ؟ ރައްޔިތުން އެދޭފަދަ ޚިދުމަތެއް ފޯރުވައިނުދެވިގެން އުޅެނީ ކޮންކޮން ހުރަސްތަކެއް ކުރިމަތިވެގެން ބާވައެވެ؟ އެންމެ އާދައިގެ ޚިދުމަތްތަކަށްވެސް ވަނީ އިހުމާލެވެ.
އެންމެ ދެރަވެގެން ، ބަލިމީހަކު ހޮސްޕިޓަލަށް ދާން އެމްބިއުލެންސެއް ނުލިބެއެވެ. އެމްބިއުލެންސެއް އަންނަން އެތައް ގަޑިއިރެއް ހޭދަ ވެއެވެ. އެއީ ކުއްލި ފަރުވާ ހޯދަން އިމަޖެންސީގައި ހޮސްލިޓަލަށް ދާން ބޭނުންވާ މީހާވެސް އުޅެންޖެހޭ ޙާލެވެ. މިއީ ހަށިގަނޑުގައި ވޭނެއް އަޅަމުންދާ މީހަކަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. އަމްދުން ، ޑިމޮކްރެޓިކް ވެރިކަމެއް ހިނގާ ، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ، މިނިވަންކަން އިންތިހާއަށް އޮންނަ ، ހުޅަނގުގެ މުއްސަނދި ، ތަހުޒީބީ ޤައުމެއްގައި ، ލަދުގަންނަންޖެހޭފަދަ ލަދުވެތި ކަމެކެވެ. މާބަނޑު ކިތަންމެ ބަޔަކު ، އެމްބިއުލެންސް އައުން ލަސްވެގެން ، އެމީހުންގެ ދަރިން ބަނޑުގައި މަރުވެފައި އެބަހުއްޓެވެ.
ހިތްހުއްޓޭ ހިތުގެ ބަލިމީހަކަށް ފަރުވާއެއް ހޯދަން އެއްގަޑިއިރަށްވުރެ ގިނައިރު މަޑުކުރަން އެބަޖެހެއެވެ. އެންމެ ދެރަ ފަޤީރު ޤައުމުތަކުގައިވެސް ، އެއަށްވުރެ އަވަހަށް ޞިއްޙީ ޚިދުމަތް ލިބެއެވެ. ހިތުގެ ބަލިތައް ޖެހޭ ނުވަތަ ހިތްހުއްޓޭ މީހުންނަށް ފަރުވާއެއް ނުލިބި ގަޑިއެއްހައިއިރު ހޭދަވެއްޖެނަމަ ، އެމީހަކު ގިނަފަހަރަށް އޮންނަންޖެހޭނީ ފުރާނަގޮސް މަރު އެނދުގައެވެ. އެމްބިއުލެންސަކަށް އެދޭމީހުންގެ ދެބައިކޮށްފަ އެއްބައި މީހުންނަށް މިޙާލަތު ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ތަރައްޤީ ވެފައިވާ ، މުއްސަނދި ޤައުމެއް ބާވައެވެ.
އިނގިރޭސި ވިލާތަށް ވެގެން މިއުޅެނީ ކީއްބާވައެވެ ؟ އިނގިރޭސި ވިލާތުގެ ޢާންމު ޙާލަތަށް ބަލާއިރު ، ޤައުމުދަނީ ފެއިލްވެގެންކަން ވަރަށް ސާފުކޮށް އެނގެއެވެ. ކުރިން ފާހަގަ ކުރެވުނު ކަންތައްތަކުން އެޙަޤީޤަތް ސާފުކޮށް އެބަ އެނގެއެވެ. ޢާންމު ޚިދުމަތަށް ބުރޫއަރައި ، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސާރުކާރަށް ނުކުޅެދުން އެއީ އެކަމުގެ ހެއްކެކެވެ. އިނގިރޭސިވިލާތުގެ ޢާންމު ޙާލަތަށްބަލާއިރު ، އެއީ ޝައްކެއްނެތި ޤަބޫލުކުރަންޖެހޭ ހަޤީޤަތެއްކަން އެނގެއެވެ. އެންމެ ފުރަތަމަ ، ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތަކަށް ބަލައިލަމާތޯއެވެ؟
އެމްބިއުލެންސެއް ނުލިބެއެވެ. އެއީ ސަލާމަތާއި ރައްކާތެރިކަމުގެ ފުރަތަމަ ފިޔަވަޅެވެ. ޕައުންޑްގެ އަގުދަނީ ވެއްޓެމުންނެވެ. އިސްތިޢުފާދޭ ނުވަތަ ވެއްޓޭ ކޮންމެ ބޮޑުވަޒީރަކާއެކު ، ޕައުންޑްގެ އަގުވެސް ވެއްޓެއެވެ. އިޤްތިޞާދު ދަނީ ހީނަރުވަމުންނެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާއެއް ނުހޯދެއެވެ. އަބަދުވެސް އޮންނަނީ ދަރަނިނަގަން ޖެހިފައެވެ. ރައްޔިތުންނަށްދޭ ޚިދުމަތްތައް އޮންނަނީ ހުއްޓައިލާން ޖެހިފައެވެ. ޞިއްޙީ ފަރުވާ އަށް ބޭނުންވާ 7 މިލިއަން މީހުން މަޑުކޮށްގެން އެބަތިއްބެވެ.
ފެއިލްވެފައިވާ ޤައުމެއްގެ އެހެން ސިފަތަކެއްވެސް އެބަހުއްޓެވެ. އިނގިރޭސިވިލާތުގެ ގިނަބަޔަކު ޢާންމު އިންތިޚާބެއް ބާއްވަން ބޭނުން ވެއެވެ. އެކަމަކު ، އަދިވެސް ހަމަ އެއްޕާޓީއެއް ވެރިކަމުގައި އޮންނަން އެތިބެނީ ފައިވިއްދާފައެވެ. ކޮންޒަރވޭޓިވް ޕާޓީން ސަރުކާރަކަށްފަހު ސަރުކާރެއް އުފައްދަމުން އިސްތިޢުފާ ދެމުން އެބަ ގެންދެއެވެ. މިވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި 5 ބޮޑުވަޒީރުން ވެރިކަމަށް އެއިއްސިއެވެ. މިއީވެސް ސަރުކާރުތަކުގެ ފެއިލްވުން ހެކިކޮށްދޭ ނިޝާނެކެވެ.
އިޤްތިޞާދު އޮތީ ބޯކޮޅުވަތަށް ޖަހާފައެވެ. ތަފާސް ހިސާބުތައް ހުރީ ކިޔަން އުނދަގޫވަރަށް މަތިކޮށެވެ. ވިލާތުގެ އިއްތިޙާދާއެކު ކުރާ ވިޔަފާރި 20 އިންސައްތަ ދަށަށް ހިނގައްޖެއެވެ. އުފެއްދުންތެރިކަމުގެ ނިސްބަތްހުރީ ޖީ-20 ގެ ޤައުމުތަކުން ރަޝިއާ ނަގާފައި ދެން އެންމެ ދަށް ޤައުމުގެ ގޮތުގައެވެ. އިނގިރޭސިވިލާތުގެ 80 އިންސައްތަ ރައްޔިތުންގެ ބޭންކް އެކައުންޓްގައި 500 ޕައުންޑްވެސް ނުހުރެއެވެ. މުއްސަނދި އަދި ތަރައްޤީވެފައިވާ ހުޅަނގުގެ ޤައުމެއްގެ ރައްޔިތުންގެ ކޮންމެ 100 މީހަކުން 80 މީހުންގެ ބޭންކް އެކައުންޓްގައި 500 ޕައުންޑް ނެތުމީ ލަދުގަންނަންޖެހޭފަދަ ޙާލަތެކެވެ. އެއީވެސް ، އެކައުންޓްގައި މަދުވެގެން ހުންނަންޖެހޭ ފައިސާގެ ޢަދަދާއެކުގައެވެ. އެއްވެސް ޤައުމަކުން އިނގިރޭސިވިލާތާއެކު ވިޔަފާރިކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ އެހެން ޤައުމުތަކުގެ އިތުބާރު ގެއްލިފައިވާ ކަމުގެ ހެއްކެކެވެ. އެންމެ ދެރަވެގެން އެމެރިކާއިންވެސް ، އިނގިރޭސިވިލާތާއެކު ވިޔަފާރީގެ ގުޅުން ހިންގާކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ އެމެރިކާއަށް ، އިނގިރޭސިވިލާތަށް އިތުބާރު ނުކުރެވުމެވެ. އިނގިރޭސިވިލާތަށް އިތުބާރުކުރަނީ ކޮންބައެއް ބާވައެވެ ؟ ހަމަގައިމުވެސް ވިލާތުގެ އިއްތިޙާދަކުން އިތުބާރެއް ނުކުރެއެވެ. އޭޝިއާގެ ޤައުމަކުން އިތުބާރެއް ނުކުރެއެވެ. އެއީ އެހެން ޤައުމުތަކުން އިނގިރޭސިވިލާތާ ދުރަށްދާން ބޭނުންވާ ސަބަބެކެވެ. މިކަމާގުޅިގެން ޕައުންޑްގެ އަގު އިންތިހާއަށް ވެއްޓޭނެއެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ. ރައްޔިތުން ދައްކާ ޓެކުހުގެ އަގު އުފުލުމަށް މަޖުބޫރުވާނެއެވެ.
އިނގިރޭސިވިލާތް މިހާރު ވެފައިވަނީ ދުނިޔެއާ ބީރައްޓެހި ޤައުމަކަށެވެ. ސަބަބަކީ ، ޙައްޤުތަކަށް އިޙްތިރާމް ނުކުރުމާއި ، ރަޙުމަތްތެރިންނަށް ކަމޭ ނުހިތުމާއި އިޙްތިރާމް ނުކުރުމެވެ. އިޖްތިމާޢީ ޢަދާލަތުވަނީ ގެއްލިފައެވެ. އެކި އެކި ޖަމާޢަތްތަކުގެ މެދުގައި ބައިބައިވުން އޮތީ އުފެދިފައެވެ. އެއްބަޔަކު އަނެއްބަޔަކަށް ކޯޅުން ނޫންކަމެއް ނެތެވެ. މުޖުތަމަޢު ބައިބައިވުމާއެކު އެއްބައެއްވަންތަކަން ވަނީ ގެއްލިފައެވެ. އިނގިރޭސިވިލާތަކީ ، ކުރިން އެހާބޮޑަށް ބައިބައިވުން އޮތް ޤައުމެއްނޫނެވެ. ކޮންޒަރވޭޓިވް ސަރުކާރުތަކުން ، ސަރުކާރު ހިންގުމުގައި ގެންގުޅެފައިވާ ދޯހަޅި ސިޔާސަތުގެ ސަބަބުން ، އިނގިރޭސިވިލާތް މިހާރު އެއޮތީ ބައިބައި ވެފައެވެ.
އިނގިރޭސިވިލާތަކީ ފެއިލްވެފައިވާ ޤައުމެއްކަމުގެ ހެކިތައް އެހުރީ ސާފުކޮށް ފެންނާށެވެ. ޤައުމުގެ ގިނަކަންކަންހުރީ އެބީދައިންނެވެ.
މީގެ ދިހަވަރަކަށް ނުވަތަ ވިއްސަކަށް އަހަރުކުރިން ، އިނގިރޭސިވިލާތަކީ ދުނިޔެއަށް މިސާލެކެވެ. އެންމެ އުފާވެރި އަދި ބާއްޖަވެރިދިރިއުޅުން ރައްޔިތުންނަށް ފެނިގެންދިޔައީ އިނގިރޭސިވިލާތުންނެވެ. އެކަމަކު މިހާރު ބަދަލުވެގެން އެދަނީ ފެއިލްވެފައިވާ ޤައުމަކަށެވެ. ފެއިލްވެފައިވާ ޤައުމުތަކުން ޖެހޭނީ ޑިމޮކްރަސީއާ ހަނގުރާމަ ކުރާށެވެ. އެއާއެކު ޑިމޮކްރަސީއަކީ އޭގެ ޒާތުގައި ފެއިލްވާނެ ނިޒާމެއް ނޫނެވެ. ޚާއްޞަކޮށް މުއްސަނދި އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައެވެ.
ދުނިޔޭގެ ޤައުމުތަކުން ފިލާވަޅު ލިބިގަންނަނީ އެބައިމީހުންގެ އަމިއްލަ ތާރީޚުންނެވެ. ތާރީޚަކީ ސާބިތުކަމާއެކު ، ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ލިބޭ ފިލާވަޅަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވުމާއެކު ، އެބައިމީހުންގެ ފަރުދީ ޒިންމާ ނަގައި ޖަމާޢަތުގެ ހަރުދަނާ މިސްރާބަށް ވާޞިލް ކޮށްދޭނެ ހަތިޔާރެކެވެ. ޤައުމުގެ ޙާލަތަށް އިނގިރޭސި ރައްޔިތުންނެއް ނުރުހެއެވެ. އެހެނެއްކަމަކު އެޙާލަތު އެމީހުންނަށް އެންމެ ރަނގަޅެވެ. އެންމެ ދެރަވެގެން ކޮރެއާއަށްވުރެވެސް އިނގިރޭސި ވިލާތުގެ ޙާލު ދެރައެވެ. ކުރާނެ އެއްވެސް ކަމެއް ނެތެވެ. ރައްޔިތުން އެގެންދަނީ ކޮންޒަރވޭޓިވުންނަށް ތާއީދު ކުރަމުންނެވެ. ކިތަންމެ ވަރަކަށް ސަރުކާރު ބަދަލުވިޔަސް މައްސަލައެއް ނެތެވެ. އިނގިރޭސިވިލާތަކީ ފެއިލްވެގެންދާ ޑިމޮކްރަސީއެއްގެ ރީތި މިސާލެކެވެ.
ޑިމޮކްރަސީއޮތީ މީހުންގެ ހައްގުތަކުން ތަތްތެޅިފައި. އެ ސާފުވާނީ ކޮންގޮތަކުން؟