ދެކަފި - 21

(4 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖުނައިދަށް ފެންނަ ގޮތުގައި ސާރާގެ ކައިވެނީގެ ރަސްމިއްޔާތާއެކު ، ޒަރޫންގެ އެންގޭޖްމަންޓް ވެސް ބޭއްވިއްޖެނަމަ ، ދެ ރަސްމިޔާތު އެއްކޮށްލުމުން ތަންކޮޅެއް ޚަރަދު ކުޑަވެފައި މުނާސަބު ވާނެއެވެ. އަދި ރޭގަނޑުގެ ކެއުމުގެ ވަގުތުގައި އެންމެން ތިއްބާ އެވާހަކަ ޖުނައިދު ހާމަކުރިއެވެ. އަނގަޔަށްލާން ނަގަނަގާ އިން ބަތްސުވަލަށް ކުއްލިޔަކަށް ހުއްޓުން އައިސް ޒަރޫންއަށް ޙައިރާންކަން ލިބުނެވެ. އެކަމާމެދު އިތުރު ވިސްނުމަކާނުލައި ، ސާރާގެ ކައިވެންޏާމެދު މިހާރު ވާހަކަ ދައްކަން ، ޒަރޫން އެދުނެވެ. ޒަރޫންގެ އެންގޭޖްމަންޓްގެ ވާހަކަ ދައްކާނީ ފަހުންނެވެ. ސާރާގެ ކައިވެނީގެ ކަންތައްތައް ހަމަޖެހުނީމާވެސް ، އެވާހަކަ ދދެއްކިދާނެއެވެ.

"މިހާރު މިއުޅޭ ކުދިންގެ ވިސްނުން ހުންނަގޮތް ނަގައިގަންނަން ހާދަ އުނދަގުލެވެ. ދުވާލު ހަތަރުދަމު ދެމީހުން އުޅޭނީ އެކީގައެވެ. ކައިވެނީގެ ވާހަކަ ދެކެވޭ އިރަށް ، އަމިއްލަ ދިރިއުޅުމުގެ މިނިވަންކަން ގެއްލޭ ވާހަކަ ބުނެ ބަހަނާ ދައްކާނެއެވެ." ޣަޒާލާ ބުންޏެވެ. ޣަޒާލާގެ ވާހަކަޔަށް ސާރާވެސް އެއްބަސް ވެއެވެ. ޒަރޫން އާއި އަސްމަރާވެސް އުޅެނީ ، ހަމަ އެހެންނެވެ. ޔުނިވަރސިޓީގަވެސް އަދި އޭގެފަހުންވެސް ދެމީހުން ފެންނާނީ އެއްތާކުންނެވެ. ގޭތެރޭގައިވެސް ޒަރޫންއަށް ދެއްކޭނީ ހުސް އަސްމަރާގެ ވާހަކައެވެ. ކައިވެނީގެ ވާހަކަ ދައްކާއިރަށް ޒަރޫން ބަހަނާ ދައްކަނީ ކަމަށް ސާރާ ބުންޏެވެ. އެހާ ގިނަދުވަސް ވާއިރު ، އަސްމަރާގެ ގޮތް ޒަރޫންއަށް އޮންނަން ޖެހޭނީ މިހާރު އެނގިފައެވެ. މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެންނަކަށް އެއްވެސްކަމެއް ނުވެއެވެ. ހަމައެކަނި އިތުރު ވަގުތުކޮޅެއް އަހަރެންނަށް ބޭނުންވަނީއެވެ. އަހަރެން އަދި ކައިވެންޏަކަށް ތައްޔާރެއް ނޫނެވެ. އަހަރެންގެ ހުރިހާކަމެއް ހުސްކުރަން މިހާރު ބޭނުންވަނީ ކިޔެވުމަށެވެ. އެއީ ވަރަށް ޗެލެންޖިންގ ކަމަކަށް ވެއްޖެއެވެ." ޒަރޫން ބުންޏެވެ.

ޒަރޫންގެ ޖަވާބުން ޖުނައިދަށް ޙައިރާންކަމެއް ލިބުނެވެ. އަދި އެއީ ކީއްވެތޯ ސުއާލުކުރިއެވެ. އަސްމަރާއާއެކު ކައިވެންޏެއް ކުރާކަމަށް ވަންޏާ ޒަރޫންއަށް އިތުރު ވަގުތު ބޭނުން ވެއެވެ. އަސްމަރާއަކީ އޭނާގެ ގާތް ރަޙުމަތްތެރިއެކެވެ. ދެމީހުން އެކުގައި ފެންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަސްމަރާއާމެދު މިހާތަނަށް ޒަރޫން ވިސްނަމުން ގެންދިޔައީ ގާތް ރައްޓެއްސެއްގެ ގޮތުގައެވެ. އޭނާގެ ޙަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި ، އެނަޒަރުން އަސްމަރާއާ މެދު ވިސްނައި ގޮތެއް ނިންމުމަށް އޭނާއަށް އިތުރު ވަގުތު ބޭނުންވަނީއެވެ.

"އަސްމަރާއާއި ޒަރޫން ރަޙުމަތްތެރިންގެ ގޮތުގައި އެކީގައި އުޅޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. އަސްމަރާއަކީ ، ޙަޔާތުގެ ބައިވެރިޔަކަށް ކަމުދާ މީހެއްތޯ ބަލަން ވަގުތު ބޭނުންވަނީ މިއަދު ހެއްޔެވެ؟" ސާރާ އަނގަ ބާނައިގަތެވެ. އެއާއެކު އެކަމުގައި މައްސަލަޔަކީ ކޮބައިތޯ ޒަރޫން ސުއާލުކުރިއެވެ.

"އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ނިންމާ ގޮތެއް މާ ލަސްނުކޮށް ތަންކޮޅެއް އަވަހަށް ނިންމާށެވެ. އަހަރެންގެ އަމިއްލަ ޙައިޞިއްޔަތުން ބުނަންޏާ  ، އަސްމަރާއަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އަހަރެން އޭނާއާ ވަރަށް ޤަބޫލެވެ. ޒަރޫން ތިބޭނުންވާ އިތުރު ވަގުތުގެ މައްސަލައިގާ އެގުޅުން އަހަރެމެންގެ އަތުން ބީވެގެންދާކަށް އަހަރެންނެއް ނޭދެމެވެ." ޣަޒާލާގެ ހިތްހަމަނުޖެހުން އިތުރު ވިއެވެ.

އެންމެފަހުން އެވާހަކަ މެދުކަނޑައިލީ ޖުނައިދެވެ. އެތާނގައި މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހެނީ ސާރާގެ ކައިވެންޏާ ބެހޭގޮތުންކަން ޖުނައިދު ހަނދާންކޮށްދިނެވެ.

------------------------

ކަޝަފްމެންގޭގެ ހަމަ އެރޭގެ ކާމޭޒު މަތީގައި ތިންމައިން ކެއުމަށް އިންސާފު ކުރަމުން ގެންދިޔައެވެ. ރާފިޢާގެ މޫނުމަތިން ފެންނަނީ ހިތްނުތަނަވަސް ކަމެވެ. އޭނާ އިނީ ކާހިތްނުވެފައެވެ. ކަޝަފް ވަރަށް މަޖާވެފައި ކަމުން ގެންދިޔައެވެ. އެހެން އެންމެން ތިބީ މާޔޫސްކަމެއްގެ ތެރޭގައި ހަނުހިމޭންކަންމަތީގައެވެ. ކަޝަފަކަށް ވާނުވާއެއް ނޭނގެއެވެ. އޭނާ ޔުނީގައި މިއަދު ދިން ޕްރެޒެންޓޭޝަން އެހާ ރަނގަޅަށް ހެދޭނެކަމަށް ޚުދު ކަޝަފްވެސް ހިއެއް ނުކުރެއެވެ. ދެވަނައަށް އައި ޕްރެޒެންޓޭޝަނާއި ކަޝަފްގެ ޕްރެޒެންޓޭޝަންގެ އެހާ ތަފާތު ހުއްޓެވެ.

"އެނގޭ ހެއްޔެވެ؟ ސާރ އަބްރާރު ، އޭނާގެ ކޮޓަރިއަށް އަހަރެން ގެންގޮސް އަމިއްލަ ޙައިޞިއްޔަތުން މަރުޙަބާވެސް ކިޔެވެ." ކަޝަފް ބުންޏެވެ.

ކަޝަފްގެ ވާހަކަޔަށް އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ވެގެން އުޅޭގޮތެއް ނޭނގި ހުރެ އޭނާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ކަޝަފްގެ އެ އުފާވެރިކަން ގެއްލިގެންދާކަށް ރާފިޢާ ބޭނުމެއް ނުވިއެވެ. ގަދަކަމުން ހީލައިގެން އިނެވެ. މިއަދު ގޭގަ އެދިމާވި ކަންތަކުގެ ވާހަކަ ، އުފާވެފައި އިން ކަޝަފް ގާތުގައި އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ ؟ އަދި އަމްދުން ގެއިން ނުކުންނަން ޖެހުނު ވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ ؟ ސަޖާތާއި ކަޝަފް ނީންނަކަމަށް ވަންޏާ އެމީހުން އެގެއިން ނުކުމެގެން ދާން ބައްޕަ އެންގި ވާހަކަ ބުނެފިނަމަ ، ކަޝަފް ގެ އެއުފާވެރިކަން އެއްފަހަރުން ގެއްލިގެން ދާނެއެވެ. އެންމެން ކާން ނުފަށާ ހިމޭނުން ތިބީމަ ކަޝަފަށް އެކަން ނޯޓިސް ކުރެވުނެވެ. އަދި އެކަމާބެހޭގޮތުން ސުއާލުކުރިއެވެ. އެވަގުތު ، ރާފިޢާ އޭނާގެ ދެންތިބި ދެކުދިންނަށް އެވާހަކަ ނުދެއްކުމަށް އިޝާރާތް ކުރިއެވެ. ކަޝަފް އައުމުގެ ކުރިންވެސް ، ކަޝަފް ގާތުގައި އެވާހަކަ ދެއްކުން އޭނާއޮތީ އެދެކުދިންނަށް މަނާކޮށްފައެވެ.

"އިތުރު މުޞީބާތެއް ހިފައިގެން އަނެއްކާވެސް ، މިއަދު ބައްޕަ އައެވެ." ޞިއްރާ ކޮނޑުން ޖަހައި މަނާކުރީމަވެސް ޝެހްނީލާއަކަށް އެވާހަކަ ނުބުނެއެއް ނީނދެވުނެވެ.

ޝެހްނީލާ ވާހަކަ ދައްކަން ފެށުމުން ، ރާފިޢާވެސް އަދި ޞިދްރާވެސް އިޝާރާތުން އެކަން މަނާކުރަމުން ގެންދިޔައެވެ. ޞިދްރާގެ އޮޅަނބޮށިން ޝެހްނީލާގެ އަތުގައި ޖަހައިލިއެވެ. އެވާހަކަ ނުބުނުމަށް އިޝާރާތް ކުރަމުން އިހަށް ދައްތަ ، ކެޔަދޭށޭ ރާފިޢާ ބުންޏެވެ. އެވާހަކަ ކަޝަފްގާތު ދެއްކުން އެކުދިންނަށް މަނާކޮށްފަ އޮތްކަން ރާފިޢާ ހަނދާން ކޮށްދިނެވެ. ކަޝަފްގެ ކެއުމަށްވެސް އެވަގުތު ހުއްޓުން އައެވެ. އަދި އެކަމާބެހޭގޮތުން ސުއާލުކުރިއެވެ.

"ދަރިފުޅާއެވެ! އެއީ ކަމެއް ނޫނެވެ. އެއީ ބައްޕަގެ އާދަ ނޫން ހެއްޔެވެ؟ ހަމަޖެހިލައިގެން އިނދެ ދަރިފުޅު އިހަށް ކާލާށެވެ! ބައްޕަގެ ކަމަކީ ، އެއްވެސް ކަމަކުން ކުރެ ކަމަކާ ނުލައި އަބަދު ކޮންމެވެސް މައްސަލަތަކެއް އުފެއްދުން ނޫން ހެއްޔެވެ؟" ރާފިޢާ ބުންޏެވެ.

ރާފިޢާ ގަދަކަމުން ހިނިތުންވެލައިގެން އިނދެ ވާހަކަ ދެއްކިނަމަވެސް އޭނާގެ މޫނުމަތީގައިވާ ހާސްކަން ސިއްރެއް ނުކުރެވުނެވެ. ފަހަރަކު މީހެއްގެ މޫނަށް ، ކަޝަފް ބަލައިލިއެވެ. އަދި ،  ވެގެންއުޅޭގޮތެއް ސާފުކޮށް އެނގެން ކަޝަފު  ބޭނުންވިއެވެ.

"ބައްޕަ މިއަދު އައެވެ. އައިސް ، ގެ ހުސްކުރާށޭ ކިޔާފަ ހިނގައްޖެއެވެ." ޞިދްރާ ވާހަކަ ދެއްކިއެވެ.

"ގެހުސްކުރަން ބުނީ ހެއްޔެވެ؟ އެހެން ހަމަ ބުނެލާފަ ދިޔައީ ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟" ކަޝަފްގެ އަޑު ހަރުވިއެވެ.

"ވައްހާބަށް ގެއިން އޭނާއަށްވާ ޙިއްޞާ ދޭން ޖެހޭތީ ގެ ވިއްކައިލަނީއެވެ. ހުރިހާ މައްސަލައެއް އުފެދުނީ ކަޝަފްގެ ކައިވެނި ސަޖާތާ ކުރަން ދެކޮޅު ހެދުމުންނެވެ. ސަޖާތާ އިންނަން ކަޝަފް އެއްބަސް ވެއްޖެނަމަ ، ގެއިން ނުކުންނާކަށް ނުޖެހޭނެއެވެ." ޞިދްރާ އިތުރަށް ބުންޏެވެ.

ކަޝަފްމެން އެގެ ދޫކޮށްލާފައި ދާންޖެހޭނެ ކަމަކަށް ކަޝަފެއް ނުދެކެއެވެ. އެއީ އެކުދިންގެ ޙިއްޞާވެސް އެގޭގައި އޮންނާނެތީއެވެ. އެކަމަކު އެކުދިންނަށް ޙައްޤުވާ ޙިއްޞާ އޮންނާނީ ބައްޕަ ދިނިއްޔާކަން ރާފިޢާ ސާފުކޮށްދިނެވެ. އެކުދިންގެ ބައްޕަޔަކީ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތް އިންސާނެއްކަމަށް ، އަބަދުވެސް ކަޝަފް ބުނެއެވެ. އެއީ އަމިއްލަ އެދުންބޮޑު އިންސާނެކެވެ. ގެޔަކަށްޓަކައި ދަރިއެއްގެ ދިރިއުޅުން ޤުރުބާންކުރަން ފަސް ޖެހޭނީ ކޮން ބައްޕައެއް ހެއްޔެވެ ؟

ކަޝަފް އޭނާގެ ކިޔެވުން ހުއްޓާލައި ވަޒީފާއެއް ހޯދުމަށް ނިންމިއެވެ. އެހެންނަމަވެސް ރާފިޢާ އެކަމާ މުޅިން ދެކޮޅެވެ.

"ދަރިފުޅު އެއްވެސް ޙާލެއްގައި ކިޔެވުން ދޫކޮށްލައިގެން ނުވާނެއެވެ. ކިޔެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅު ކިޔަވާ ނިމުމުން ހުރިހާކަމެއްވެސް ރަނގަޅުވެ ، އިރާދަ ކުރެއްވިއްޔާ  ޙާލަތުވެސް ބަދަލުވާނެއެވެ." ރާފިޢާ އޭނާގެ ދަރިފުޅަށް ވިސްނައިދިނެވެ.

ކަޝަފް ދެކޭގޮތުގައި އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ބަދަލެއް ނުވާނެއެވެ. ﷲ ތަޢާލާ އެމީހުންގެ ޙާލަތު ބަދަލުވުމަށް މިންވަރެއް ނުކުރައްވާނެއެވެ. މުޞީބާތަކަށްފަހު މުޞީބާތެއް އެބަޖައްސަވައެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށާ ، ﷲ އާ މެދު އުއްމީދު ކަނޑައިނުލާ އެކަލާނގެޔަށް ވަކީލު ކުރުމަށް ، ކަޝަފަށް ، ރާފިޢާ ނަޞޭޙަތްތެރި ވެއެވެ.

އިންސާނާގެ ދިރިއުޅުމުގައި އަޑިގުޑަންތަކާއި އުސްގަނޑުތައް އަންނާނެއެވެ. ދުނިޔެ ދައުރުކުރަނީ އެއްފަންވަތު މަތިން އަނެއް ފަންވަތުގެ ދަށުންނެވެ. އަހަރެމެންގެ ދިރިއުޅުމުގައިވެސް އިރާދަކުރެއްވިއްޔާ އަދި ޙާލަތު ބަދަލުވެ ހަމަޖެހުން ލިބޭނެއެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ. ވަގުތު ޖެހުނީމަ ވަރަށް ރަނގަޅު ޙާލަތަކަށް އަހަރެމެންގެ ދިރިއުޅުން ބަދަލު ކުރައްވާނެއެވެ. އެއީ ﷲ ގެ މިންވަރުފުޅާއި އިރާދައިގައި ހުރި ގޮތެވެ. މަންމަގެ ނަޞޭޙަތް ޤަބޫލުކުރުމަކީ ކަޝަފަށް އުނދަގޫ ކަމެކެވެ. ތުއްތު އިރުއްސުރެ މަންމަގެ އެވާހަކަތައް އޭނާ އަޑު އަހައެވެ. ތިންކުދިން ބޮޑުވެ ފިރިފުރާވަރަށް އެޅިއިރުވެސް މަންމަ އެބުނާ ރަނގަޅު ޙާލަތެއް ކަޝަފް މެންނަށް އަދި ފެނިފައެއް ނެތެވެ. އެއްދުވަހުން އަނެއްދުވަހަށް ޙާލަތުދަނީ ދަށަށެވެ. މަންމަ އެބުނާ ލަޠީފީ ވާހަކަތައް އަޑުއަހާ އަހާ އޭނާގެ ކަންފަތް ބަށްވެއްޖެ ކަމަށް ބުނެ ފޫހިވެގެން ، ކަޝަފް ކާންއިންތަށި ހުސްވެސް ނުކޮށް ކާމޭޒުމަތިން ތެދުވެގެން ދާން އޭނާއަށް މަޖުބޫރު ވިއެވެ.

------------------------

"ސާރާ އެވެ! އަހަރެންގެ ގަމީހުގެ ގޮށް ހަރުކޮށްލަދީބަލާށެވެ!" ޒަރޫން ގެގަމީސް ދިއްކޮށްލަމުން ބުންޏެވެ.

"އަހަރެން ފަހަން އުޅުނުތަން ޒަރޫން ދުވަހަކުވެސް ދުށިން ހެއްޔެވެ؟" ސާރާ ފޫހި ރާގަކަށް ބުންޏެވެ.

ޒަރޫން އެބުނީ އޭނާގެ ގަމީހުގެ ގޮށެއް ހަރުކޮށްލަދޭ ވާހަކައެވެ. އެއްޗެއް ފަހާ ވާހަކައެއް ނޫނެވެ. ސާރާއަކަށް އެކަން ކުރެވޭކަށް ނެތެވެ. އަދި ނޯކަރުންގެ ތެރޭގައި އެއުޅޭ ސަލްމާ ހޯދާފަ އޭނާގާތު ގޮށް ހަރުކޮށްދޭން ބުނާށޭ ބުންޏެވެ. އޭރު ، ސަލްމާ ގެޔަކު ނެތެވެ. ސާރާގާތަށް ޒަރޫން އައީ ސަލްމާވެސް ގޭގައި ނެތީމައެވެ. މި އަންހެންކުދިންގެ ކަންތައް ހުންނަގޮތުން ޒަރޫން ކަންބޮޑުވިއެވެ. އަދި ސާރާ ކައިވެނިކުރަން އުޅޭ ވާހަކަ ބުނެ އެންމެ ދެރަވެގެން ގަމީހެއްގެ ގޮށް ހަރުކޮށްލަން ދަސްކޮށްލާށޭ ޒަރޫން ބުންޏެވެ.

"ޒަރޫން މީހަކާ އިނދެގެން ގެޔަށް ގެނެސް ގޮށް ހަރުކޮށްދޭން ދަސްކޮށްދޭށެވެ. ހަމަގައިމުވެސް ، އަސްމަރާއަކަށް ގޮށްހަރުކޮށްލުން ކީއްހެއްޔެވެ؟ ގަމީހެއް ފަތްޖަހާލަންވެސް ނޭނގޭނެއެވެ. މާ ބަހަނާ ގިނަނުކޮށް ދެން އެހެން ގަމީހެއް ލާށެވެ." ސާރާ ބުންޏެވެ.

ސާރާވެސް ހުރީ ޒަރޫންއަށް އެވަރުގެކަމެއްވެސް ކޮށްލަދޭ ގޮތަކަށް ނޫނެވެ. އަންހެންވެރިންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

------------------------

ކަޝަފްގެ ތިންބެއިން ކިޔަވަން އެނދުމަތީގައި ތިއްބެވެ. އެއްވެސް ކުއްޖަކަށް ކިޔެވުމުގެ މައްޗަށް ވިސްނުން ބެހެއްޓޭ ވަރަށްވުރެ ތިންކުދިންގެ ސިކުނޑިވެސް ވަނީ ހާސްކަމުން ފުރިފައެވެ. ބައްޕަޔަކީ ކިހާ ގޮތްކުޑަ އިންސާނެއް ހެއްޔެވެ. ފެށުނީއްސުރެ ކަޝަފް އެއަންނަނީ އެވާހަކަ ދައްކަމުންނެވެ. އެހެންނަމަވެސް އޭނާގެ ދެކޮއްކޮއިންކުރެ އެކަކުވެސް އެކަން ޤަބޫލެއް ނުކުރެއެވެ. ބައްޕަ ކަމަށްވާތީ ، މަންމަގެ ތަރުބިއްޔަތުގެ ދަށުން ބައްޕަޔަށް ކުރަންޖެހޭ އިޙްތިރާމް އޮންނަނީ އެމީހުންގެ ބޮލަށް ސަވާރު ވެފައެވެ. ކަޝަފްމެންނާމެދު އެގޮތަށް ކަންތައް ކުރަން އެމީހުން ދުނިޔެއަށް އުފަން ކުރުވީ ކީއްވެގެން ހެއްޔެވެ. ކަޝަފަކީ އަބަދުވެސް ބައްޕަޔާ އިދިކޮޅު ޚިޔާލު ގެންގުޅޭ ކުއްޖެކެވެ.

"މަންމަ އަހަރެމެން ގޮވައިގެންދާނީ ކޮންތާކަށްކަންވެސް ބައްޕަޔަކަށް ނޭނގެއެވެ." ޝެހްނީލާ ބުންޏެވެ.

"އަހަރެމެންނާމެދު ، ބައްޕަގެ ހިތުގައި ކުޑަކޮށްވެސް ރަޙުމެއް ނެތެވެ. އެކަމާ ވިސްނާކަށްވެސް ބައްޕަ ބޭނުމެއް ނުވެއެވެ." ޞިދްރާ ބުންޏެވެ.

ތިންބެއިން އެވާހަކައިގާ އެކުއްޖަކަށް ފެންނަ އެއްޗެއް ބުނަމުން ގެންދިޔައެވެ.

"އަހަރެމެންނަށް ﷲ މިދެއްވަނީ ކޮންފަދަ ސަޒާއެއް ހެއްޔެވެ." ކަޝަފް ބުންޏެވެ.

"އެއީ ސަޒާއެއް ނޫނެވެ. ﷲ އަހަރެމެންނަށް ސަޒާދެއްވަންވީ ކީއްވެ ހެއްޔެވެ؟ އަހަރެމެން ފާފައެއް އަދި ކުށެއް ނުކުރަމުއެވެ." ޞިދްރާ ބުންޏެވެ.

ތިންކުދިންވެސް ތިބީ ހަދާނެގޮތް ބޮޑުވެފައެވެ. މަންމަގެ ހިތާމަތައް ހައްތާ އެދަނީ ބޮޑުވަމުންނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.