ދިވެހި ގައުމު ކްރައިސިސްއަކަށްދާއިރު ބަލަހައްޓައިގެން ދިވެހި އަސްކަރިއްޔާ ނޯންނާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ
ދައުލަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ޗީފްއޮފްސް ސްޓާފް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހި އަސްކަރިއްޔާއިން މަސައްކަތް ކުރަމުން ގެންދާނީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ގާނޫނީ ލަފައާ އެއްގޮތަށް ކަމަށެވެ.
"ދިވެހި ގައުމު ކްރައިސިސް އަކަށް ދާކަށެއް ދިވެހި އަސްކަރިއްޔާއަށް ބަލަން ނޯވޭވޭނެ. ދިވެހި އަސްކަރިއްޔާ މަސައްކަތް ކުރަމުން ގެންދާނީ ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ގާނޫނީ ލަފާފުޅާ އެއްގޮތަށް. ދިވެހި އަސްކަރިއްޔާ އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ތަބައެއް ނުވާނެ،" ޝިޔާމް ވިދާޅުވިއެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޕޮލިހުންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޑެޕިޔުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ދިވެހި ފުލުހުންވެސް މަސައްކަތް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ބަންޑާރަނާއިބު ދެއްވާ ގާނޫނީ ލަފާގެ ދަށުން ކަމަށެވެ. އެ މުއައްސަސާއިންވެސް އެއްވެސް ޣައިރުގާނޫނީ އަމުރަކަށް ތަބާނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނޫސްކޮންފަރެންސްގައި ބަންޑާރަނާއިބު މުހައްމަދު އަނިލް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން އަޒުލު ކުރުމުގެ އަމުރެއް ސްޕްރީމް ކޯޓުން މިއަދު ނެރޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެ ކޯޓުގެ އިހްތިސާސްތެރޭގައި ހިމެނޭ ކަމަކަށްނުވާތީ އެފަދަ އަމުރަކަށް ކިޔަމަން ނުވުމަށް ތަންފީޒީ އިދާރާތަކަށް ގޮވައިލައްވާ ކަމަށެވެ.
ރައީސް ވެރިކަމުން ވަކިކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށް ވިދާޅުވެ އަނިލް ވަނީ ގާނޫނީ ލަފާ ދެއްވައިފައެވެ.
ޑިސީޕީ ނަވާޒު ވިދާޅުވީ "މިފަދަ މައްސަލަތަކުގައި ފުލުހުން މަސައްކަތް ކުރާނީ ބަންޑާރަނާއިބު ދެއްވާ ލަފާފުޅުގެ ދަށުން. އަދި ހަމަ އެއާ އެކު މިފަދަ ހާލަތެއްގައި ދިވެހި ފުލުހުން ގެންދާނީ އެ ދެއްވާ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނު އަސާސީ އާއި ދިވެހި ރާއްޖޭގެ ގާނޫނުތަކާ ޚިލާފު ނުވާނެ ގޮތަށް އެފަދަ ކަންކަން ތަންފީޒު ކުރަމުން." ކަމަށެވެ.