މޮރިޝަސް ސަރުކާރަށް ފޮނުއްވި ސިޓީ ހާމަކުރެއްވުމަށް އެމްއެންޕީން ގޮވާލައިފި

ޗާގޯސްގެ މައްސަލާގައި ދިވެހި ދައުލަތުގެ ނިންމެވުންތަކާއި ސިޔާސަތު ކަނޑައެޅުމުގައި، ދިވެހިރާއްޖެއާއި ދިވެހިންގެ ޤައުމީ މަސްލަޙަތަށް އެންމެ ހެޔޮ ގޮތް އިޚްތިޔާރު ކުރެވޭނީ، ސިޔާސީ ވާދަވެރިކަން ދުރަށް ޖައްސައިގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތައް ޝާމިލްކޮށްގެން ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ކަމަށްއެ ޕާޓީއަށް ޤަބޫލު ކުރެވޭތީ، އެގޮތް ޚިޔާރުކުރެއްވުމަށް ސަރުކާރަށް ގޮވާލާ، އެޕާޓީން ވާނީ ސިޓީއަކުން އޭގެ ތަފްޞީލީ ސަބަބުތައް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

މިފަދަ ހުށަހެޅުމެއް އެ ޕާޓީން ސަރުކާރަށް ހުށަހެޅީ، މިމައްސަލައާ ގުޅޭ ގޮތުން އެޕާޓީން މިހާތަނަށް އެއްކުރި މަޢުލޫމާތުން، އެއްވެސް ސަރުކާރަކުން ވެސް ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިންގުމަށް، ބައިނަލްއަޤުވާމީ އެއްވެސް ފޯރަމެއްގައި ވަކާލާތު ކުރައްވާފައިވާކަން އެނގެން ނެތުމުން ކަމަށެވެ.

މީގެ އިތުރުންވެސް، ޗާގޯސްގެ މައްސަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިނގި ބަހުސްތަކުގައާއި މީސްމީޑިއާ އާއި ޚަބަރުފަތުރާ ވަޞީލަތްތަކުގައި ދިވެހި ރައްޔިތުން ފާޅުކުރަމުންދާ ޝުޢޫރުތަކުން، ޗާގޯސްގެ މައްޗަށް ދިވެހިންގެ ޙުކޫމަތު ހިންގޭނެ އެއްވެސް ގޮތެއް އޮވެއްޖެނަމަ އެމަގުން ދެވޭނެ ފަދަ ސިޔާސަތެއް ތަންފީޛް ކުރުމަށް ބޭނުންވާކަން ކަށަވަރު ކުރެވޭތީ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިފަދަ ޚައްޞާޞް އަދި ޤައުމީ މަޞްލަޙަތާ ގުޅޭ ކަންކަން ނިންމެވުމުގައި ސިޔާސީ ޕާޓީތަކުގެ ބައިވެރިކުރުން ގެންނަން ޖެހޭ އިތުރު ސަބަބެއް ކަމަށާއި އެއީ، ޗާގޯސް އާއި ގުޅޭ އައު ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤައުމީ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތް ނުކުރެވޭ ސިޔާސަތެއް ކަމަށް ރައްޔިތުންނަށް ޤަބާލު ކުރެވިގެން އަޑުއުފުލުމުން ބަންޑާރަ ނައިބުގެ އޮފީހުން ތަކުރާރުކޮށް ދެއްވާ ރައްދުގައި އެއްވެސް ބުރަދަނެއް ނެތުމުން ކަމަށް ވެސް ބުނެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ތަކުރާރުކުރައްވާ ވާހަކައަކީ ޗާގޯސްގެ މިނިވަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ ސްޓޭންޑު ބަދަލުވުމަކީ ދިވެހިރާއްޖެއާއި މޮރިޝަސް އާ ދެމެދު ޚިލާފު އުފެދިފައިވާ ކަނޑުގެ ސަރަޙައްދަށް އަސަރުކުރާނެ ނިންމުމެއް ނޫން ކަމަށާއި މިވާހަކަ ޤަބޫލު ކުރުމަށް ހުރަހަކަށް ވަނީ، ޗާގޯސްގެ މައްސަލާގައި ދިވެހިރާއްޖޭގެ "ސްޓޭންޑް" ބަދަލުވިކަން ސަރުކާރުން ހާމަކުރެއްވީ ބައިނަލްއަޤުވާމީ ކަނޑުގެ ޚާއްޞަ ޓްރައިބިއުނަލްގައި ކަމަށްވެފައި، އެ އަޑުއެހުމުގެ ޖަލްސާއަކީ ޗާގޯސްގެ މިނިވަންކަމާ ގުޅޭ އަޑުއެހުމަކަށް ނުވާއިރު، އެ ޓްރައިބިއުނަލަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައަކީ ޗާގޯސްގެ ވަށައިގެން އިނގިރޭސި ދައުލަތުން ހިންގާ އިން ވަކިކުރުމާއި އެ ސަރަޙައްދުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިންގުމަށް ކުރާ ދަޢުވާގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ވީތީ ކަމަށް ވެސް އެމްއެންޕީން ބުންޏެވެ.

ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ޙަވާލުކުރުމަށް ޔުނައިޓެޑް ނޭޝަންސްގެ ރެސޮލިއުޝަނަކުން 22 މެއި 2019 ގައި ނިންމާފައިވުމަކީވެސް ސަރުކާރުގެ އައު ސިޔާސަތާ މެދު މިޕާޓީގެ ކަންބޮޑުވުން އިތުރުވާ ކަމެެއް ކަމަށް ވެސް ބުންޏެވެ.

"ޗާގޯސްގެ މައްސަލާގައި، ދިވެހިން އެދޭގޮތް ޙާޞިލްކުރުމުގެ ޒިންމާއަކީ ކޮންމެ ސިޔާސީ ޕާޓީއަކުން ވެރިކަންކުރުމާ ޙަވާލުވެގެން ތިބިކަމުގައި ވީނަމަވެސް، ހާމަކަމާއެކު ކުރަން ޖެހޭ ކަމެކެވެ. އަދި، މިއީ ހުޅުވާލެފައިވާ ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައި ކުރިއަށްދާ މައްސަލައަކަށް ވާއިރު މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އިޚްތިޔާރު ކުރާ ސިޔާސަތާއި ނިންމުންތަކަކީ ސިއްރުކުރެވިފައިވާ ލިޔުންތަކަށް ވުމަކީ އެނިންމުތަކުގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ކަމެކެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިހެންވެ، ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް 22 އޯގަސްޓް 2022 ގައި ފޮނުއްވި ސިޓީ ހާމަކުރެއްވުމަށްވެސް، މިފުރުޞަތުގައި ދިވެހި ސަރުކާރަށް މއެޕާޓީން ގޮވާލާ ކަމަށް ބުނެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.