ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވަގުތަށް ނިމޭނެކަން ޔަގީން: ޒިޔާދު

އައްޑޫ ސިޓީގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގެ ކޮންކްރީޓް މަސައްކަތް ކަނޑައެޅިފައިވާ ވަގުތަށް ނިމޭނެ ކަމުގެ "ސަތޭކަ ދިހަ ޕަސެންޓް" ޔަގީންކަން އެބައޮތް ކަމަށް ހައުސިން މިނިޓްރީން ވިދާޅުވެއްޖެއެވެ.

ކުރީގެ ކޮންވެންޝަން ސެންޓަރުގައި ތަރައްގީ ކުރަމުންގެންދާ 100 އެނދުގެ އެ ހޮސްޕިޓަލާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު ތާވަލަށްވުރެ އެއްމަސް ކުރިން އެތަނުގެ ކޮންޓްރީޓް މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. އެ މަސައްކަތް މިހާރުވެސް ވަރަށް ހަލުއިކޮށް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީގައި ތަރައްގީކުރާ ހޮސްޕިޓަލުގައި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭނެއެވެ. އޭގެ ތެރޭގައި ސިޓީސްކޭންނާއި، އެންމެ މިޒަމާނުގެ ތިން އޮޕަރޭޝަން ތިއޭޓަރާއި، ޒަމާނީ ފެންވަރުގެ ސްކޭނާއި، އެކްސްރޭ ފަދަ ޚިދުމަތްތައް ލިބޭނެއެވެ.

މި ހޮސްޕިޓަލް ނިމި ޚިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. އަދި ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުބައެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ހޮސްޕިޓަލް ނިންމައި މިއަހަރުގެ ޖޫންމަސްތެރޭ ހުޅުވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މިއީ ގާތްގަނޑަކަށް 161 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން އައްޑޫސިޓީގައި ތަރައްގީކުރާ ހޮސްޕިޓަލެކެވެ. އެ ފައިސާ ހަމަޖައްސައި ދެއްވައިފައިވަނީ ސައުދީ ފަންޑުންނާއި، އޯޕެކް ފަންޑުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.