(14 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަސްމަރާއާއި ޒަރޫން ބޭރަށް ދާން ދެމީހުންވެސް އޮތީ އެއްބަސްވެފައެވެ. އަސްމަރާއާއެކު ބޭރަށްދާން ޒަރޫންވެސް އޮތީ ވަޢުދުވެފައެވެ. އެކަމަކު އެކަން ޒަރޫންގެ ހަނދާނަކު ނެތެވެ. އަދި އޭނާ ގިޓާ ޕްރެކްޓިޝްކުރަން ވަގުތުދޭށޭ ބުނެ ޝަކުވާކޮށްގަތެވެ.
"އަހަރެންނަށް ވަޢުދެއްވެފައި އެވަޢުދު ނުފުއްދާ، އެއަށްވުރެ ގިޓާކުޅެން އިސްކަންދެނީ ކީއްވެ ހެއްޔެވެ؟" އަސްމަރާވެސް ގޮތްދޫކުރުމެއްނެތެވެ.
"އަސްމަރާއާއެކީ ދުވަސް އެއްކޮށް ބޭކާރު ކޮށްލަންވީ ކީއްކުރަން ހެއްޔެވެ؟" ޒަރޫން ސުއާލުކުރިއެވެ.
"އަހަރެންނާއެކީ ވަގުތު ހޭދަކުރަން ބުނީ ޒަރޫންއެވެ. އަހަރެންނެއްނޫނެވެ. އެއީ ދުވަސް ބޭކާރުކޮށްލުންކަމަށް ތިދެކެނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށްވެސް ވަގުތުކޮޅެއް ދީބަލާށެވެ!" އަސްމަރާ ބުންޏެވެ. ކަމެއްކުރަން ފަށާއިރަށް ކޮންމެވެސް އަންހެނަކު އައިސް އުނދަގޫކޮށްގަންނާނެކަމުގައި ޒަރޫން ބުންޏެވެ. އަދި އެއަންހެނަކީ އަސްމަރާ ކަމުގައިވެސް ޒަރޫނަށް ބުނެވުނެވެ.
އަސްމަރާވެސް ގޮތްދޫނުކޮށް، ޒަރޫން އަތުން ގިޓާ ދަމައިގެންފައި، އަންނާށޭ ބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އަދި ޒަރޫންވެސް އަމިއްލަ ނަފުސަށް އެތިވަރު ގޮވަމުން އަސްމަރާގެ ފަހަތުން ނުކުތެވެ.
------------------------
"އަހަރެންކުރަންއުޅޭ ކޮންމެކަމެއް އެކޮޅުކޮޅުން މިޖެހެނީ ކީއްވެގެން ހެއްޔެވެ؟" ބޭރުގައިހުރި އުނދޯލީގައި އިށީނދެލައިގެން، ލިޔަން އިން ގަލަމުން ދެލިނައިސްގެން ރުޅިއަރައިގަނެފައި އިނދެ ގަލަން ހޫރުވަމުން ކަޝަފް ބުންޏެވެ. އޭރު ޞިއްދާ ހުރީ ގޯތިތެރޭގައިހުރި ގަސްތަކަށް ފެންދޭށެވެ.
"ކޮންކަމެއް އެކޮޅުކޮޅުން ޖެހުނީ ހެއްޔެވެ؟" ޞިދްރާ ސުއާލުކުރިއެވެ.
"ޑައިރީ ލިޔަން އިށީންތަނުން ބޯލްޕޮއިންޓުން ދެލިހުސްވެއްޖެއެވެ." ކަޝަފް ބުންޏެވެ.
"ދެން އެހެން ގަލަމަކުން ލިޔަންވީ ނޫން ހެއްޔެވެ؟" ޞިދްރާގެ ޖަވާބުގައި ކަޝަފް ގެ އަތުގައި އެހެން ގަލަމެއްނެތް ވާހަކަ ބުންޏެވެ.
"އަހަރެންގެ ދަބަހުން ގަލަމެއް ނަގާށެވެ. ނޫނީ ސެހްނީލާ ގާތު ގަލަމެއްދޭށޭ ބުނާށެވެ!" ޞިދްރާ ބުންޏެވެ.
"އަބަދުވެސް އަހަރެންނަށް ދިމާވަނީ މިކަހަލަ ގޮތެކެވެ. ކަމެއްކުރަންއުޅޭއިރަށް އެކަމަކަށް ކޮންމެވެސް ހުރަހެއް އެޅޭނެއެވެ. ކޮންމެވެސް މުޞީބާތެއް ކުރިމަތިވާނެއެވެ. އަހަރެންނަކީ ބަދުނަޞީބު މީހަކީއެވެ." ކަޝަފް އޭނާގެ އަމިއްލަ ނަފުސަށް އެއްޗެހި ކިޔައިގަތެވެ. ޝިދްރާ ކަޝަފާ ސަމާސާ ކުރަމުން، އަހަރެން ގަލަމެއް މިގެނެސްދެނީއޭ ބުނެ ގޭތެރެޔަށް ވަދެގެން ދިޔައެވެ.
------------------------
ޒަރޫން އާއި އަސްމަރާ ދިޔައީ ރެސްޓޯރެންޓަކަށެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ހުރި މައްސަލަތަކުގެ ވާހަކަ ދައްކަމުން ގެންދިޔައެވެ. އަދި ޒަރޫން ކޮންމެވެސް ހަރުދަނާ މަސައްކަތެއްކޮށް، ތަންކޮޅެއް ހަމަޖެހޭ މީހަކަށް ވާންޖެހޭކަމުގައި އަސްމަރާ ލަފާދިނެވެ. ބައްޕަޔާއި މަންމަގެ މުއްސަނދިކަމުން ޒަރޫނަށް ލިބެމުންދާ ކަންނެތްކަމަށް އޭނާ ޝަކުވާކުރިއެވެ. އަދި އޭނާ ބޭނުންވަނީ އުނދަގޫ އަދި ގޮންޖެހުންހުރިކަމެއްގައި ކާމިޔާބީ ހޯދަންކަމަށް ބުންޏެވެ. އެތައް އިރަކު އަނގަތަޅަން ތިބުމަށްފަހު، ބަނޑުހައިވެއްޖެއޭ ބުނެ ދެމީހުންވެސް ކާއެއްޗިއްސަށް އޯޑަރުކުރިއެވެ.
------------------------
ކަޝަފް އިނީ ފޫހިވެގެން ވާހަކަފޮތެއް ކިޔާށެވެ. އޭނާގެ ހިތުގައި އެނބުރެމުންދާ އެކިޚިޔާލުތަކާގުޅިގެން ވާހަކަވެސް ކިޔޭގޮތެއް ނުވިއެވެ. ވާހަކަފޮތް ލައްޕާލާފައި ބޭއްވިތަނުން، ތަށްޓަކަށް ކާއެއްޗެތި އަޅައިގެން ޞިދްރާ އައިސް އެނދުގައި ޖައްސާލައި ދެމީހުން ކާންފެށިއެވެ. މެންދުރުން އަނބުރާލާ އެތައް އިރެއްވީ އިރުވެސް މަންމަ ގެޔަށް ނައިސްގެން ކަޝަފް ހުރީ ކަންބޮޑުވެފައެވެ. ކިޔަވައިދޭ ގަޑި ނިމުމުން، ޓީޗަރުންގެ ބައްދަލުވުމެއް އޮވެގެން މަންމަ ލަސްވަނީކަމުގައި ޞިދްރާ ބުންޏެވެ. ކަޝަފް ދެކޭގޮތުގައި ކިޔަވައިދިނުމަކީ ވަރަށް ފޫހިމަސައްކަތެކެވެ.
"ކިޔަވައިދީފަ ގެޔަށް އާދެވެނީ ހަވީރު ފަހެއް ޖަހާއިރުއެވެ. އަންނަ ގޮތަށް އައިސް ކުދިންނަށް ޓިއުޝަންދޭން ފަށާނެއެވެ. ކިރިޔާ މަޣުރިބު ނަމާދު ކޮށްލެވޭވަރަށް ޓިއުޝަންދީފައި، ދެން ފަށާނީ ގޭތެރޭގެ މަސައްކަތެވެ. ކޮންމެވެސް އަރާމެއް މަންމަޔަށްވެސް، އެޢުމުރުގައި ބޭނުންވާނެ ނޫންހެއްޔެވެ." ކަޝަފްގެ ހިތުގައި މަންމަޔާމެދު ހަމްދަރުދީ އުފެދުނެވެ.
"ދިރިއުޅުމަކީ އެކަހަލަ ކަމެކެވެ. އަހަރެން އެހާ ބުރަކޮށް ދިރިއުޅެން ޖެހިއްޖިއްޔާ މޮޔަވެދާނެއެވެ." ޞިދްރާގެ ޚިޔާލުފާޅުކުރިއެވެ.
"ބައްޕަ ކަހަލަ ޒިންމާދާރުކަންކުޑަ މީހަކާ ޖެހިއްޖިއްޔާ އަންހެނަކު މޮޔަވާނެއެވެ. މަންމަ އެޙާލުގައި ޞިއްޙަތު ސަލާމަތުން ހުންނާތީ ޝުކުރު ކުރަމެވެ." ކަޝަފް ބުންޏެވެ. އެދެބެންގެ ވާހަކަ އަމާޒުވެގެން ދިޔައީ ބައްޕަގެ ޒިންމާދާރުކަންކުޑަކަމުގެ މައްޗަށެވެ. އަދި މަންމަގެ ކެތްތެރިކަމުގެ މައްޗަށެވެ. އެވާހަކައިގާ ލިބުނު ފޫހިކަމުން ކަޝަފަށް ރަނގަޅަށް ނާސްތާވެސް ކޮށް ނުލެވުނެވެ. އަދި ﷲ، ކަޝަފްމެންނާމެދު އިންޞާފުން ބައްލަވާވޮޑިގެން ނުވާކަމުގައި ކަޝަފް ހާމަކުރިއެވެ.
------------------------
ﷲ އަހަރެމެންނަށް ބޭއިންސާފުވެވޮޑިގެންވާކަމަށް ތިބުނަނީ ކީއްވެތޯ ޞިދްރާ ސުއާލުކުރިއެވެ. އަދި ބައްޕަގެ އުޅުމެއްނެތި ބައްޕަގެ ޒިންމާ، ނުއުފުއްލާތީ އެކަމުގައި ﷲ ބޭއިންސާފުވެވޮޑިގެންވާކަމަކަށް ނުބެލެވޭނެ ކަމުގައި ޞިދްރާ ބުންޏެވެ.
"ދުނިޔެއަކީ ﷲ އުފެއްދެވި ތަނެކެވެ. މިއީ ﷲ ގެ ދުނިޔެއެވެ. މިދުނިޔޭގައި ވާހާ އެއްޗަކާއި އިންސާނުން އުފެއްދެވީ އެފަރާތުންނެވެ. އުފެއްދެވި ފަރާތުން އެއްޗެއް ނުދެއްވާކަމަށް ވަންޏާ ދެން އެއްޗެއްދޭނީ ކާކު ހެއްޔެވެ؟" ﷲ އެޢާއިލާއަށް ކުރިމަތިކުރައްވާފައިވާ ދައްޗާއި މުޞީބާތަކީ އިންސާފުކަމަކަށް ކަޝަފެއް ނުދެކެއެވެ. އެހެންނަމަވެސް، ޞިދްރާގެ ޚިޔާލު ތަފާތެވެ. ޒިންމާއާއި މަސްއޫލިއްޔަތު އެއީ އިންސާނުން އުފުއްލަންޖެހޭ އެއްޗަކަށްވާއިރު، އެކަމަށް އިހުމާލުވެފައި ﷲ އަށް ޝަކުވާ ކުރާނެ ޖާގަ އޮންނާނެކަމަކަށް ޞިދްރާ އެއް ނުދެކެއެވެ. މިއީ ދައްކައި ކޮޅުންލާން އޮތް ވާހަކައެއް ނޫނެވެ. އެންމެފަހުން އެތައް އިރަކު އެބަހުސްގައި ތިބުމަށްފަހު، ކަޝަފް ކާންބައިންދާފައި ޞިދްރާ އެތަނުން ނުކުމެގެން ދެއެވެ.
------------------------
މިއަދަކީ ޒަރޫންމެންގެ ގެޔަށް ވަރަށް ޚާއްޞަ ދުވަހެކެވެ. ޔުނިވަރސިޓީގެ ޗުއްޓީދުވަސްވަރެވެ. އަބުރާރަކީ ޒަރޫންގެ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެކެވެ. ޢާއިލީ މީހެއްފަދައެވެ. އޭނާ މިއަދު އެވަނީ އެގެޔަށް ޒިޔާރަތް ކޮށްފައެވެ. ޒަރޫންގެ ބައްޕަ ޖުނައިދާއި ބޭބެއެއްފަދަ އަބުރާރު ސިޓިންގރޫމްގައި ވާހަކަދައްކަންތިބިތަން ފެނިފައި، ޒަރޫން އަބްރާރާ ސަލާން ކޮށްލިއެވެ. އަދި ޒަރޫންގެ އާވާރާ ދިރިއުޅުމުގެ ވާހަކައިން، އަބްރާރު ސުއާލުކުރެއެވެ. ބައްޕަގެ އިޝާރާތަށް ނަށަމުންދާ ޒަރޫން އޭނާގެ ބައްޕަގެ އިރުޝާދާއި ލަފާ ބޭނުންކުރަންތޯ އަބްރާރު ސުއާލުކުރެއެވެ. ބައްޕައަށް ތިމަންނަގެ އިނގިލީގައި ހިފާލަން ވަގުތެއްލިބެންޏާ އިނގިލީގައި ހިފައިގެންދާނެކަމަށް ޒަރޫން ބުންޏެވެ. ބައްޕައާއި މަންމައަށް ކުދިންނަށް ދޭނެވަގުތެއް ނުއޮންނަކަމުގެ ޝަކުވާ ޒަރޫރު ކުރިއެވެ،
"ޒަރޫން އަމިއްލަ ގޮތްތަކެއް އިޚުތިޔާރު ކުރަންވީ ނޫންހެއްޔެވެ؟ އަހަރެމެން މިއުޅޭގޮތުން ވަގުތެއް ނުލިބެންޏާ އަމިއްލަ ގޮތްތަކެއް ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ. މިހާރު ތިހުރީ ބޮޑުކުއްޖަކަށް ވެފައެވެ." އަބްރާރު، ޒަރޫނާ ސަމާސާ ކޮށްލިއެވެ.
"އަހަރެން މިއިންތިޒާރުކުރަނީ ޒަރޫން ޔުނިވަރސިޓީއަށް އަންނަ ދުވަހަކަށެވެ. މީނާގެ ހުރިހާކަމެއް ހަމަޔަކަށް އަޅުވާލާނަމެވެ." އަބްރާރުގެ ބަހަށް ޖުނައިދު އާނއެކޭ ބުނެ އެއްބައި ވެއެވެ.
"އަހަރެން ޔުނިވަރސިޓީގައި ކިޔަވައިދޭތާ 22 އަހަރު ވެއްޖެއެވެ. ތިކަހަލަކުދިން ހަމަޔަކަށް އަޅުވާނެ ތަޖުރިބާ އަހަރެންނަށް ހުންނާނީ ލިބިފައެވެ." އަބްރާރު ބުންޏެވެ. އެކަމާ ދެކޮޅަށް، އަބްރާރަށް ޒަރޫން ނޭނގޭނެކަމަށް ޖުނައިދު ބުނެއެވެ. އެހެންނަމަވެސް، ޒަރޫރުގެ ބައްޕަވެސް އޭނާއަށް އެނގޭކަމަށް ބުނެ އެއީ އެއްވެސްކަމެއް ނޫންކަމުގައި އަބްރާރު ބުނެއެވެ.
"އަހަރެންކައިރިޔަށް މީނާ އަޔަދޭށެވެ! އާވާރާވެގެން އުޅުނަނުދީ، ޒިންމާދާރު އިންސާނަކަށް މީނާ ބަދަލުކޮށްލާނަމެވެ." އަބްރާރު އަނެއްކާވެސް ބުންޏެވެ.
"ބޭބެ ކަންބޮޑު ނުވާށެވެ. އިރާދަކުރެއްވިއްޔާ، ޔުނިވަރސިޓީ ނިންމާފައި ޒިންމާދާރު ވަޠަނީ މީހެއްގެ ގޮތުގައި އަހަރެން މުޖުތަމަޢަށް ނުކުންނާނަމެވެ." ޒަރޫން އަބްރާރަށް ބުންޏެވެ. ތިންމީހުން ޒަރޫނާބެހޭގޮތުން ވާހަކަދައްކައި ސަމާސާ ކުރަމުންގެންދިޔައިރު، ހަވީރުގެ ސަޔަށް އިންސާފުކުރަމުން ގެންދިޔައެވެ.
------------------------
ރާފިޢާއަށް ސްކޫލުން ނިމިގެން އެދުވަހު ގެޔަށް އާދެވުނީ ވަރަށް ލަހުންނެވެ. ގެޔަށް އައިމަގުމަތީ ރާފިޢާއައީ ބާޒާރުކޮށްގެންނެވެ. ގެޔަށް ވަދެވުމާއެކު، ބާޒާރުގައި އެއްދުވަހުން އަނެއްދުވަހަށް ތަކެތީގެ އަގުބޮޑުވަމުންދާ ކަމުގެ ޝަކުވާ ފެށިއެވެ. އެކަމުގައި ކަޝަފްގެ ޚިޔާލު ތަފާތެވެ. އޭނާދެކޭގޮތުގައި ދިރިއުޅުމުގެ ބޭނުންތައް އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަނީއެވެ. ވަގުތާއެކު އެމީހުން ފަޤީރުވެ ނިކަމެތިވަނީއެވެ. ތަކެތީގެ އަގުބޮޑުވަނީއަކީ ނޫނެވެ.
"ދަރިފުޅާއެވެ! ތިހެން ނުބުނާށެވެ! ނިކަން ބަލައިލަބަލާށެވެ. ކަލޭމެން ތިންބެއިން ބޮޑެތިވެ، މާލަހެއްނުވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެއެވެ. އެއީ ކޮންފަދަ ނަޞީބެއް ހެއްޔެވެ؟" ރާފިޢާ، ކަޝަފަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މަންމަ ހުރިހާކަމެއްވެސް މާ އާދައިގެގޮތަކަށް ނަގާތީ ކަޝަފް ހިތްހަމައެއް ނުޖެހުނެވެ. މިކަންވާނޭ އެކަންވާނޭ ކިޔައި ހުރިހާކަމެއް ހަމަޖައްސާއިރު، ވީކޮންކަމެއްތޯ މަންމައާ ސުއާލުކުރިއެވެ. ކަޝަފްގެ ހިތްހަމަ ނުޖެހުމުގެ ސަބަބެއް ހޯދުމަށް ރާފިޢާ ބޭނުންވިއެވެ.
"މާބޮޑަށް ކަންބޮޑުވެފައިތިހުރީ ކޮންކަމަކާ ހެއްޔެވެ؟" ރާފިޢާ އޭނާގެ ދަރިފުޅާ ސުއާލުކުރިއެވެ.
"ބައްޕަ އަހަރެމެން ދޫކޮށްލާފައި އެހުރީ ގޮހެވެ. މިއަދުވެސް އައިސް އެދިޔައީ މަންމަ ރޮއްވާލާފައި ނޫންހެއްޔެވެ. ފިރިހެނުންނަށް އޮންނަކަމަކީ އެއީއެވެ. މަކަރާއި ޙީލަތް ހަދައި، ޒިންމާއިން ރެކިފާ ބޭވަފާތެރިވުން ނޫން އެހެންކަމެއް އެމީހުންގައި ނެތީ ހެއްޔެވެ؟" ދޮންމަންމައާއި ޢާއިލާ ގޮވައިގެން މިއަދު އެފުރީ މަރީއަށެވެ. ލާރިނުހުންނަނީ އަހަރެމެންނަށް ޚަރަދެއްކުރަންވީމައެވެ. ކަޝަފް ބުންޏެވެ. މަރީއަކީ ޕާކިސްތާނުފަޅިން ކަޝްމީރާ އިންވެގެން އޮންނަ ވަރަށް ރީތި ސަރަޙައްދެކެވެ.
"ދަރިފުޅާއެވެ! ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެއެވެ. އެހެންނޫނަސް، ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެއެވެ." ރާފިޢާ އޭނާގެ ދަރިފުޅަށް ވިސްނައިދެވޭތޯ ބަލަމުން ގެންދިޔައެވެ. އެހެންނަމަވެސް ކަޝަފްގެ އުދާސްތަކަށް ނިމުމެއް ނައެވެ. ހުރިހާ ފިރިހެނުން ނޫންކަމަށް ވަންޏާ ހުރިހާ ބައްޕައިންގެ ގޮތަކީ އެއީ ނޫންހެއްޔޭބުނެ އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލިއެވެ. ކަޝަފްގެ ވިސްނުމާއި ފިކުރުހުރި ގޮތުން ރާފިޢާ ކަންބޮޑުވިއެވެ. ބުނާނެ އެއްޗެއް ނޭނގި އިނދެފައި މަންމަޔަށް ފެންތަށްޓެއް ގެނެސްދޭށޭ ބުނެ ކަޝަފް ފޮނުވާލިއެވެ.
"މަންމަ އަބަދުވެސް ހަދަނީ ތިހެންނެވެ. ދުވަހަކުވެސް އަހަރެންގެ ސުއާލަށް ފުރިހަމަ ޖަވާބެއް ނުދޭނެއެވެ." ކަޝަފް ހިތްހަމަނުޖެހިފައި ހުރެ މަންމަޔަށް ފެންތަށްޓެއް ގެންނަން ބަދިގެތެރެޔަށް ވަދެގެން ދިޔައެވެ. ރާފިޢާއަށް ލިބުނު ހިތްދަތިކަން ފޮރުވުމަށްޓަކައި ހިންދިރުވާލިއެވެ. ރާފިޢާގެ ޙަޔާތުގައި ހުރިހާވެސް އެއްޗަކީ އޭނާގެ ތިންކުދިންނެވެ. ބަފަޔަކާނުލައި ބަލައި ބޮޑުކުރަމުން އަންނައިރު، ކުދިން ބޮޑުވާވަރަކަށް ބައްޕަގެ އަޅައިލުމާއި އޯގާތެރިކަން ބޭނުންވާނެކަން އޭނާއަށް އެނގެއެވެ. އެކުދިން ބޮޑެތިވަމުން އެއަންނަނީ ބައްޕަގެ ލޯތްބާނުލައެވެ. އެކަން ފޫބެއްދުމަކީ ރާފިޢާއަށް ކުޅަދާނަކަމަކަށް މިހާރަކު ނުވެއެވެ. ކުދިން ކުދިއިރު އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އެކުދިން މަސަލަސް ކުރެވުނަސް ބޮޑެތިވީމާ އެކުދިންވެސް ވިސްނާނީ ބޮޑެތި އަންހެނުންގެ ވިސްނުމުންނެވެ. އެކުދިންނަށް އުނިވާ ކަންކަމުގެ ވާހަކަ ދައްކަންހުރީވެސް ހަމަ ރާފިޢާއެވެ. ސްކޫލްގައި ކިޔަވައިދޭން އުޅެފައި ގެޔަށް އައިސް ވަންނަތަނުން ކުދިންގެ ހިތުގެ އުދާސްތަކާ ކުރިމަތި ލައިލައި އޭނާ ބަލިވެއްޖެއެވެ. ޚާއްޞަކޮށް، ކަޝަފްގެ ސުއާލުތަކަކީ އޭނާއަށް ޖަވާބުދޭން އެހާ ފަސޭހަ ސުއާލުތަކެއްނޫނެވެ. ކަޝަފް މިހާރު އެހުރީ ފިރިފުރާވަރަށް އަޅާފައެވެ. އެންމެ ވިސްނުންތޫނުވެފައި ކަންކަމާ ވިސްނައި އުޅެނީވެސް ކަޝަފެވެ. ރާފިޢާއަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އޮތީ ﷲ އާ ވަކީލުކޮށްލުމެވެ.
(ނުނިމޭ)
Vv.reethi