ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް އަތުލި ދެ އުޅަނދު ޖޫރުމަނާ ފައިސާ ދެއްކުމުން ފުރުމުގެ ހުއްދަދީފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި ބޭރުގެ މަސްވެރި ދެ އުޅަނދެއްގެ މައްސަލަ ބެލުމަށްފަހު މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އުޅަނދުތަކުގެ ވެރިފަރާތަށް އިދާރީ ފިޔަވަޅުގެ ގޮތުގައި ކަނޑައެޅި ޖޫރިމަނާ ފައިސާ ދެއްކުމުން އެ  އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ ދީފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މި ދެ އުޅަނދު އަތުލައިގަތީ 13 އޯގަސްޓް 2022 ވަނަ ދުވަހުގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާގޮތުގައި ސްރީލަންކާއަށް ނިސްބަތްވާ ދެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވަނީ -/700000ރ. އިންނެވެ.

  • އުޅަނދު އެކެއް: -/500000ރ (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ) + -/100000ރ. (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި ވަނުމުން). މި އުޅަނދުގައި 3 ޓަނުގެ ކަނޑުމަހުގެ ބާވަތްތައް ހުރި.
  • އުޅަނދު ދޭއް:   -/100000ރ. (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި ވަނުމުން)، އަތުލައިގަތް އިރު މި އުޅަނދުގައި މަހެއް ނެތް.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ކުރިން އުޅަނދުގެ މާސްޓަރު އަދި ވެރިފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައިވާއިރު ވެރިފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުމެއް ބާއްވާފައިވާކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ. މަސްވެރިކަމުގެ ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުމުގެ ކުރިން ތުހުމަތުކުރެވޭ ފަރާތަށް ޖަވާބު ދާރީވުމަށް އަޑުއެހުމެއް ބާއްވަން ޖެހެއެވެ.

މީގެ ކުރިން ވެސް މަސްވެރިކަމުގެ ޤާނޫނާއި ޚިލާފުވެގެން ބޭރުގެ އުޅަނދުތަކަށް މިނިސްޓްރީން ވަނީ ޖޫރިމަނާކޮށްފައިވެއެވެ. އެގޮތުން ޖޫރިމަނާ ދެއްކި އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ ދީފައިވާއިރު، ޖޫރިމަނާ ނުދައްކާ ހަތަރު އުޅަނދެއް ދައުލަތަށް ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދާކަމުގައިވެސް މިނިސްޓްރީން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.