އަމީނީ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހި ފަށައިފި

ފޮޓޯ: އާރްޑީސީ

އަމީނީ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހި ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މި މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.

އެ ކުންފުނިން ބުނީ ފުރަތަމަ ފިޔަވަހީގެ ދަށުން އަމީނީމަގުގެ ހެންވޭރާވީ ސަރަޙައްދުން ބައެއް ބަންދުކޮށް މަގުގެ ގައުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ފުރަތަމަ ބަންދުކުރާނީ ބޮޑުތަކުރުފާނު މަގު އަމީނީ މަގާ ގުޅޭ ހިސާބުން ފެށިގެން، ބޮޑުތަކުރުފާނު މަގާއި އިރުދޭމާ ހިނގުން ގުޅޭ ހިސާބަށް ކަމަށެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތަށް، އެމަގުގެ ހެންވޭރާވީ ސަރަޙައްދުން ބައެއް ބަންދުކޮށް މަގުގެ މަސައްކަތް ފަށާފައިވާއިރު، އެ މަގުގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ މަގު 13 ބަޔަށް ބަހާލައިގެންނެވެ.

މާލޭގެ އަމީނީ މަގު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ނިމުނު އޮގަސްޓްމަހުގެ 30 ވަނަ ދުވަހުއެވެ.

ފޮޓޯ: އާރްޑީސީ

މިއަދު ފެށި މި މަސައްކަތުގެ ސެގްމަންޓް 1ގައި ހިނެނީ އަމީނީމަގުން ހެންވޭރުން ބައެކެވެ. މި މަސައްކަތަށް ފުރަތަމަ ބަންދުކުރާނީ ބޮޑުތަކުރުފާނު މަގު އަމީނީ މަގާ ގުޅޭ ހިސާބުން ފެށިގެން ބޮޑުތަކުރުފާނު މަގާއި އިރުދޭމާ ހިނގުން ގުޅޭ ހިސާބަށެވެ.

އެއީ ގާތްގަނަޑަކަށް 100މީޓަރުގެ ސަރަޙައްދެކެވެ. މަގުގެ މަސައްކަތް ކުރިއަށްގެންދާނީ މުޅި އެ ސަރަޙައްދު ބަންދުކޮށްގެންނެވެ. އެންމެ ފުރަތަމަ ކުރިއަށްދާނީ މަގުގެ ގާތަށް ނެގުމުގެ މަސައްކަތެވެ.

މުޅި މިމަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މަގު ހަދާއިރު ކޭބަލް ޖަންކްޝަންތައް ހެދުމާއި، އެކަށީގެންވާ ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި ތާރު އެޅުން ހިމެނެއެވެ. އާރްޑީސީއާ މަސައްކަތް ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުން ނިންމާ ގޮތަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.