އަލަމްގިރި 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

އޭނާ ޖަލަށް ލާން ހުކުމް ކުރީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް، ސާބިތުވުމުންނެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެއް އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލާފައިވާއިރު، އެ ދައުވާ ކްރިމިނަލް ކޯޓަށް މިމަހުގެ 18 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލައިގެ ޝަރީއއަތް ފަށާފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

އިއްޔެ މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު، އެ އަޑު އެހުމުގައި އަލަމްގީރް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި ވީހައި ވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށް ވެސް އެދިފައެވެ.

އަލަމްގީރް އެ ކުށަށް އިއުތިރާފުވެފައިވާތީ ގާނޫނުލް އުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަޑުން އެއް ދަރަޖަ އަދަބު ވަނީ ދަށްކޮށްފައެވެ.

ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކަކާ ގުޅިގެން އަލަމްގީރު ހައްޔަރުކޮށްފައިވާއިރު، އެ ވީޑިއޯތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވީޑިއޯތައް ހިމެނެއެވެ.

އެ މައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރި ނަމަވެސް، ބަންދުގެ މުއްދަތު ހަމަވުމުން ތިން މީހުން ވެސް ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް މި މަހުގެ ތެރޭ އެ ތިން މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.