ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގެންފައިވަނީ 2022 އޮގަސްޓް 25 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖަކީ ޖަރުމަނުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެކެވެ. އަދި މިޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ހަތަރު ޕެކެޓެއް ވަނީ ފެނިފައެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަޙުލީލުކުރިއިރު، މިހަތަރު ޕެކެޓުގެ ތެރެއިން ދެ ޕެކެޓުގައި ހުރި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެޓަމައިން (Ketamine – 1087grams) އަށް ޕޮޒިޓިވް ވެފައެވެ. އަދި އަނެއް ދެ ޕެކެޓުގައި ހުރި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine – 587grams) އަށް ޕޮޒިޓިވް ވެފައެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.674 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 5,000,000.00  (ފަސް މިލިއަން) ރުފިޔާއަށް އަރައެވެ.

މިމައްސަލައިގައި ޝާމިލްވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކުރެވިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.