ގޮރްބަޗޯފް އަވަހާރަވެއްޖެ

ރޫސީ ވިލާތުގެ ކުރީގެ ވެރިޔާ މިޚައިލް ގަރްބަޗޯފް އަވަހާރަވެއްޖެއެވެ. އަވަހާރަވީ އިރު އޭނާގެ އުމުރުފުޅަކީ 91 އަހަރެވެ.

ގޮރްބަޗޯފަކީ އެމެރިކާއާއި ރޫސީވިލާތާ ދެމެދު އޮތް ފިނި ހަނގުރާމަ ނިމުމަކަށް ގެންނެވި ލީޑަރެވެ. އޭނާ ވެރިކަމަށް ވަޑައިގަތީ 1985 ވަނަ އަހަރުއެވެ. ދުނިޔެއަށް ގައުމު ހުޅުވާލައްވައި ގައުމުގައި އިސްލާހީ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވީ އޭނާއެވެ. އެކަމަކު އޭރުގެ ސޯވިއެޓް ޔުނިއަން ވެއްޓެމުން ދިޔަ ވެއްޓުން އޭނާއަކަށް ހުއްޓުވައެއް ނުލެވުނެވެ. ނަތީޖާއަކީ ސޯވިއެޓް ޔޫނިއަން އުވި މިހާރުގެ ރަޝިއާ ނުވަތަ ރޫސީވިލާތް އުފެދުމެވެ.

ގޮރްބަޗޯފް އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ ލީޑަރުން ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ. އަލިފުދާލުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރެސް ވިދާޅުވެފައިވާ ގޮތުގައި ގޮރްބަޗޯފަކީ ދުނިޔޭގެ ތާރީޚު ހިނގާ މަގު ބަދަލު ކޮށްލެއްވި ލީޑަރެކެވެ.

ގޮރްބަޗޯފް އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. އެންމެ ފަހުން އެނގުނު ގޮތުގައި އޭނާ ހަސްފަތާލަށް ގެންގޮސް ފަރުވާ އެރުވުނީ ކިޑްނީގެ އާލާސްކަންފުޅަކާ ގުޅިގެންނެވެ. އަވަހާރަވާން މެދުވެރިވީ ސީދާ ސަބަބު އަދި ރަސްމީ އެއްވެސް ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.

ސޯވިއެޓް ޔޫނިއަން އޮތް ދުވަސްވަރު ކޮމިއުނިސްޓަ ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމަށް ހޮވޭ މީހާއަކީ ގައުމުގެވެސް ވެރިމީހާއެވެ. ގޮރްބަޗޯފް ޕާޓީގެ ޖެނެރަލް ސެކްރެޓަރީއަކަށް ވެވަޑައިގަތީ 1985 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުފުޅަކީ 54 އަހަރެވެ. އޭނާ ވެވަޑައިގަތީ ވެރިކަން ހިންގާ ކައުންސިލް ނުވަތަ ޕޮލިޓްބިއުރޯގެ އެންމެ ހަގު މެންބަރު ކަމުގައެވެ.

ޔޫރަޕްގެ ކޮމިއުނިސްޓް ގައުމުތަކުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވީމާ އެކަމުގެ ތެރެއަށް ވެދެވަޑައިގަތުމާ ގޮރްބަޗޯފް ދެކޮޅު ހެއްދެވިއެވެ. އެއީ އޭގެ ކުރިން ކަން ހިނގި ގޮތެއް ނޫނެވެ. ކޮމިއުނިސްޓް ގައުމެއްގެ ސަރުކާރާ ދެކޮޅަށް ބަޔަކު ކުރާ ކޮންމެ ކަމެއްގައި ސޯވިއެޓް ޔޫނިއަން އެ ސަރުކާރެއް ހިމާޔަތް ކުރަން މަސައްކަތް ކުރެއެވެ. އަފްޣާނިސްތާނުގައި 1979 އިން ފެށިގެން ރޫސީން ކުރަމުން އައި ޢުދުވާނީ ހަނގރާމަ ހުއްޓަވައިލެއްވީވެސް ގޮރްބަޗޯފެވެ.

ގޮރްބަޗޯފްގެ މޭސްތިރި ކަމުގެ ދަށުން ގައުމުގައި ވަނީ ވަތަނީ ޚިޔާލުތައް އުފައްދަވައި އެ ހަރަކާތްތަކަށް ހިތްވަރު ދެއްވައިފައެވެ. ސޯވިއެޓް ޔޫނިއަން ވެއްޓެން ދިމާވި އެއް ސަބަބަކީވެސް އެއީއެވެ. ސޯވިއެޓް ޔޫނިއަން ރޫޅާލައި ރަޝިއާ އުފެދުނީ އޭނާގެ ވެރިކަމުގައެވެ. އެޔާއެކު އޭނާ ވެރިކަން ދޫވެސް ކޮށްލެއްވިއެވެ. އެކަމަކު 1996 ވަނަ އަހަރު އަނެއްކާވެސް އިންތިޚާބުގައި ބައިވެރިވެ ވަޑައިގެން ވެރިކަމަށް ވަޑައިގަންނަވާން އުޅުއްވިއެވެ. އެ އިންތިޚާބުގައި އޭނާއަށް ލިބިވަޑައިގަތީ އެންމެ 0.5 އިންސައްތަ ވޯޓެވެ. ސޯވިއެޓް ޔޫނިއަން ރޫޅާލެއްވުމަކީ ވަރަށް ބޮޑު ކުށެއް ކަމަށް ރޫސީންގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ގޮރްބަޗޯފް ވަޅުފުޅުލާނީ މޮސްކޯގެ ނޯވޯޑެވިޗީ ގަބުރުސްތާޏުގައެވެ. އެއީ އޭނާގެ އަނބިކަނބަލުން ރައީސާ 1999 ވަނަ އަހަރު ވަޅުފުޅުލެވިފައި އޮތް ތަނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.