މ. މަޑުއްވަރީގެ ބަނދަރުގެ ކޮންސެޕްޓް ފައިނަލްވީހާ އަވަހަކަށް އަމަލީ މަސައްކަތްފެށޭނެ: ރައީސް ސާލިހު

މ. މަޑުއްވަރީ ބަނދަރުގެ ކޮންސެޕްޓް ފައިނަލްވީހާ އަވަހަކަށް އަމަލީ މަސައްކަތްފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާ ކަމަށާއި ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.

މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް ނުފެށި އޮތީ އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނާއި މެދު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮތުމުގެ ސަބަބުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން ހަދާފައިވާ ޑިޒައިނާއި ގުޅޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީގެ ޓީމެއް ވަޑައިގެން ރައްޔިތުންނާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތީންކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގެ ރައްޔިތުންނަށް ދެއްވާފައެވެ.

ބަނދަރު ހެދިގެންދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވި ކަމަށެވެ. އަދި ކައުންސިލުންވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި، ބަނދަރުގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޑުއްވަރީގެ ޞިއްޙީ ޚިދުމަތާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިން ދެމުން އައި މޮބައިލް ލެބޯޓްރީގެ ޚިދުމަތްވެސް ވަރަށް އަވަހަށް އަލުންފެށިގެން ދާނެ ކަމަށެވެ. އަދި މަޑުއްވަރީގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެން ކުރިޔަށް ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަޑުއްވަރީގައި ހިނގަމުންދާ މަޝްރޫޢުތަކާއި އަދި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވާފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.