އެމްޓީސީސީން މަސައްކަތް ކުރިއަށް ގެންދާ 4 ރަށެއްގެ އެންމެފަހުގެ މައުލޫމާތު ހިއްސާކޮށްފި

އެމްޓީސީސީން މަސައްކަތް ކުރިއަށް ގެންދާ 4 ރަށެއްގެ އެންމެފަހުގެ މައުލޫމާތު ހިއްސާކޮށްފިއެވެ.

އެގޮތުން އެ ކުންފުނިން ބުނީ މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމި، ބިން ހިއްކުމުގެ މަސައްކަތުގެ 68 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކާ 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާ 287 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

މިއީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އާގުޅޭގޮތުން އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުރެންދޫގެ މި މަޝްރޫޢަކީ 44.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މީގެ އިތުރުން ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަން ހާމަކުރައްވާ އެ ކުންފުނިން ބުނީ ގްރޮއިން ޖެހުމުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށެވެ. އަދި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

45.1 މިލިއަން ރުފިޔާގެ މި މަޝްރޫޢު ގައި ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.