ފީވަކުގެ ތަރައްޤީއަށް ވަޢުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ ރައީސް ސާލިހް: ކައުންސިލު

ފީވަކުގެ ތަރައްޤީއަށްޓަކައި ވަޢުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށް މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ، އެރަށް ޢުމުރާނީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އަދި، އިޖުތިމާޢީ ގޮތުން ތަރައްޤީވާން ފަށާފައި ވަނީ މިސަރުކާރުގެ މިފާއިތުވި 4 އަހަރުގެ ތެރޭގައިކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި ފީވަކުގެ ތަރައްޤީއަށްޓަކައި ވަޢުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ތަރައްޤީގެ މަޝްރޫއުތައް ހިނގަމުންދާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބައެއް މަޝްރޫއުތައް ނިމިފައިވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހުގައި، ފީވަކުގެ ތަރައްޤީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުޞަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަން ވެސް ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ފީވަކުގައި ކުރިޔަށް ގެންދާ ކަންކަން ފީވަކުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ފީވަކު ކައުންސިލުން ވަނީ، މިހާރު އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އޭގެ ތެރޭގައި އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާ، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތާ ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.