ޝިއާއުގެ ޖަނާޒާގެ ކަންކަން ފުވައްމުލަކުގައި ބާއްވަނީ

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ފުވައްމުލައް ސިޓީއަށް އުފަން ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާގެ ކަންކަން ފުވައްމުލައް ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމީ އޭނާގެ އާއިލާގެ އެދުމުގެ މަތީންނެވެ.

އެގޮތުން ޝިއާގެ ހަށިގަނޑު މިއަދު ހަވީރުގެ ވަގުތެއްގައި އެ ސިޓީއަށް ގެންދިއުމަށް ނިންމާފައިވާއިރު، ކަށު ނަމާދު ބޭއްވުމަށް ނިންމާފައިވަނީ މިރޭ އިޝާ ނަމާދަށް ފަހުއެވެ.

ކަށުނަމާދު އޮންނާނީ ފުވައްމުލަކު ސިޓީގެ މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތް) ގައެވެ.

އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު ޝިއާއުގެ ހަށިގަނޑު ރޭ މާލެ ގެނެސް، މިހާރުބާއްވާފައިއޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައެވެ.

ފުލުހުން ބުނެފައިވަނީ ޝިއާއުގެ ޕޯސްޓްމޯޓަމް ރިޕޯޓު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ. ތިން ކޮޓަރީގެ އެ އެޕާޓުމަންޓަކީ ޝާހިލްގެ އިތުރުން އޭނާގެ ރައްޓެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އުޅޭ އެޕާޓުމަންޓެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތުހުމަތު ވަނީ ޝާހިލްއަށް އެކަންޏެވެ. ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރު އެ އެޕާޓްމަންޓުން ފެނިފައިވާ އިރު، މަރުގެ ތުހުމަތުވާ ޝާހިލް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.