ހަތްވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

ފޮޓޯ: އެމްޓީސީސީ

ހަތްވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ.

މި އެކްސްޕޯ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މެރިން އެކްސްޕޯއަށް ޒިޔާރަތް ކުރައްވާފައެވެ.

ރާއްޖޭގެ މެރިން ދާއިރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަމައެކަނި އެކްސްޕޯ ގައި މި އަހަރުވެސް 50 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަނުން (އެންބީއޭއެމް) ބާއްވާ މި އެކްސްޕޯގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތައް ބައިވެރިވެއެވެ. އަދި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތަކާއި މެރިން ފުޑްސް އުފައްދާ ފަރާތްތައް ވެސް ބައިވެރިވެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރއަކަށް އެމްޓީސީސީ ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓާއި ޖަލްބޫތުއެވެ.

އާއްމުކޮށް ހުޅުވާއިގެން ބާއްވާ މި އެކްސްޕޯ މާދަމާއާ ހަމައަށް ކުރިއަށްދާއިރު، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެކްސްޕޯ ހުޅުވާފައި ހުންނާނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.