ރައީސް ނަޝީދާއި އެކީ މަސައްކަތް ކުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލު ނުކުރެވޭ: ރައީސް ޔާމީން

ނަޝީދާއި އެކީ މަސައްކަތް ކުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނަޝީދު ގަބޫލުކުރާ ޑިމޮކްރަސީގެ ސިފަތަކާއި، ރާއްޖޭގައި އޮންނަން ޖެހޭނަކަމަށް ނަޝީދު ދެކޭ ލިބަރަލް ސިފަތަކަށް ބަލާއިރު، ނަޝީދުއާއެކީ މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

"ޑިމޮކްރަސީގައި އޮންނަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި މިޒާތުގެ ހައްގުތަކާއި ގުޅޭގޮތުން އެއްގަލަކަށް އެރިކަމުގައި ވިޔަސް ރައީސް ނަޝީދު ގަބޫލުކުރާ، ޑިމޮކްރަސީގެ ލިބަރަލް ސިފަތަކާއި ގުޅުންހުރި މިނިވަންކަމުގެ ސިފަތަކަކީ ގަބޫލު ކުރެވޭ ސިފަތަކެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދާއެކި މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ޕީޕީއެމްގެ ސެނެޓުންކަމުގައި ކަމަށެވެ. އަދި ސެނެޓްގެ ގިނަ ބޭފުޅުން ވެސް ރައީސް ނަޝީދު ގަބޫލުކުރައްވާ އުސޫލުތައް ގަބޫލު ކުރާނޭކަމުގައި ގަބޫލު ނުކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.