ފަންނީ ދާއިރާއިން މީހުން ބިނާކޮށް ތަރައްގީކުރަން އެމްޑަބްލިއުއެސްސީ އާއި އެމްއައިޓީ އެއްބަސްވެއްޖެ

ފަންނީ ދާއިރާތަކުން މީހުން ބިނާ ކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި މާލޭ ވޯޓަރ ސްވަރޭޖު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި ފަހުމުނާމައިގާ ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އެވެ. އެމްއައިޓީ ގެ ފަރާތުން ސޮއެ ކުރެއްވީ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ.

ފަސްއަހަރު ދުވަހުގެ މުއްދަތަށް ހެދި މި ފަހުމުނާމައިގެދަށުން އެމްޑަބްލިއުއެސްސީ ގެ މުވައްޒަފުން އެކިދާއިރާތަކުން ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުވައްޒަފުން ބިނާކުރަން ބޭނުންވާ ތަފާތު ފަންނުގެ ކުރު ކޯސްތައް އެމްއައިޓީން ހިންގުމަށް ވަނީ އެެއްބަސްވެފައެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީން ބޭނުންވާ ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރަށް ސިލަބަސް އަދި ކޯސް ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް އެމްއައިޓީ ގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި ފަހުމުނާމައިގެ ދަށުން އެމްއައިޓީން ތައްޔާރުކުރާ ޓެކްނިކަލް ޕްރޮގްރާމްތަކަަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމާއި އެމްއައިޓީގައި ކިޔަވާ ދަރިވަރުންނަށް އެމްޑަބްލިއުއެސްސީ މެދުވެރިކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ތަނަވަސްވާނެއެވެ.

އެމްޑަބްލިއެސްސީ އާއި އެމްއައިޓީގެ ގިނަ މުވައްޒަފުން ވެސް ބައިވެރިވި މި ރަސްމިއްޔާތުގައި އެމްއައިޓީން ކުރިއަށް ގެންދިޔަ ޝޯޓް ކޯސް އޮން ވެލްޑިންގ ޓެކްނިކްސް އަދި ސެޓްފިކެޓް ތްރީ އިން ލޭންޑިންގ ސާރވޭއިން ކޯސް ފުރިހަމަކުރި އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އާއި އެމްއައިޓީ ގެ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އުއްމީދަކީ މި ވެވުނު ފަހުމުނާމާގެ ސަބަބުން ތަފާތު އެކިއެކި ފަންނީ ދާއިރާތަކުން ޚާއްސަގޮތެއްގައި ފެނާއި ނަރުދަމާ އާއި ގުޅުންހުރި ދާއިރާތަކުން ފަންނީތަމްރީނު ލިބިފައިވާ މީހުން ބިނާވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އެއްދުވަހުން އަނެއްދުވަހަށް އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމަކީ ވެސް އެ ކުންފުނޫގެ އަމާޒެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.