ސަރުކާރުގެ އަމާޒަކީ ކަސްޓަމްގެ ޚިދުމަތްތައް ހަރުދަނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދަރުބާރުގޭގައި ބޭއްވެވި ބޭއްވި ޙަފުލާގައި ރައީސް ވަނީ ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމާއި މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުން ކަމުގައި ވެސް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ނުރައްކާތެރި ހަތިޔާރާއި، އެކި ބާވަތްތަކުގެ ނުރައްކާތެރި ޑްރަގްސް ފަދަ ތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހުއްޓުވުމަކީ ކަސްޓަމްސް އޮފިސަރުންގެ ޒިންމާއެއް ކަމަށެވެ.
ކަސްޓަމްސްގެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ، އެމުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަ ކޮށްދެވިގެން ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސް އޮފިސަރުންގެ މަސްއޫލިއްޔަތާއި ޒިންމާގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ކަސްޓަމްސް މުވައްޒަފުންގެ ޒިންމާތަކަށް ބަލާއިރު، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުމެ ހުށަހެޅެމުންދާ ބައެއް ކަމަށެވެ.
ކަސްޓަމްސްގެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ، އެމުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަ ކޮށްދެވިގެން ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޙަފްލާގައި ކަސްޓަމްސްގެ ހަ އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ އެމަނިކުފާނު ވަނީ ޙަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން މި ޙަފްލާގައި ވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ޚިދުމަތް ފެށިފައި ވަނީ 18 ޖުލައި 1890ގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ވަކި ޤާނޫނެއްގެ ދަށުން ހިންގަމުން އަންނަ، ދައުލަތުގެ މުއައްސަސާއެކެވެ.