ކޭސްތައް އިތުރުވިޔަސް އެންމެރަނގަޅު ގޮތަކީ މިހާރުއަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދިއުން: ހެލްތު މިނިސްޓަރ

ކޮވިޑް ކޭސްތައް އިތުރުވިޔަސް އެންމެރަނގަޅު ގޮތަކީ މިހާރުއަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދިއުން ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށާއި އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ފުރަބަންދުކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫންކަމަށެވެ.

" ކޮރޯނާ ވައިރަސްގެ ކަންތަކުގައި ލޮކްޑައުން ހަދާކަށް އަދިއެއް ގަސްތު ކުރެވިފައިނުވޭ. އެއްގޮތަކަށް ވެސް އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއްވެސް ނޫން ކުރާކަށް އިގޭތޯ." މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ހުރިހާކަމެއް ރަނގަޅަށް ހިނގަންޖެހޭނެ ކަމަށާއި ކޮރޯނާ ވައިރަސްއާއެކީ އުޅެން ދަސްކުރަންޖެހޭނެ ކަމަށެވެ. އަދި އެމަނިކިފާނުގެ ނަސޭހަތަކީ ހުރިހާ ބޭފުޅުން ވެސް ބަންދުވެފައި ހުންނަ ތަންތަނުގައި އުޅެއިރު ތަންކޮޅެއް ބޮޑަށް ވިސްނާލުން ކަމަށެވެ.

ރާއްޖޭގައި އަނއެއްކަ ވެސް ވަނީ ކޮވިޑްގެ އަދަދުތައް އިތުރުވާން ފަށާފައެވެ.

އެގޮތުން މިދިޔަ ހަފްތާގައި ރާއްޖެއިން ވަނީ 1200އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓުވް ވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.