ވަކި ވަކި މުއައްސަސާތަކުން ކުޑަކުދިންގެ މައްސަލަތަކުގައި ޢަމަލުކުރާގޮތުން ރާއްޖޭއިން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވޭ: މެޑަމް ފަޒުނާ

ކުޑަކުދިންގެ ކަންކަން ބެލުމުގައި ރާއްޖެއަކީ އިންސާނީ ވަޞީލަތް މަދު ޤައުމެއްކަމުން މިފަދަ ކަންކަމުގައި ލިބެން ހުރި ވަޞީލަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި "ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން: ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން" ފެށުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މެޑަމް ފަޒުނާ ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކޮންމެ މީހަކުވެސް އަމިއްލަޔަށް އަދާކުރަންވީ ދައުރާއި، މުއައްސަސާގެ ފަރާތުން އަދާކުރަންވީ ދައުރަކީ ކޮބައިކަން ދެނެގަތުމާއި، ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ރަނގަޅަށް މުއާމަލާތްކޮށްގެން އެފަދަ އަނިޔާއެއް ލިބިފައިވާ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަކީ އެންމެ އިސް ކަންތައް ކަމުގައި ދެކިގެން ކުރިޔަށް ދިޔުމަށް ގޮވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ވަކި ވަކި މުއައްސަސާތަކުން ކުޑަކުދިންގެ މައްސަލަތަކުގައި ޢަމަލުކުރާގޮތުން، މުޖުތަމަޢުގެ މެދުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ރާއްޖޭއިން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވާކަން ފާހަގަ ކުރައްވާފައެވެ. އަދި ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ވަކި ވަކި މުއައްސަސާތަކުން ބޭނުންވާ ކަންކަމުގެ ކުރިޔަށް އެކުދިންގެ ރައްކާތެރިކަން އިސްކޮށް ހުރިހާ މުއައްސަސާތަކުން ވެސް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.

ތިން ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ މޯލްޑިވްސް ޕޮލިސް ސަރިވިސަސްއާއި ޔުނިސެފް މޯލްޑިވްސް އިން ގުޅިގެން ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާ ގުޅޭގޮތުން ހުރި ޤާނޫނުތަކަށް ފުލުހުންގެ ހިންގުމުގެ ދާއިރާގެ ބޭފުޅުން އަހުލުވެރިކުރުމާއި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކުރިޔަށް އޮތް 18 މަސްދުވަހަށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަނެ އެ އެކްޝަން ޕޭލޭންތައް ތައްޔާރުކުރުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.